Roadha Mihaaru
އެމެރިކާ އިން އިންޑިއާ އަށް: ރަޝިޔާއާ އެއްބައިނުވޭ

ރަޝިޔާއާ އެއްބައިނުވުމަށް އެމެރިކާގެ އިންޒާރު އިންޑިއާ އަށް

07 އެޕްރީލް 2022

ރަޝިޔާ އިން ޔޫކްރޭންގައި މިހާރު ކުރަމުންދާ ހަނގުރާމައާ ގުޅިގެން، ރަޝިޔާއާ އެއްބައިނުވުމަށް، އެމެރިކާ އިން އިންޑިއާ އަށް އިންޒާރުކޮށްފި އެވެ.

ރަޝިޔާ އިން ޔޫކްރޭންގައި މިހާރު ކުރަމުންދާ ހަނގުރާމައާ ގުޅިގެން، ރަޝިޔާއާ އެއްބައިނުވުމަށް، އެމެރިކާ އިން އިންޑިއާ އަށް އިންޒާރުކޮށްފި އެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑެންގެ އިސް އިގްތިސާދާ ބެހޭ މުޝީރު ބްރަޔަން ޑީސް ވިދާޅުވި ގޮތުގައި ރަޝިޔާއާ މާ ގާތްވެގެން އެކުވެރިވެ އުޅޭ ނަމަ އެކަމުން ކުރިމަތިވެދާނެ ނުރައްކާތަކާ ބެހޭ ގޮތުން އެމެރިކާ ސަރުކާރުން މިހާރު ވާނީ އިންޑިއާ އަށް އިންޒާރުކޮށްފަ އެވެ. ފާޅުކަން ބޮޑު ގޮތެއްގައި އަދި ސްޓްރެޓީޖިކް ގޮތުން ރަޝިޔާއާ އެއްބައިވެގެން އުޅޭ ނަމަ، އެކަމުން ނުކުންނާނެ ނަތީޖާއާ ބެހޭ ގޮތުން ވެސް އެމެރިކާ އިން ވާނީ އިންޑިއާ އަށް އިންޒާރުކޮށްފަ އެވެ. އަދި އެފަދަ ގާތް ގުޅުމެއް އިންޑިއާ އިން ރަޝިޔާއާ އެކުގައި ބާއްވާ ނަމަ، އެކަމުން ނުކުންނާނެ ނަތީޖާ އާއި އެކަމަށްޓަކައި އަދާކުރަންޖެހޭ އަގު ދިގު މުއްދަތަކަށް ދެމިގެންދާނެކަން ވެސް، އެމެރިކާ ސަރުކާރުން މިހާރު ވާނީ އިންޑިއާ އަށް އަންގައިފަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރަޝިޔާ ސިފައިން ޔޫކްރޭނާ ދެކޮޅަށް ފަށާފައިވާ އުދުވާނީ ހަމަލާތަކާ ގުޅިގެން އިންޑިއާ އާއި ޗައިނާގެ އަމަލުތައް ހުރީ ވަރަށް ނާއުންމީދީ ގޮތެއްގަ އެވެ. ރަޝިޔާގެ އުދުވާން ހުއްޓުވުމަށް ބާރު އެޅުމުގެ ގޮތުން، އިގްތިސާދީ ގޮތުން ރަޝިޔާ އަށް ދަތިކުރުމުގެ ފިޔަވަޅުތައް ދުނިޔޭގެ ގިނަ ގައުމުތަކުން އަޅާފައިވާ އިރު، އިންޑިއާ އިން މިހާތަނަށް އެފަދަ ފިޔަވަޅެއް ނާޅަ އެވެ.

އޭޝިޔާ ސަރަހައްދުގައި ޗައިނާގެ އަސްކަރީ ބާރާ ކުރިމަތިލެވޭނެ ބާރުގެ ގޮތުގައި އެމެރިކާ އިން ދެކޭ އިންޑިއާ، އަސްކަރީ ގާބިލުކަމުގައި ބޮޑަށް ބަރޯސާވަނީ ރަޝިޔާގެ ހަތިޔާރަށެވެ. އޭގެ އިތުރުން ތެލާއި ގޭހާއި ހަކަތައިގެ ދާއިރާ އިން ދެ ގައުމުގެ މެދުގައި އެއްބާރުލުން އިތުރު ކުރުމާ ގުޅޭ ގޮތުން، އިންޑިއާ އާއި ރަޝިޔާގެ ހާރިޖީ ވަޒީރުން ދާދި ފަހުން ވަނީ މަޝްވަރާތަކެއް ބާއްވައިފަ އެވެ.

އެ މަޝްވަރާތަކުގެ މައިގަނޑު ބޭނުމަކީ، ރަޝިޔާ އަށް ދަތިކުރުމަށް އަޅާފައިވާ ފިޔަވަޅުތަކުގައި ނުޖެހި، ރަޝިޔާ އާއި އިންޑިއާއާ ދެމެދު ތެލާއި ގޭހުގެ ވިޔަފާރި ފުޅާ ކުރުމެވެ. އެ ގޮތުން ދެ ގައުމުގެ ދެމެދުގައި ކުރާ ތެލާއި ގޭހުގެ ވިޔަފާރީގެ މުއާމަލާތްތަކަށް، އިންޑިއާގެ ރުޕީ އާއި ރަޝިޔާގެ ރުބެލް އިން އަގު ދެއްކޭނެ އިންތިޒާމެއް ހަމަޖެއްސުމަށް ވެސް ދެ ގައުމުން މަޝްވަރާ ކުރި އެވެ.