11 އެޕްރީލް 2022
ރަޝިޔާގެ އުދުވާނުން ދިފާއުވުމަށް ބޭނުންވާ ހަތިޔާރު، ޔޫކްރޭނަށް ފޮނުވައިދޭން އެމެރިކާ އިން ވަނީ ނިންމާފައި ކަމަށާއި އެކަން ފުރިހަމަ އަށް ތަންފީޒު ކުރާނެ ކަމަށް، އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ޖެކް ސުލީވާން އިއްޔެ ވިދާޅުވެއްޖެ އެވެ.
ރަޝިޔާގެ އުދުވާނުން ދިފާއުވުމަށް ބޭނުންވާ ހަތިޔާރު، ޔޫކްރޭނަށް ފޮނުވައިދޭން އެމެރިކާ އިން ވަނީ ނިންމާފައި ކަމަށާއި އެކަން ފުރިހަމަ އަށް ތަންފީޒު ކުރާނެ ކަމަށް، އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ޖެކް ސުލީވާން އިއްޔެ ވިދާޅުވެއްޖެ އެވެ.
ސުލީވަން ވިދާޅުވީ ރަޝިޔާ ސިފައިން ޔޫކްރޭންގެ އިތުރު ބިންތައް ހިފިޔަ ނުދިނުމަށާއި، ޔޫކްރޭންގެ އާންމުންނަށް ހަމަލާ ދިނުން ހުއްޓުވުމަށްޓަކައި، ޔޫކްރޭނަށް އިތުރު ހަތިޔާރު ދިނުމަށް އެމެރިކާ އިން ނިންމާފައިވާ ކަމަށެވެ. އޭނާ މި މޭރުމުން ޔޫކްރޭނަށް ޔަގީންކަން މި ދެއްވީ، ރަޝިޔާގެ އުދުވާނުން ދިފާއުވުމަށް އިތުރު ހަތިޔާރު ޔޫކްރޭނަށް ބޭނުންވާ ކަމަށް އެ ގައުމުގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ މިދިޔަ އާދީއްތަ ދުވަހު ވިދާޅުވެފައި ވަނިކޮށެވެ.
އެމެރިކާ އާއި ވިލާތުގެ ގައުމުތަކުން ތުހުމަތުކުރާ ގޮތުގައި ޔޫކްރޭނަށް އަރައި ތިބި ރަޝިޔާ ސިފައިން ގެންދަނީ ހަނގުރާމައިގެ ޖަރީމާތަކެއް ހިންގަމުންނެވެ. އޭގެ ތެރޭގައި ޔޫކްރޭންގެ ބިންތައް ހިފުމާއި، އާންމު ރައްޔިތުންނަށް ހަމަލާ ދިނުމާއި، އާންމުން މެރުން ހިމެނެ އެވެ. ނަމަވެސް ރަޝިޔާ ސަރުކާރުން އެ ތުހުމަތުތަކަށް އިންކާރު ކުރެ އެވެ.
ސުލީވާން ވިދާޅުވި ގޮތުގައި ރަޝިޔާގެ އުދުވާން ފެށުމާއެކު އެމެރިކާ އިން އަންނަނީ ޔޫކްރޭނަށް ހަތިޔާރު ފޮނުވަމުންނެވެ. އަދި އެހެން ގައުމުތަކުން ޔޫކްރޭނަށް ދޭ ހަތިޔާރު އެ ގައުމަށް ފޮނުވުމުގައި ވެސް އެމެރިކާ އިން ރެޔާއި ދުވާލު މަސައްކަތްކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
މިދިޔަ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ރަޝިޔާ ސިފައިން ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ފެށުމާ ގުޅިގެން، މިހާތަނަށް އެމެރިކާ އިން އެކަނިވެސް 1.7 ބިލިއަން ޑޮލަރުގެ ހަތިޔާރު ޔޫކްރޭނަށް ފޮނުވައިފި އެވެ. އޭގެ ތެރޭގައި މަތިންދާބޯޓަށް ހަމަލާ ދޭން ބޭނުންކުރާ ސްޓިންގާ މިސައިލާއި، ޓޭންކަށް ހަމަލާ ދޭން ބޭނުން ކުރާ ޖެވްލިން މިސައިލް ހިމެނެ އެވެ.
އޭގެ އިތުރުން، ގިނަ އަދަދެއްގެ އުންޑަ އާއި، ހަށިގަނޑުގެ ސަލާމަތަށް ބޭނުންކުރާ ޖެކެޓް ފަދަ ތަކެތި ގިނަ އަދަދަކަށް ޔޫކްރޭނަށް ފޮނުވަމުން އަންނަ ކަމަށް ވެސް އެމެރިކާ އިން ބުނެ އެވެ. ނަމަވެސް ޔޫކްރޭން ސަރުކާރުން އެމެރިކާ އާއި ވިލާތުގެ ގައުމުތަކަށް ގޮވާލަމުން ދަނީ، ހަނގުރާމަމަތީ މަތިންދާބޯޓާއި ޓޭންކު ފަދަ ބަރު ހަތިޔާރު ދިނުމަށެވެ.
ޔޫކްރޭނުން ބުނާ ގޮތުގައި އެ ގައުމުގެ އިރުމަތީ ދޮންބާސް ސަރަހައްދަށް ރަޝިޔާގެ އިތުރު ސިފައިންނާއި ބަރު ހަތިޔާރު ޖަމާކޮށް، ވަރުގަދަ ހަމަލާތަކެއް ދޭން ތައްޔާރުވަމުން ދާއިރު، ރަޝިޔާ ސިފައިންނާ ކުރިމަތިލެވޭ ވަރުގެ ބަރު ހަތިޔާރު ލިބިގެން ނޫނީ، އެ ސަރަހައްދު ދިފާއުކުރުން އުނދަގޫ ވާނެ އެވެ.
ޔޫކްރޭން ސަރުކާރުން ބުނާ ގޮތުގައި ރަޝިޔާ ސިފައިންގެ އުދުވާން ފެށުމާ ގުޅިގެން، އެ ގައުމުގެ 44 މިލިއަން މީހުންގެ އާބާދީގެ ހަތަރު ބައިކުޅަ އެއްބައި މިހާރު އެ ގައުމު ދޫކޮށް ރެފިއުޖީންގެ ގޮތުގައި އެކި ގައުމުތަކަށް ހިނގައްޖެ އެވެ.
ރަޝިޔާ ސިފައިންނަށް ޔޫކްރޭންގައި ބޮޑެތި ގެއްލުންތަކެއް ކުރިމަތިވުމާ ގުޅިގެން، ޔޫކްރޭނަށް ފޮނުވާފައި އޮތް ރަޝިޔާގެ ލަޝްކަރުތައް އަލުން ތަރުތީބުކޮށް އިންތިޒާމު ކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. އެ ގޮތުން ޔޫކްރޭން ހަނގުރާމައިގެ އެންމެ އިސް ކޮމާންޑަރެއްގެ ގޮތުގައި ޖެނެރަލް އެލެގްޒެންޑާ ޑްވޮރްނިކޯވް މިހާރު ވަނީ އައްޔަންކޮށްފަ އެވެ. އޭނާއަކީ ސީރިޔާގައި ރަޝިޔާ ސިފައިން ކުރި ހަނގުރާމައިގެ އިސް ކޮމާންޑަރެވެ.
ޕުޓިންގެ އިންޒާރެއް، މިސައިލް ދޭ ނަމަ ހަމަލަދޭނެ
ކޮންމެ ދުވަހަކު ޔޫކްރޭނުން 100 ސިފައިން މަރުވޭ
ރަޝިޔާ އަށް ފޯރާވަރުގެ މިސައިލެއް ނުދޭނަން: ބައިޑެން
ޔޫކްރޭނަށް ހަތިޔާރު ނުދޭން ރަޝިޔާ އިން އިންޒާރުކޮށްފި
ބަޔޮލޮޖިކަލް ހަމަލާއެއް ދޭން ޕުޓިން އެބަ ވިސްނަވާ
ރަޝިޔާ ނުހުއްޓުވައިފި ނަމަ ނޭޓޯ އަށް ހަމަލާ ދޭނެ
އެމެރިކާ ފޭރިގަތް އީރާންގެ ވަޒަންތައް ޔޫކްރޭނަށް
ހުޅަނގުގެ ޚާއްސަ ސިފައިން ޔޫކްރޭންގައި ހަނގުރާމަކުރަނީ
ބަޚްމުތުގައި ވަރުގަދަ ހަނގުރާމައެއް، ކޮންޓްރޯލެއް ނެތް
ޔޫކްރޭނަށް އެފް-16ގެ ބޯޓެއް ނުދޭނަން: ބައިޑެން