Roadha Mihaaru
ޑަބަލްސް ޗެމްޕިއަންކަން ރަފާ އާއި ޒާރާ އަށް

ގައުމީ ޓީޓީ މުބާރާތުގެ ޑަބަލްސް ޗެމްޕިއަންކަން ރަފާ އާއި ޒާރާ އަށް

28 ޑިސެމްބަރ 2022

މިހާރު ކުރިއަށްދާ ގައުމީ ޓޭބަލް ޓެނިސް މުބާރާތުގެ ޑަބަލްސް ކެޓަގަރީގެ ޗެމްޕިއަންކަން އައިޝަތު ރަފާ ނާޒިމް އާއި ޒާރާ ހަސަން ލަތީފްގެ ޕެއާ ހޯދައިފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

މިހާރު ކުރިއަށްދާ ގައުމީ ޓޭބަލް ޓެނިސް މުބާރާތުގެ ޑަބަލްސް ކެޓަގަރީގެ ޗެމްޕިއަންކަން އައިޝަތު ރަފާ ނާޒިމް އާއި ޒާރާ ހަސަން ލަތީފްގެ ޕެއާ ހޯދައިފި އެވެ.

ފަސް ޕެއާ އަށް ވުރެ މަދުން އެ ކެޓަގަރީގައި ވާދަކުރުމުން، ޓީޓީ އެސޯސިއޭޝަނުން ނިންމީ ރައުންޑް ރޮބިން އުސޫލުން ކުޅެ ޗެމްޕިއަންކަން ކަނޑައެޅުމަށެވެ.

މިދިޔަ މަހު ހުޅުވި މާލޭގެ ޓީޓީ ހޯލްގައި ކުރިއަށްދާ މުބާރާތުގައި އެއް ވަނަ ޑިވިޝަން އަހެން ޑަބަލްސް ކެޓަގަރީގައި ޖުމުލަ ހަތަރު ޕެއާ ވާދަކުރި އެވެ. ރާފާ އާއި ޒާރާގެ ޕެއާގެ ފަހަތުން ދެ ވަނަ ހޯދީ ފާތިމަތު ދީމާ އަލީ އާއި ތަޖުރިބާކާރު ކުޅުންތެރިޔާ ފާތިމަތު ޖުމާނާ ނިމާލްގެ ޕެއާ އެވެ.

ތިން ވަނަ ހޯދީ މަލާކް ބިންތި މުއިއްޒު އާއި މިޝްކާ މުހައްމަދު އިބްރާހިމްގެ ޕެއާ އެވެ. ހަތަރު ވަނަ ހޯދީ އާމިނަތު ޝިއުރާ ޝަރީފް އާއި އަފްނާން އިބްރާހިމްގެ ޕެއާ އެވެ.

ބައެއް އެހެން އުމުރު ފުރާތަކުގެ ޑަބަލްސް ކެޓަގަރީ ޗެމްޕިއަންކަން ކަނޑައެޅީ ވެސް ރައުންޑް ރޮބިން އުސޫލުން ކުޅުމަށް ފަހު އެވެ. އެގޮތުން 13 އަހަރުން ދަށުގެ އަންހެން ޑަބަލްސް ކެޓަގަރީގެ ޗެމްޕިއަންކަން ހޯދީ ފުވައްމުލަކުގެ ޓީޓީ ސެންޓަރަށް ނިސްބަތްވާ މިޝްޔާ އަހުމަދު އާދަމް އާއި އާމިނަތު ޒާޔާ އަބްދުލް އަޒީޒު އެވެ.

ޖުމުލަ ހަތަރު ޕެއާ ވާދަކުރި އެ އުމުރުފުރާގެ ޑަބަލްސް ބައިގެ ދެ ވަނަ ހޯދީ މާލޭގެ ވައިޑީޕީ އަށް ނިސްބަތްވާ އައިޝަތު އަލްސާ ނާފިޒް އާއި ސާރާ މޫސާ ޖަމީލްގެ ޕެއާ އެވެ. ތިން ވަނަ ހޯދީ ފުވައްމުލަކަށް ނިސްބަތްވާ އައިޝަތު ނަބާހަތު އަމްޖަދު އާއި އާމިނަތު ޝާޔާންގެ ޕެއާ އެވެ. ހަތަރު ވަނަ ހޯދީ މަލާކް އާއި އައިޝާ ޒީބާ ހަސަން އެވެ.

އުމުރުފުރާ ކެޓަގަރީގެ 17 އަހަރުން ދަށުގެ އަންހެން އަދި ފިރިހެން ޑަބަލްސް ޗެމްޕިއަންކަން ކަނޑައެޅީ ވެސް ރައުންޑް ރޮބިން އުސޫލުންނެވެ. އެ އުމުރުފުރާގެ އަންހެން ޑަބަލްސް ޗެމްޕިއަންކަން ހޯދީ މިޝްކާ އާއި ދީމާގެ ޕެއާ އެވެ. ދެ ވަނަ ހޯދީ ޒާރާ ހަސަން ލަތީފްގެ އާއި މަލާކްގެ ޕެއާ އެވެ. ތިން ވަނަ ހޯދީ އައިޝަތު ޒާރާ ޝާހިލް އާއި މިންހާ މަހްޖޫބު ޝުޖާއުގެ ޕެއާ އެވެ. ހަތަރު ވަނަ ހޯދީ ފުވައްމުލަކަށް ނިސްބަތްވާ މިޝްޔާ އަހުމަދު އާދަމް އާއި އާމިނަތު ޒާޔާ އަބްދުލް އަޒީޒުގެ ޕެއާ އެވެ.

އެ އުމުރުފުރާގެ ފިރިހެން ޑަބަލްސް ޗެމްޕިއަންކަން ހޯދީ އަޚިޔާރު އަހުމަދު ހާލިދު އާއި ޒީކް ހަސަން ލަތީފްގެ ޕެއާ އެވެ. ދެ ވަނަ ހޯދީ އައުން އިބްރާހިމް ލަތީފްގެ ޕެއާ އާއި އުމެއިރު މުހައްމަދު މުއިއްޒުގެ ޕެއާ އެވެ. ތިން ވަނަ ހޯދީ އަހްމަދު ރާޔަން މުހައްމަދު އާއި ހުސައިން އާދު އާސިމްގެ ޕެއާ އެވެ. ހަތަރު ވަނަ ހޯދީ ފުވައްމުލަކަށް ނިސްބަތްވާ އައިމަން އަހުމަދު ރަޝީދު އާއި ޔަޒީން ހުސައިން ޝަރީފްގެ ޕެއާ އެވެ.

މިކްސް ޑަބަލްސް 17 އަހަރުން ދަށުގެ ކެޓަގަރީ އެއް ވަނަ ޑިވިޝަންގެ ފައިނަލު މެޗުތައް ކުޅޭނެ އެވެ. އެއް ވަނަ ޑިވިޝަންގެ މިކްސް ޑަބަލްސް ފައިނަލުގައި ވާދަކުރާނީ ރަފާ އާއި މޫސާ މުންސިފްގެ ޕެއާ އަދި މުހައްމަދު ޝައްފާން އާއި ދީމާގެ ޕެއާ އެވެ. މިކްސް ޑަބަލްސް 17 އަހަރުން ދަށުގެ ފައިނަލުގައި ވެސް ދީމާ ވާދަކުރާނެ އެވެ. އެ ކެޓަގަރީގައި އޭނާގެ ޕެއާ އަކީ އަޚިޔާރު އެވެ. އެ ދެ ކުޅުންތެރިންނާ ދެކޮޅަށް ނުކުންނާނީ މަލާކް އާއި ހުސައިން އާދު އެވެ. ޑަބަލްސް ފައިނަލުތައް ކުޅޭނީ މާދަމާ އެވެ.