Roadha Mihaaru
ޖީ20: މާލީ ވަޒީރުންގެ ބައްދަލުވުން ތޮޅިޔަށް

ޖީ20: މާލީ ވަޒީރުންގެ ބައްދަލުވުން ތޮޅިޔަށް

26 ފެބުރުއަރީ 2023

މާލީ ގޮތުން އެންމެ ކުރިއަރާފައިވާ ގައުމުތަކުގެ ޖަމާއަތް ޖީ20 (ގުރޫޕް އޮފް ޓުވެންޓީ)ގެ މާލީ ވަޒީރުންގެ ބައްދަލުވުން، ރަޝިޔާ ކުށްވެރިކުރުމުގައި އެއްބަސްވުމަކަށް ނާދެވި ޚިޔާލު ތަފާތުވުންތަކާ އެކުގައި ނިންމައިލަން ޖެހިއްޖެ އެވެ.

މާލީ ގޮތުން އެންމެ ކުރިއަރާފައިވާ ގައުމުތަކުގެ ޖަމާއަތް ޖީ20 (ގުރޫޕް އޮފް ޓުވެންޓީ)ގެ މާލީ ވަޒީރުންގެ ބައްދަލުވުން، ރަޝިޔާ ކުށްވެރިކުރުމުގައި އެއްބަސްވުމަކަށް ނާދެވި ޚިޔާލު ތަފާތުވުންތަކާ އެކުގައި ނިންމައިލަން ޖެހިއްޖެ އެވެ.

މިދިޔަ ހަފުތާގެ ބުދަ ދުވަހުން ފެށިގެން އިއްޔެގެ (ފެބްރުއަރީ 22-25) ނިޔަލަށް އިންޑިއާގެ ބެންގަލޫރުގައި ބޭއްވި މާލީ ވަޒީރުންގެ މަހާސިންތާ އިއްޔެ ނިންމައިލި އިރު، މަހާސިންތާގެ ބައިވެރިންގެ ގުޅިފައިވާ ބަޔާން ނެރުމާ މެދު މެމްބަރުންގެ މެދުގައި ވަރަށް ބޮޑަށް ޚިޔާލު ތަވާތުވި އެވެ. މެމްބަރުންގެ މެދުގައި ޚިޔާލު ތަފާތުން އުފެދުނީ، ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައާ ގުޅިގެން ރަޝިޔާ ކުށްވެރިކުރުމުގެ އިބާރާތްތަކެއް، ބަޔާނުގައި ހިމަނަން، އިންޑިއާ ފަސް ޖެހުމުންނެވެ.

ޖީ20ގެ މި ދައުރުގެ ރިއާސަތު ބަލަހައްޓަމުން އަންނަނީ އިންޑިއާ އިންނެވެ. ރަޝިޔާ ކުށްވެރިކުރުމަށް އިންޑިއާ ބޭނުން ނުވި ނަމަވެސް، ހުޅަނގުގެ ގައުމުތައް ބޭނުންވީ، މަހާސިންތާގެ ގުޅިފައިވާ ބަޔާނުގައި، އެންމެ ހަރުކަށި އިބާރާތުން ރަޝިޔާ ކުށްވެރި ކުރާށެވެ. އަދި ރަޝިޔާ ކުށްވެރިނުކޮށް އެކުލަވައިލާ އެއްވެސް ބަޔާނަކަށް ތާއީދު ނުކުރާނެ ކަމަށް އެ ގައުމުތަކުން ބުންޏެވެ.

ނަމަވެސް މި މައްސަލައިގައި ދެ ދުވަސް ވަންދެން ބަހުސްކޮށްގެން ވެސް ކޮޅެއްގައި ޖެހޭ ގޮތެއް ނުވި އެވެ. ރަޝިޔާ ރުޅި އަތުވެދާނެތީ، އިންޑިއާ އިސްވެ އެފަދަ އިބާރާތެއް ހިމަނަން ބޭނުން ނުވުމުގެ އިތުރުން، ރަޝިޔާއާ އެންމެ ގުޅުން ބޮޑު ޗައިނާ ވެސް، ރަޝިޔާ ކުށްވެރިކުރަން ބޭނުމެއް ނުވެ އެވެ.

މި މައްސަލައިގައި އެއްބަސްވެވޭ ހައްލެއް ނުހޯދެވުމުން، ރިއާސަތު ބަލަހައްޓާ ގައުމުގެ ހައިސިއްޔަތުން އިންޑިއާ އަށް މަޖުބޫރުވީ، ރިއާސަތުގެ ޚުލާސާއާއެކު މަހާސިންތާ ނިންމުމުގެ ބަޔާން ނިންމައިލާށެވެ. އެ ބަޔާނުގައި އިންޑިއާ އިން ހިމަނާފައިވަނީ، ދެ ދުވަސް މަތިން ކުރެވުނު މަޝްވަރާތަކުގެ ޚުލާސާއަކާއި، މެންބަރު ގައުމުތަކަށް އެއްބަސްނުވެވުނު ވާހަކ އެވެ.

"ގިނަ މެމްބަރުން ވަނީ، ޔޫކްރޭންގައި މިހާރު ހިނގަމުންދާ ހަނގުރާމަ ވަރަށް ހަރުކަށިކޮށް ކުށްވެރިކޮށް، އަދި އެ ހަނގުރާމައިގެ ސަބަބުން މުޅި އިންސާނިއްޔަތު އެތައް ތަކުލީފުތަކެއް އުފުލަންޖެހިފައިވާ ކަމާއި، ދުނިޔޭގެ އިގްތިސާދަށް މިހާރު ކުރިމަތިވެފައިވާ ނާޒުކު ކަންތައް އިތުރަށް ގޯސްވަމުންދާ ކަން ގިނަ މެމްބަރު ގައުމުތަކުން ފާހަގަކުރޭ،" މަހާސިންތާގެ ޚުލާސާ ބަޔާނުގައިވެ އެވެ.

އޭގެ އިތުރުން އެ ބަޔާނުގައި ބުނެފައިވާ ގޮތުގައި އެއް ގައުމުން އަނެއް ގައުމަށް ކާބޯތަކެއްޗާއި މުދާ އުފުލުމަށް ވެސް، ޔޫކްރޭން ހަނގުރާމައިގެ ސަބަބުން ވަނީ ހުރަސް އެޅިފަ އެވެ. މާލީ ދާއިރާގެ ހަމަޖެހުމަށް ނުރައްކާތައް ކުރިމަތިވެ، ހަކަތަ އާއި ކާނާގެ ރައްކާތެރިކަން ވެސް ނެތެމުންދާ ކަމަށް އެ ބަޔާނުގައިވެ އެވެ.

"ހަމައެފަދައިން ޔޫކްރޭންގައި މިހާރު އޮތް ހާލަތާ މެދު، އަދި ޔޫކްރޭން ހަނގުރާމައާ ގުޅިގެން ރަޝިޔާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ މެދު، މުޅިން ތަފާތު ވިސްނުންތަކާއި މުޅިން ތަފާތު ވަޒަންކުރުންތައް ވެސް އެބަހުރި،" ޔޫކްރޭން ހަނގުރާމައާ ގުޅިގެން ރަޝިޔާ އަށް ދަތިކުރުމަށް، އެމެރިކާ އާއި ވިލާތުގެ ގައުމުތަކުން އަޅާފައިވާ ފިޔަވަޅުތަކަށް އިޝާރާތްކޮށް، ޚުލާސާ ބަޔާނުގައި ބުނެފައިވެ އެވެ.

ގުޅިފައިވާ ބަޔާނުގައި، ރަޝިޔާ ކުށްވެރިކުރުމަށް އެމެރިކާ އާއި ވިލާތުގެ ގައުމުތަކުން ބާރު އަޅަން ފެށުމާއެކު، ރަޝިޔާ އާއި ޗައިނާ އިން ވަނީ، އެ ބަޔާނުގައި އެ ދެ ގައުމުން ސޮއި ނުކުރާނެ ކަމަށް ބުނެފަ އެވެ. މަހާސިންތާގެ ގުޅިފައިވާ ބަޔާނާ މެދު ހުރިހާ ގައުމުތަކަށް އެއްބަސް ނުވެވެނު ނަމަވެސް، މެމްބަރު ގައުމުތަކުގެ ހުރިހާ މާލީ ވަޒީރުން ބައިވެރިވުމަކީ ލިބުނު ކުއިއެރުމެއް ކަމަށް އިންޑިއާގެ މާލީ ވަޒީރު ނިރްމާލާ ސީތާރާމަން ވިދާޅުވި އެވެ.