Roadha Mihaaru
ގާސިމް އިންތިހާބުގައި ވާދަކުރައްވަން ނިންމަވައިފި

ގާސިމް، ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ނިންމަވައިފި

30 މާޗް 2023

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ޖުމްހޫރީ ޕާޓީގެ ލީޑަރު، ގާސިމް އިބްރާހިމް ނިންމަވައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ޖުމްހޫރީ ޕާޓީގެ ލީޑަރު، ގާސިމް އިބްރާހިމް ނިންމަވައިފި އެވެ.

ޖުމްހޫރީ ޕާޓީ އިސްވެ އޮވެ ކޯލިޝަނަކުން ރިޔާސީ އިންތިހާބުގައި ވާދަކުރަން ކައުންސިލުން ގަރާރެއް ފާސްކޮށް، ޕްރައިމަރީއަށް ކުރިމަތިލާން ހުޅުވާލި މުއްދަތު މިއަދު 12 ޖެހިއިރު ވަނީ ހަމަވެފަ އެވެ.

ގާސިމްގެ ސްޕެޝަލް އެންވޯއި އިލްހާމް އަހްމަދު ވިދާޅުވީ މުއްދަތު ހަމަވިއިރު ރިޔާސީ ޕްރައިމަރީއަށް ފޯމު ހުށަހެޅުއްވީ ގާސިމް އެކަނި ކަމަށެވެ.

ޖޭޕީގެ ކައުންސިލް ބައްދަލުވުން ގާސިމް ކުރިއަށް ގެންދަވާއިރު، އޭނާގެ ވާހަކަ މެމްބަރުން އަޑުއައްސަވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

ޖޭޕީގެ ކައުންސިލް ބައްދަލުވުން ގާސިމް ކުރިއަށް ގެންދަވާއިރު، އޭނާގެ ވާހަކަ މެމްބަރުން އަޑުއައްސަވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

ފޯމު ހުށަހަޅުއްވައި ގާސިމް އާއްމުކުރެއްވި ސިޓީގައި ވިދާޅުވީ މުއްދަތު ހަމަވިއިރު އެއްވެސް ބޭފުޅަކު ޝައުގުވެރިކަން ފާޅުކޮށް ހުށަހަޅާފައި ނުވާތީ ކައުންސިލުން ފާސްކުރި ގަރާރާ އެއްގޮތަށް އިންތިހާބުގައި ވާދަކުރައްވަން ނިންމެވީ ކަމަށެވެ.

ޖުމްހޫރީ ޕާޓީގެ ކައުންސިލްގެ ނިންމުމާ އެކު އެ ޕާޓީން އައީ އިންތިހާބަށް ކޯލިޝަން ހެދުމާ ގުޅޭ ގޮތުން މަޝްވަރާތައް ބާއްވަމުންނެވެ. އޭގެތެރޭގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ ތެރެއިން އުފައްދަވައިގެން އުޅުއްވާ "ފިކުރެއްގެ ދިރުން" ހަރަކާތް ވެސް ހިމެނެ އެވެ.

އެ ހަރަކާތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދުނުކުރަން ނިންމައި، މަޝްވަރާކުރަމުން އަންނަނީ ޖޭޕީއާ އެކު ކޯލިޝަނަކުން ސަރުކާރު އެކުލަވާލުމަށެވެ.

ގާސިމް މި ފަހުން ވަނީ ޖޭޕީގެ ރިޔާސީ ކެމްޕޭން ހިންގުމުގެ އެންމެ އިސް ބޭފުޅަކަށް ޕާޓީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހިމް ހަމަޖައްސަވައިފަ އެވެ. އިންތިހާބު ކާމިޔާބު ކުރެވޭނީ އެންމެންގެ އެއްބާރުލުމާ އެކުގައި ކަމަށް ވިދާޅުވެ އެހީތެރިކަމަށް ވެސް އެދިވަޑައިގެންފައިވެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ދެ ވަނަ ދައުރަކަށް އެމްޑީޕީއާ އެކު ކޯލިޝަން ހެދުމަށް ދެއްވި ދައުވަތަށް ޖޭޕީން މިހާތަނަށް ރަސްމީ ޖަވާބެއް ނުފޮނުވާ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. އިންތިހާބަށް ވަކިން ވާދަކުރަން ގާސިމް ނިންމަވައިފި ނަމަ އެކަމަކީ ކޯލިޝަނެއްގެ ގޮތުގައި ކުރިއަށްދާން އުނދަގޫވާނެ ކަމެއް ކަަމަށާއި އެކުގައި ނުތިބެވޭ ނަމަ ކޯލިޝަން އެއްބަސްވުން ނިމުމަކަށް ގެންނަން ޖެހޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ވިދާޅުވެފަ އެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން މިހާތަނަށް އިއުލާންކުރައްވާފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރެވެ. އިދިކޮޅު އެންމެ ބޮޑު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކީ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނެވެ.