Roadha Mihaaru
ގާސިމްގެ ސްޕެޝަލް އެންވޯއިއަކަށް އިލްހާމް

ގާސިމްގެ ސްޕެޝަލް އެންވޯއިއަކަށް އިލްހާމް

20 މާޗް 2023

ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ގާސިމް އިބްރާހިމްގެ ސްޕެޝަލް އެންވޯއި އަކަށް އޭނާގެ އެޑްވައިޒަރުގެ މަގާމުގައި މިހާތަނަށް ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އިލްހާމް އަހުމަދު މިއަދު އައްޔަން ކުރައްވައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ގާސިމް އިބްރާހިމްގެ ސްޕެޝަލް އެންވޯއި އަކަށް އޭނާގެ އެޑްވައިޒަރުގެ މަގާމުގައި މިހާތަނަށް ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އިލްހާމް އަހުމަދު މިއަދު އައްޔަން ކުރައްވައިފި އެވެ.

ގާސިމާ ސިޔާސީ ގޮތުން އެންމެ އަރިސް ބޭފުޅުންގެ ލިސްޓުގެ ކުރީގައި އުޅުއްވާ އިލްހާމަށް ސްޕެޝަލް އެޑްވައިޒަރުކަން ދެއްވިކަން ގާސިމް އިއުލާން ކުރެއްވީ މިއަދު ބޭއްވި ޖޭޕީގެ ކައުންސިލްގެ ބައްދަލުވުމުގަ އެވެ.

ގާސިމްގެ ސްޕެޝަލް އެންވޯއީގެ މަގާމަށް ގެމަނަފުއްޓާއި ދަނގެތި ދާއިރާގެ ކުރީގެ މެމްބަރު އިލްހާމް ހަމަޖެއްސުމާ އެކު، ކުރިން އޭނާ ހުންނެވި ގާސިމްގެ އެޑްވައިޒަރުގެ މަގާމުން ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބަށް ޖޭޕީން ވަކިން ވާދަކުރަން ނުވަތަ އެ ޕާޓީ އިސްވެ ހަދާ ކޯލިޝަނަކުން އިންތިހާބަށް ނުކުންނަން ކޮންގްރެސް އިން ފާސްކޮށްފައިވާއިރު، އެ މަޝްވަރާތަކުގައި ވެސް ބައެއް ފަހަރު އިލްހާމް އިސްކޮށް އުޅުއްވަ އެވެ. އިލްހާމް ހިމެނިފައި ވަނީ ޖޭޕީގެ ތެރެއިން ގާސިމް އެންމެ އިތުބާރު ކުރައްވާ އެއްބޭފުޅާގެ ގޮތުގަ އެވެ.

ގާސިމްގެ އެޑްވައިޒަރުންގެ ލިސްޓަށް ވެސް މިއަދު ވަނީ އާ ތިން ބޭފުޅަކު ހަމަޖައްސަވައިފަ އެވެ. އެއީ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) އާއި ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހަސަން މުގްނީ އަދި މަޝްހޫރު ވާހަކަ ލިޔުންތެރިޔާ އެއީ ޔަޝްފާ އަބްދުލް ޣަނީ އެވެ.

ގާސިމްގެ އެޑްވައިޒަރުކަމުގެ މަގާމުގައި ކުރިން ތިއްބެވި ރައްޔިތުންގެ މަޖިލިހުގެ ކުރީގެ ދެ މެމްބަރުން ކަމަށްވާ އަހުމަދު ނިހާނާއި ރިޔާޒް ރަޝީދު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހޯމް މިނިސްޓަރުކަން ކުރެއްވި އަޒްލީން އަހުމަދު މިހާރު ވަނީ ގާސިމްގެ ސްޕެޝަލް އެޑްވައިޒަރުންގެ ގޮތުގައި ހަމަޖައްސަވައިފަ އެވެ.

ޖޭޕީން ބުނީ، އެ ޕާޓީގެ އަސާސީ ގަވައިދުން ލީޑަރު ގާސިމަށް ލިބިދޭ ބާރުގެ ދަށުން ކައުންސިލަށް އައްޔަންކުރާ 10 މެމްބަރުންގެ ތެރެއިން ދެ މެމްބަރަކު ވެސް މިއަދު އެ ޕާޓީގެ ކައުންސިލް ބައްދަލުވުމުގައި އައްޔަންކުރި ކަމަށެވެ. އެއީ އިބްރާހިމް ޖިހާދާއި އަބްދުﷲ ރަޝީދެވެ.