Roadha Mihaaru
ސާޖިންގެ ދަތުރަށް މަހެއް؛ އުތުރުން ބޮޑު ތަރުހީބެއް

ސާޖިންގެ ދަތުރަށް މަސް ދުވަސް؛ އުތުރުން ބޮޑު ތަރުހީބެއް

01 މާޗް 2023

ޒުވާން މަސްވެރިޔާ ހަސަން ސާޖިން، ރާއްޖޭގެ "އުތުރުން ދެކުނަށް" ފެށި ދަތުރަށް މިހާރު މަސް ދުވަސް ވީ އެވެ. ހއ. ތުރާކުނުން ފެށި މި ދަތުރުގައި މިހާރު ހަތް ރަށަކަށް އޭނާ ހިނގައްޖެ އެވެ. އެއިން ކޮންމެ ރަށެއްގައި ވެސް އޭނާއަށް ކުރެވުނީ ވަރަށް ތަފާތު ތަޖުރިބާއެކެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ޒުވާން މަސްވެރިޔާ ހަސަން ސާޖިން، ރާއްޖޭގެ "އުތުރުން ދެކުނަށް" ފެށި ދަތުރަށް މިހާރު މަސް ދުވަސް ވީ އެވެ. ހއ. ތުރާކުނުން ފެށި މި ދަތުރުގައި މިހާރު ހަތް ރަށަކަށް އޭނާ ހިނގައްޖެ އެވެ. އެއިން ކޮންމެ ރަށެއްގައި ވެސް އޭނާއަށް ކުރެވުނީ ވަރަށް ތަފާތު ތަޖުރިބާއެކެވެ.

ސާޖިން ބުނީ އެ ރަށްތަކުގެ ތެރެއިން އޭނާއަށް އެންމެ ހާއްސައީ ތުރާކުނު ކަމަށެވެ. އެއީ އެ ރަށުގެ މީހުން އޭނާއަށް ކީ މަރުހަބާ އާއި ބެހެއްޓި ގާތްކަމުގެ ސަބަބުން ކަމަށް ބުންޏެވެ. އޭނާ ބުނީ އެންމެ ބޮޑު އެހީތެރިކަމެއް ލިބުނީ އެ އަތޮޅު ހޯރަފުށީ ކައުންސިލުގެ ފަރާތުން ކަމަށެވެ.

"ތުރާކުނުގައި ހަމަ އާދަޔާ ހިލާފަށް މީހުން ހިތްހެޔޮ. އެންމެ މީހުން ހިތްހެޔޮ، މީހުންނާ ގުޅޭ، އެއް ބަޔަކު ދިރިއުޅޭ އެއް ރަށް،" އޭނާ ބުންޏެވެ.

"މިހެން ބުންޏަސް، މި ދެވުނު ހުރިހާ ރަށެއްގެ އެންމެން ވެސް ވަރަށް ސަޕޯޓިވް."

ސާޖިން "އުތުރުން ދެކުނަށް" ކުރާ ދަތުރުގައި ހއ. އިހަވަންދޫގެ މަސްވެރިންނާ ބައްދަލުކުރަނީ.

ސާޖިން "އުތުރުން ދެކުނަށް" ކުރާ ދަތުރުގައި ހއ. އިހަވަންދޫގެ މަސްވެރިންނާ ބައްދަލުކުރަނީ.

އޭނާ ދިޔަ ރަށްތަކުގެ މަސްވެރިންނާއި ކައުންސިލްތަކާ ބައްދަލުކޮށް، އެ ރަށްރަށުގައި މަސްވެރިކަންކުރާ ގޮތާއި ދިމާވާ ދަތިތަކާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރި އެވެ. އަދި ސްކޫލް ކުދިންނާ ބައްދަލުކޮށް، މަސްވެރިކަމަށް އެ ކުދިންގެ ޝައުގުވެރި ކުރުވުމަށް ހާއްސަ ސެޝަންތައް ވެސް ބޭއްވި އެވެ.

ސާޖިން ބުނި ގޮތުގައި، މިހާރު މަސް ދޯންޏެއްގައި އޮންނަނީ މަސްވެރިކަން ކުރުން އެކަންޏެއް ނޫނެވެ. އެހެން ވަރަށް ގިނަ ވަޒީފާތައް ވެސް އޮވެ އެވެ. އޭނާ ގަބޫލުކުރާ ގޮތުގައި، މި މައުލޫމާތަކީ މިހާރު ބޮޑުވަމުން އަންނަ ކުދިންނަށް އުނގަންނައިދީފައި ހުންނަ ޖެހޭ ކަންކަމެވެ. އޭނާ ބުނީ މި ދާއިރާއަށް އެ ކުދިންގެ ޝައުގުވެރިކަން އުފެއްދޭނީ އޭރުން ކަމަށެވެ.

"ކުރީގައި ބުނާނެ ނުކިޔަވަންޏާ ދާންޖެހޭނީ މަހަށޭ. އެކަމަކު މިހާރު މަހަކަށް ވެސް ނުދެވޭނެ ނުކިޔަވަންޏާ،" އޭނާ ބުންޏެވެ.

"މަސް ދޯންޏެއްގައި އެބަ އޮވޭ މަސް ބާނާ މީހެއްގެ ވަޒީފާ، ދޯނީގެ އިންޖީނާއި ޖެނެރޭޓަރާ އެހެން ސަމާނު ބަލަހައްޓާ އިންޖީނިއަރުންގެ ވަޒީފާ، ދޯނިން ބާނާ މަހުގެ ހިސާބު ބަލަހައްޓާ ކޭޝިއަރުންގެ ވަޒީފާ، މަސް އައިންތައް ހޯދުމަށް ބޭނުންކުރާ ފްރޫނޯ ރާޑަރު ބޭނުންކުރާ މީހުންގެ ވަޒީފާ، މިހެން ގޮސް ހަމަ ކިޔަވައިގެން އަދާކުރެވޭ ކަހަލަ ވަރަށް ގިނަ ވަޒީފާތައް އެބަހުރޭ."

އެކަމަކު އަދިވެސް ގިނަ މީހުން މިކަންކަމަށް ހޭލުންތެރިވެފައި ނެތް ކަމަށް ސާޖިން ބުންޏެވެ.

މަސްވެރިންގެ އިތުރުން މި ދަތުރުގައި އޭނާއަށް ތަފާތު މީހުންނާ ވެސް ދިމާވި އެވެ. ލޮލުގެ ފެނުމުން މަހުރޫމް ވިޔަސް މިދިޔަ 12 އަހަރު ފަންގި ވިނުމުގެ މަސައްކަތްކުރަމުން އަންނަ އިހަވަންދޫ އަހްމަދު ހުސެއިން އާއި ހަވީރު ފިންޏަށް ހޮޅުއައްޓަށް ދާ މީހުންނަށް ވާހަކަ ކިޔައިދޭ މާރަންދޫ އަބްދުއްސައްތާރަކީ އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ދެ މީހުންނެވެ.

ސާޖިން "އުތުރުން ދެކުނަށް" ކުރާ ދަތުރުގައި ހއ. އިހަވަންދޫން އޭނާއަށް މަރުހަބާ ކިޔަނީ.

ސާޖިން "އުތުރުން ދެކުނަށް" ކުރާ ދަތުރުގައި ހއ. އިހަވަންދޫން އޭނާއަށް މަރުހަބާ ކިޔަނީ.

އިހަވަންދޫގައި ހަދާ "ހިކިމަސް ޗިޕްސް" އަކީ ވެސް ގިނަ ބައެއްގެ ސަމާލުކަން ލިބުނު އެއްޗެކެވެ.

މި ދަތުރުގައި ދެން ސާޖިން ދާނީ ހއ. އުތީމަށެވެ.