Roadha Mihaaru
ރިޔާސީރޭހުގައި ވާދަކުރެވޭ ލެވެލްގައި ހުރީ ގާސިމް އެކަނި

ރިޔާސީ ރޭހުގައި ވާދަކުރެވޭ ލެވެލްގައި ހުންނެވީ ގާސިމް އެކަނި: އިލްހާމް

29 މާޗް 2023

ޖުމްހޫރީ ޕާޓީ (ޖޭޕީ) އިސްވެ އޮވެ، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ކޯލިޝަނެއް ހަދައިގެން ނުކުންނަން ތައްޔާރުވަމުން އަންނައިރު މިވަގުތު ރާއްޖޭގެ ސިޔާސީ ލީޑަރުންގެ ތެރެއިން ރިޔާސީ ރޭހުގައި ވާދަކުރެވޭ ލެވެލްގައި ހުންނެވި ހަމައެކަނި ބޭފުޅަކީ ގާސިމް އިބްރާހިމް ކަމަށް އޭނާގެ ސްޕެޝަލް އެންވޯއި އަދި މަޖިލީހުގެ ކުރީގެ މެމްބަރު އިލްހާމް އަހުމަދު ވިދާޅުވެއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ޖުމްހޫރީ ޕާޓީ (ޖޭޕީ) އިސްވެ އޮވެ، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ކޯލިޝަނެއް ހަދައިގެން ނުކުންނަން ތައްޔާރުވަމުން އަންނައިރު މިވަގުތު ރާއްޖޭގެ ސިޔާސީ ލީޑަރުންގެ ތެރެއިން ރިޔާސީ ރޭހުގައި ވާދަކުރެވޭ ލެވެލްގައި ހުންނެވި ހަމައެކަނި ބޭފުޅަކީ ގާސިމް އިބްރާހިމް ކަމަށް އޭނާގެ ސްޕެޝަލް އެންވޯއި އަދި މަޖިލީހުގެ ކުރީގެ މެމްބަރު އިލްހާމް އަހުމަދު ވިދާޅުވެއްޖެ އެވެ.

ޖުމްހޫރީ ޕާޓީގެ ދާއިރާ ރައީސުން ހޮވަން ކޮމިޓީއެއް އެކުލަވާލައި، ދާއިރާތަކަށް ކުރިމަތިލުމަށް ހުޅުވާލާފައިވާކަން އިއުލާންކޮށް، މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިލްހާމް ވިދާޅުވީ ޖޭޕީ އިސްވެ އޮވެ ރިޔާސީ ރޭހުގައި ވާދަކުރަން ނިންމި ނަމަވެސް އެ ޕާޓީއާ އެކު ކޯލިޝަން ހެދުމުގެ މަޝްވަރާގައި ބައިވެރިވުމުގެ ފުރުސަތު ހުރިހާ ޕާޓީތަކަށް ވެސް އޮންނާނެ ކަމަށެވެ.

އޭނާ ވިދާޅުވީ ޖޭޕީއަކީ މާބޮޑު ޕާޓީއަކަށް ނުވިޔަސް ޖޭޕީ ތަފާތުވަނީ އެ ޕާޓީގެ ލީޑަރަކީ ރާއްޖޭގެ އެކި ދާއިރާތަކުން މަސައްކަތް ކުރައްވައި ތަޖުރިބާ ހުންނެވި ބޭފުޅަކަށްވާތީ ކަމަށެވެ. ސިޔާސީ ރޭހުގައި ވާދަކުރެއްވޭނެ އެންމެ ތަޖުރިބާ ހުންނެވި ބޭފުޅަކީ ވެސް ގާސިމް ކަމަށް އޭނާ ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ލީޑާޝިޕްގެ އިސްވެރިން ބައިވެރިވަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ޖުމްހޫރީ ޕާޓީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ލީޑާޝިޕްގެ އިސްވެރިން ބައިވެރިވަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ރިޔާސީ އިންތިހާބުގައި އެ ޕާޓީން ވާދަކުރައްވާނީ ކޮން ބޭފުޅެއްތޯ ނޫސްވެރިން ސުވާލުކުރުމުން އިލްހާމް ވިދާޅުވީ އިދާރީ ގޮތުން އެކަން ސާފުނުވާ ކަމަށެވެ. އެހެންވެ، މިހާތަނަށް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ގާސިމް ނިންމެވިކަމެއް ވެސް ނޭނގޭ ކަމަށް ވިދާޅުވި އެވެ.

"އެކަމަކު އެމަނިކުފާނު އަމިއްލަފުޅަށް ނިންމެވުމާ ނުނިންމެވުން އެހެން ކަމެއް. އެކަމަކު މާދަމާ 12 ޖަހާއިރަށް އަޅުގަނޑު ގަބޫލުކުރަނީ މި ޕާޓީން ނިންމާ ނިންމުމެއް ކޮންމެވެސް ސިފައެއްގައި އެނގިގެންދާން ޖެހޭނެ ކަމަށް،" އިލްހާމް ވިދާޅުވި އެވެ.

ޖޭޕީގެ ރިޔާސީ ކެންޑިޑޭޓަކީ ގާސިމް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ހިންގާ ކެމްޕޭންތަކާ ގުޅިގެން އިލްހާމް ވިދާޅުވީ ޖޭޕީގެ ލީޑާޝިޕްގައި ތިއްބެވި ކޮންމެ ބޭފުޅަކީ ވެސް ގާސިމަށް ތާއީދުކުރައްވައި، އަދި އެމަނިކުފާނު ވެރިކަމަށް އަންނާނެ ކަމުގެ އުއްމީދުގައި ތިއްބެވި ބޭފުޅުން ކަމަށެވެ. އެހެންވެ، ގާސިމްގެ ސަޕޯޓަރުން ކެމްޕެއިން ކުުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އިލްހާމް ވިދާޅުވި ގޮތުގައި މިވަގުތު ސަރުކާރުގައި ތިއްބެވި އެ ޕާޓީގެ އެކި ބޭފުޅުން ޖުމްހޫރީ ޕާޓީން އިންތިހާބުގައި ވާދަކުރާ ހިސާބުން އެ ޓީމާ އެކު ކުރިއަށް ދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

ޖޭޕީން ރިޔާސީ އިންތިހާބަށް ތައްޔާރުވަމުން އަންނައިރު އެ ޕާޓީން އަންނަނީ ކޯލިޝަން ހެދުމަށް ޕާޓީތަކާ އެކު މަޝްވަރާކުރަމުންނެވެ. މިރޭ ވެސް އެ ޕާޓީގެ އޮފީހުގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފެކްޝަނުގެ ބޭފުޅުންނާ އެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފަ އެވެ.