14 މާޗް 2022
ރަޝިޔާ ސިފައިން ޔޫކްރޭނާ ދެކޮޅަށް މިހާރު ކުރަމުންދާ ހަނގުރާމައިގައި އަސްކަރީ ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަށް ޗައިނާގެ ކިބައިން ރަޝިޔާ އެދިފައިވާ ކަމަށް އެމެރިކާ އިން ތުހުމަތުކޮށްފި އެވެ.
ރަޝިޔާ ސިފައިން ޔޫކްރޭނާ ދެކޮޅަށް މިހާރު ކުރަމުންދާ ހަނގުރާމައިގައި އަސްކަރީ ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަށް ޗައިނާގެ ކިބައިން ރަޝިޔާ އެދިފައިވާ ކަމަށް އެމެރިކާ އިން ތުހުމަތުކޮށްފި އެވެ.
ސީއެންއެން އަށް މައުލޫމާތު ދެއްވި އެމެރިކާ ސަރުކާރުގެ އިސް ދެ އޮފިޝަލަކު ވިދާޅުވި ގޮތުގައި އަސްކަރީ ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން، ހުޅަނގުގެ ދަތިކުރުމުގެ ފިޔަވަޅުތަކުން ލިބޭ ގެއްލުން ފޫބެއްދުމުގައި އިގްތިސާދީ އެހީތެރިކަން ފޯރުކޮށްދިނުމަށް ވެސް، ރަޝިޔާ އިން ޗައިނާގައި އެދިފައިވެ އެވެ.
ރަޝިޔާ އިން އެދުނު އަސްކަރީ އެހީތެރިކަމުގެ ތެރޭގައި، ޑްރޯން މަތިންދާބޯޓު ހިމެނޭ ކަމަށް އެމެރިކާގެ ދެ އޮފިޝަލުން ވިދާޅުވި އެވެ. ނަމަވެސް އެ މައުލޫމާތުތައް ލިބުނު ގޮތެއް އެ ދެ އޮފިޝަލުން ހާމައެއް ނުކުރައްވަ އެވެ. އަދި ރަޝިޔާގެ އެ ހުށަހުޅުމަށް ޗައިނާ އިން ދިން ޖަވާބަކީ ކޮބައިކަމެއް ވެސް އެ ދެ ބޭފުޅުން ވިދާޅެއް ނުވެ އެވެ.
އެމެރިކާގައި ހުންނަ ޗައިނާ އެމްބަސީގެ ތަރުޖަމާނު ލިއު ޕެންގްޔޫ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ރަޝިޔާ އިން ޗައިނާގައި އެފަދަ ކަމަކަށް އެދުނުކަން އެނގިފައި ނެތް ކަމަށެވެ. ޔޫކްރޭން ހަނގުރާމައާ މެދު ޗައިނާ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށާއި، ޔޫކްރޭންގައި ހާލުގައި ޖެހިފައިވާ މީހުންނަށް ބޭނުންވާ އިންސާނީ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
ޔޫކްރޭނާ ދެކޮޅަށް ރަޝިޔާ އިން ކުރަމުންދާ ހަނގުރާމައިގައި ޗައިނާ އިން ރަޝިޔާ އަށް އެހީތެރިކަން ފޯރުކޮށްދީފިއްޔާ، ޔޫކްރޭން ހިފުމަށް ރަޝިޔާ ސިފައިން މިހާރު ކުރަމުންދާ ހަނގުރާމަ ކާމިޔާބުކުރަން ވަރަށް ފަސޭހަވާނެ އެވެ.
ރަޝިޔާ އިން ޗައިނާގެ އެހީތެރިކަމަށް އެދިފައިވާ ކަމުގެ ވާހަކަތަކެއް މި ފެންމަތީވީ، އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ޖެކް ސުލީވާން އާއި ޗައިނާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ޔާންގް ޖެއިޝީ މިއަދު އިޓަލީ ވިލާތުގެ ރޯމްގައި ބައްދަލުކުރެއްވުމަށް ހަމަޖެހިފައި ވަނިކޮށެވެ. މި ދެ ބޭފުޅުން ބައްދަލު ކުރައްވަނީ، އެމެރިކާގެ ރައީސް ޖޯ ބައިޑެން އާއި ޗައިނާގެ ރައީސް ޝީ ޖިންޕިން މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ބޭއްވެވި ބައްދަލުވުމުގައި މަޝްވަރާ ކުރެއްވި ކަންތައް އިތުރަށް ކުރިއަށް ދިޔަ މިންވަރު ދެނެގަތުމަށެވެ.
އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ޖެކް ސުލީވާން ވިދާޅުވީ ޔޫކްރޭން ހަނގުރާމައިގައި ޗައިނާ އިން ރަޝިޔާ އަށް އެހީވާ ނަމަ، އެއީ ވަރަށް ބޮޑު ކަންބޮޑުވުމެއް އުފެދޭނެ ކަމެއް ކަމަށެވެ. އަދި ޗައިނާ އިން އެއްވެސް ގޮތަކުން ރަޝިޔާއަށް އެހީތެރިކަމެއް ފޯރުކޮށްދޭތޯ ވަރަށް ގާތުން އެމެރިކާ ބަލަމުން ދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ކުރިއަށް ގެންދާހާ ހިނދަކު، އިގްތިސާދީ ގޮތުން ނުވަތަ އަސްކަރީ ސާމާނުގެ ގޮތުން ވިޔަސް، ޗައިނާ އިން ރަޝިޔާ އަށް އެހީތެރިވާން ފަށައިފި ނަމަ، ވަރަށް ގޯސް ނަތީޖާއަކާ ޗައިނާ ކުރިމަތިލާންޖެހޭނެ ކަމަށް ވެސް ސުލީވާން ވިދާޅުވި އެވެ.
އެމެރިކާ ފޭރިގަތް އީރާންގެ ވަޒަންތައް ޔޫކްރޭނަށް
ޔޫކްރޭން ގަޑުބަޑު ފެށުމުގެ ސިއްރަކީ އެމެރިކާ: ޗައިނާ
ޕުޓިންގެ އިންޒާރެއް، މިސައިލް ދޭ ނަމަ ހަމަލަދޭނެ
ކޮންމެ ދުވަހަކު ޔޫކްރޭނުން 100 ސިފައިން މަރުވޭ
ރަޝިޔާ އަށް ފޯރާވަރުގެ މިސައިލެއް ނުދޭނަން: ބައިޑެން
ޔޫކްރޭނަށް ހަތިޔާރު ނުދޭން ރަޝިޔާ އިން އިންޒާރުކޮށްފި
އެމެރިކާ އިން ޔޫކްރޭނަށް އިތުރު ހަތިޔާރު ދޭނެ
ބަޔޮލޮޖިކަލް ހަމަލާއެއް ދޭން ޕުޓިން އެބަ ވިސްނަވާ
ޗައިނާ އޮތީ ރަޝިޔާ އަށް އެހީވާން ތައްޔާރަށް
ރަޝިޔާ ނުހުއްޓުވައިފި ނަމަ ނޭޓޯ އަށް ހަމަލާ ދޭނެ