Roadha Mihaaru
ޓީޓީ ޓީމު ތަމްރީންކުރަން ޗައިނާ ކޯޗަކު ރާއްޖެއަށް

ގައުމީ ޓީޓީ ޓީމު ތަމްރީންކުރަން ޗައިނާގެ ޕްރޮވިންސް ހެޑް ކޯޗަކާއި ދެކުޅުންތެރިން ރާއްޖެ އަށް

05 މާޗް 2023

މި އަހަރު ބާއްވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އަށް ދިވެހި ކުޅުންތެރިން ތަމްރީންކުރަން ޓޭބަލް ޓެނިސްގައި އެންމެ ވަރުގަދަ ޗައިނާގެ ޔުނާން ޕްރޮވިންސްގެ ހެޑް ކޯޗާއި ދެ ކުޅުންތެރިޔަކު ރާއްޖެ އަތުވެއްޖެ އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

މި އަހަރު ބާއްވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އަށް ދިވެހި ކުޅުންތެރިން ތަމްރީންކުރަން ޓޭބަލް ޓެނިސްގައި އެންމެ ވަރުގަދަ ޗައިނާގެ ޔުނާން ޕްރޮވިންސްގެ ހެޑް ކޯޗާއި ދެ ކުޅުންތެރިޔަކު ރާއްޖެ އަތުވެއްޖެ އެވެ.

ޗައިނާގެ ޓީޓިގެ ޑިވެލޮޕްމެންޓްގެ ހައިރާކީގައި ސަބު އެސޯސިއޭޝަންތަކެއްގެ ގޮތުގައި ޕްރޮވިންސްތަކަށް ބަހާލާފައި އޮވެ އެވެ. އިއްޔެ ރާއްޖެ އައި ހަންގު އަންގުއޯ އަކީ ޕްރޮވިންސްގެ ހެޑް ކޯޗެވެ. އޭނާގެ ދަށުން ޑިވެލޮޕްމެންޓް ޕޫލުތަކެއް އެ ޕްރޮވިންސްގައި ހިންގަ އެވެ.

ޓީޓީ އެސޯސިއޭޝަން (ޓީޓީއޭއެމް) ގެ ރައީސް އަލީ ރަޝީދު ވިދާޅުވީ މި މަހު 18 ވަނަ ދުވަހާ ހަމައަށް ދިވެހި ކުޅުންތެރިންގެ ތަމްރީން ޕްރޮގްރާމެއް އަންގުއޯ ބެލުމުގެ ދަށުން ކުރިއަށް ގެންދާނެ ކަމަށެވެ.

އޭނާ އާއެކު އިއްޔެ ރައްޖެ އައި ދެ ކުޅުންތެރިން ކަމަށްވާ، ހީ ޒިއާންގް އާއި ޒިއާޝޫ ޗެން ދިވެހި ކުޅުންތެރިންނާ ދެކޮޅަށް ޓްރޭނިން މެޗުތަކެއް ކުޅޭނެ އެވެ.

"ދިވެހި ކުޅުންތެރިންގެ ގޭމް އިމްޕްރޫވް ކުރަން ސަމާލުކަން ދޭނެ،" ކުރީގެ ކުޅުންތެރިޔާ އަލީ ވިދާޅުވި އެވެ.

ޗައިނާގެ ކޯޗާއި ދެ ކުޅުންތެރިން ރާއްޖެ އައީ ޗައިނާގެ އެމްބަސެޑަރު ވަންގް ލިޒިން އާއި ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހުލޫފް އިސްނެންގެވުމުގެ މަތިންކަން އަލީ ފާހަގަ ކުރެއްވި އެވެ.