Roadha Mihaaru
އުތީމުގައި އަދިވެސް 20 އަހަރު ކުރީގެ މަސްވެރިކަން

އުތީމުގައި އަދިވެސް މަސްވެރިކަން ކުރަނީ 20 އަހަރު ކުރިން އެކަން ކުރި ގޮތަށް

07 މާޗް 2023

ހއ. އުތީމުގައި އަދިވެސް މަސްވެރިކަން ކުރަނީ މީގެ ވިއްސަކަށް އަހަރު ކުރިން އެކަން ކުރި ގޮތަށެވެ. މިހާރު އެ ގޮތަށް މަސްވެރިކަން ކުރަނީ ވަރަށް މަދު ރަށެއްގަ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ހއ. އުތީމުގައި އަދިވެސް މަސްވެރިކަން ކުރަނީ މީގެ ވިއްސަކަށް އަހަރު ކުރިން އެކަން ކުރި ގޮތަށެވެ. މިހާރު އެ ގޮތަށް މަސްވެރިކަން ކުރަނީ ވަރަށް މަދު ރަށެއްގަ އެވެ.

އުތީމުގައި މިހާރު ހުރި ޒުވާން މަސްވެރިޔާ، ހަސަން ސާޖިން މިދިޔަ އާދިއްތަ ދުވަހު އެ ރަށުގެ މަސްވެރިންނާއެކު މަހަށް ދިޔަ އެވެ. މަހަށް ދިޔައީ ވެސް މީގެ 20 އަހަރު ކުރިން އެ ރަށު ބަޔަކު ބަނދެފައި އޮތް ކުޑަ އޮޑިއެއްގަ އެވެ.

ހއ. އުތީމު "އަރާކުރި" މަސް ދޯނިން މަސްވެރިން މަހަށް ދަނީ.-- ފޮޓޯ: ޒުވާން މަސްވެރިޔާގެ ޓީމް

ހއ. އުތީމު "އަރާކުރި" މަސް ދޯނިން މަސްވެރިން މަހަށް ދަނީ.-- ފޮޓޯ: ޒުވާން މަސްވެރިޔާގެ ޓީމް

އެކި ދުވަސްވަރު މަތިން ކުދިކުދި މަރާމާތުތައް ކޮށްގެން ބޭނުންކުރަމުން އަންނަ އެ އޮޑި އަދިވެސް ބަރާބަރެވެ.

އެ އޮޑިން ބާނާ މަސް ބަހަނީ ދެ ބަޔަކަށެވެ. އެއީ ދެ ބައިކޮށްފައި އެއް ބައި ފަޅުވެރިންނަށް އަދި އަނެއް ބައި އޮޑިވެރިޔާ އަށެވެ. މަސް ކިރާކަށް އެ މީހުން ނުގެންދެ އެވެ.

ހއ. އުތީމުގެ މަސްވެރިންނާއެކު ސާޖިން އެން ދެމުމުގެ މަސައްކަތުގައި.-- ފޮޓޯ: ޒުވާން މަސްވެރިޔާގެ ޓީމް

ހއ. އުތީމުގެ މަސްވެރިންނާއެކު ސާޖިން އެން ދެމުމުގެ މަސައްކަތުގައި.-- ފޮޓޯ: ޒުވާން މަސްވެރިޔާގެ ޓީމް

"އެ މީހުން އަމިއްލަ އަށް މަސް ކައްކައިގެން ހިއްކައިގެން ނޫނީ ރިހާކުރު ކައްކައިގެން، އަމިއްލަ އަށް އެ އެއްޗެހި ވިއްކައިގެން އާމްދަނީ ހޯދަނީ، އެންމެން ވެސް،" ސާޖިން ބުންޏެވެ.

"ދެން ކޮންމެ ދުވަހަކު އޮޑިވެރިޔާގެ ގެއިން ކޮއްތު ވެސް ދޭ ފަޅުވެރިންނަށް."

އޮޑީގެ ވެރިޔާ، މޫސާ ނަސީރު ބުނި ގޮތުގައި، ގާތްގަނޑަކަށް 13 މީޓަރު ހުންނަ އެ އޮޑިން 9-12 މަސްވެރިން ކަނޑުމަހަށް ދެ އެވެ.

"އަހަރުތަކެއް ކުރިން އަޅުގަނޑު ލަކުޑިން ބަން އޮޑިއެއް މިއީ މި ރަށުގައި. ފަހުން ދެން އެކި ފަހަރު މަތިން މަރާމާތުތައް ކުރީ. މިހާރު ފައިބަރު އަޅާފައި މި އޮތީ،" އޭނާ ބުންޏެވެ.

"މިހާރު ދެން މަހުގެ އަގު ވަރަށް ދަށީ. އެއީ ދިމާވާ އެންމެ ބޮޑު ދައްޗަކީ."

ސާޖިން ބުނީ ޒަމާނީ ވަސީލަތްތަކާއެކު މަސްވެރިކަން ކުރަމުން އަންނަ ގޮތާ ހިލާފަށް، އުތީމު ހިމެނޭ ގޮތަށް އުތުރުގެ ރަށްތަކުގައި އަދިވެސް އެން ދަމައި އުޅެނީ ފީނައިގެން، ދާ ޖަހައިގެން ކަމަށެވެ.

ހއ. އުތީމުގެ މަސްއޮޑިން އެން ދަމަން ދާ އެޅުމަށް މަސްވެރިން ފީނަނީ.-- ފޮޓޯ: ޒުވާން މަސްވެރިޔާގެ ޓީމް

ހއ. އުތީމުގެ މަސްއޮޑިން އެން ދަމަން ދާ އެޅުމަށް މަސްވެރިން ފީނަނީ.-- ފޮޓޯ: ޒުވާން މަސްވެރިޔާގެ ޓީމް

"ކުރީގައި ރާއްޖޭގައި މަސްވެރިކަން ކޮށް އުޅުނު ގޮތް ތަޖުރިބާކޮށްލެވުމުން ލިބުނު ހިތްހަމަޖެހުން ބޮޑު. ކުރީގައި ރާއްޖޭގައި މަސްވެރިކަން ކޮށް އުޅުނު ދަތި ހާލު ކޮންމެވެސް ވަރަކަށް އިހުސާސްކޮށްލެވުނު. މިއީ ތަފާތު ތަޖުރިބާއެއް،" ސާޖިން ބުންޏެވެ.

ރާއްޖޭގެ "އުތުރުން ދެކުނަށް" ސާޖިން ކުރާ މި ދަތުރުގައި މިހާރު ހއ. ގެ 8 ރަށަކަށް އޭނާ ހިނގައްޖެ އެވެ. އަދި އެ ރަށްރަށުގެ މަސްވެރިންނާ ބައްދަލުކޮށް، މިހާރު މަސްވެރިކަން ކުރަމުން އަންނަ ގޮތް އޭނާ ބެލި އެވެ.