Roadha Mihaaru
ރަޝިޔާ ނުހުއްޓުވައިފި ނަމަ ނޭޓޯ އަށް ހަމަލާ ދޭނެ

ރަޝިޔާ ނުހުއްޓުވައިފި ނަމަ ނޭޓޯ އަށް ހަމަލާ ދޭނެ

14 މާޗް 2022

ރަޝިޔާ ސިފައިން މިހާރު ޔޫކްރޭނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގައި ހިންގާ އަސްކަރީ ހަރަކާތްތައް ހުއްޓުވުމަށް ނޭޓޯ އިން މިހާރު ފިޔަވަޅު ނާޅައިފި ނަމަ، ރަޝިޔާ ސިފައިން ނޭޓޯ އަށް ވެސް ހަމަލާ ދޭނެ ކަމަށް ޔޫކްރޭންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ އިންޒާރު ކުރައްވައިފި އެވެ.

ރަޝިޔާ ސިފައިން މިހާރު ޔޫކްރޭނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގައި ހިންގާ އަސްކަރީ ހަރަކާތްތައް ހުއްޓުވުމަށް ނޭޓޯ އިން މިހާރު ފިޔަވަޅު ނާޅައިފި ނަމަ، ރަޝިޔާ ސިފައިން ނޭޓޯ އަށް ވެސް ހަމަލާ ދޭނެ ކަމަށް ޔޫކްރޭންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ އިންޒާރު ކުރައްވައިފި އެވެ.

އޭނާ މި މޭރުމުން އިންޒާރު ކުރެއްވީ، ޔޫކްރޭންގެ ހުޅަނގު ސަރަހައްދުގައި ޕޮލެންޑާ ކައިރީގައި ހުރި، ޔޫކްރޭން ސިފައިންގެ އަސްކަރީ މަރުކަޒަކަށް، ރަޝިޔާ ސިފައިން އިއްޔެ ވަރުގަދަ މިސައިލް ހަމަލާތަކެއް ދީފައިވަނިކޮށެވެ. އެ ހަމަލާތަކުގައި 35 މީހަކު މަރުވެ އިތުރު 134 މީހަކު ޒަހަމްވި ކަމަށް ވެސް ޔޫކްރޭން ސަރުކާރުން ބުނެ އެވެ.

ޔޫކްރޭންގެ ހުޅަނގު ސަރަހައްދުގެ ގަވަރުނަރު މަކްސީމް ކޮޒީޓްސްކީ ވިދާޅުވި ގޮތުގައި އެ މަރުކަޒަށް، ރަޝިޔާގެ ހަނގުރާމަތީ މަތިންދާބޯޓުތަކުން 30 ރޮކެޓް ފޮނުވައިލި އެވެ. ނަމަވެސް، ޔޫކްރޭންގެ ވައިގެ ދިފާއީ ނިޒާމުން ވަނީ އޭގެ ތެރެއިން ބައެއް ރޮކެޓަށް ހަމަލާދީ، އޭގެ އަމާޒަށް ވާސިލުވުމުގެ ކުރިން ވައިގެ ތެރޭގައި ގޮއްވާލައިފަ އެވެ.

އެ ހަމަލާތަކާ ގުޅިގެން ޔޫކްރޭންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވިދާޅުވީ، ރަޝިޔާގެ އެފަދަ އުދުވާންތައް ހުއްޓުވަން ނޭޓޯ ބޭނުންވާ ނަމަ، ޔޫކްރޭންގެ ވައިގެ ސަރަހައްދަކީ އުދުހުން މަނާ ސަރަހައްދެއް ކަމަށް ނޭޓޯ އިން ކަނޑައަޅައިދޭންޖެހެ އެވެ. އެހެން ނޫން ނަމަ، ދެން ޖެހޭނީ ރަޝިޔާ ސިފައިން ނޭޓޯގެ މެމްބަރު ގައުމުތަކަށް ވެސް ހަމަލާ ދޭ މަންޒަރު ބަލަން ތިބެން ކަމަށް ވެސް ޒެލެންސްކީ ވިދާޅުވި އެވެ.

"ކަލޭމެން އަހަރެމެންގެ ވައިގެ ސަރަހައްދު ބަންދު ނުކޮށްދޭ ނަމަ، ކަލޭމެންގެ ސަރަހައްދަށް، ނޭޓޯގެ ސަރަހައްދަށް ރަޝިޔާގެ ރެކޮޓްތަކާއި މިސައިލްތައް އަމާޒުވުމާ ދެމެދު ދެން އޮންނާނީ ވަގުތުކޮޅެއްގެ ތަފާތު. އެއީ ކޮން ވަގުތެއްކަން ނޭނގެނީ،" ޔޫކްރޭންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވިދާޅުވި އެވެ.

ޔޫކްރޭންގެ ވައިގެ ސަރަހައްދަކީ އުދުހުން މަނާ ސަރަހައްދެއް ކަމަށް ކަނޑައަޅައިދިނުމަށް، މީގެ ކުރިން ވެސް ތަކުރާރުކޮށް ޒެލެންސްކީ ވަނީ، ވިލާތުގެ އިއްތިހާދުގަ އާއި ނޭޓޯގައި އެދިވަޑައިގެންފަ އެވެ. ނަމަވެސް އެ ދެ ޖަމާއަތުން ވެސް ވަނީ އެ ކަމަށް ދެކޮޅު ހަދައިފަ އެވެ.

ޔޫކްރޭންގެ ވައިގެ ސަރަހައްދަކީ އުދުހުން މަނާ ސަރަހައްދެއް ކަމަށް، ވިލާތުގެ އިއްތިހާދުން ނުވަތަ ނޭޓޯ އިން ކަނޑައަޅައިފި ނަމަ، ޔޫކްރޭންގެ ވައިގެ ސަރަހައްދަށް ވަންނަ ރަޝިޔާގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކަށް ހުރަސް އެޅުމާއި ހަމަލާ ދޭން ޖެހިއްޖެ ނަމަ އެކަން ކުރުމަކީ، އެކަން ކަނޑައަޅާ ބަޔަކު ކުރަންޖެހޭނެ ކަމެކެވެ.

ނަމަވެސް، ރަޝިޔާއާ ދެކޮޅަށް ސީދާ އަސްކަރީ ކުރިމަތިލުމެއްގެ ތެރެއަށް ވަންނާކަށް، ވިލާތުގެ އިއްތިހާދު ވެސް އަދި ނޭޓޯ ވެސް ބޭނުމެއް ނުވެ އެވެ. އެމެރިކާ އިން ވެސް ބުނެފައިވަނީ، ރަޝިޔާގެ ހަމަލާތަކާ ކުރިމަތިލައިގެން ޔޫކްރޭން ދިފާއުކުރުމަށް އެމެރިކާ ސިފައިން ނުފޮނުވާނެ ކަމަށެވެ.

އޭގެ ބަދަލުގައި، ރަޝިޔާގެ އުދުވާނުން ދިފާއުވުމަށް ޔޫކްރޭން ސިފައިން ކުރަމުން އަންނަ ހަނގުރާމައިގައި، އެމެރިކާ އާއި ނޭޓޯ އަދި ވިލާތުގެ އިއްތިހާދުގެ ގައުމުތަކުން އަންނަނީ އަސްކަރީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. ނޭޓޯ އާއި އެމެރިކާ އިން ޔޫކްރޭނަށް ފޮނުވާ އަސްކަރީ ސާމާނުތައް އެ ގައުމަށް އެތެރެ ކުރަނީ، އެ ގައުމުގެ ހުޅަނގުން އޮންނަ ނޭޓޯގެ މެމްބަރު ގައުމެއް ކަމަށްވާ ޕޮލެންޑްގެ ތެރެއިންނެވެ.

ނަމަވެސް، ޕޮލެންޑާ ކައިރީގައިވާ ޔޫކްރޭންގެ މުހިންމު އަސްކަރީ މަރުކަޒަކަށް ރަޝިޔާގެ ސިފައިން އިއްޔެ ދިން ވަރުގަދަ ހަމަލާތަކާ ގުޅިގެން، ޕޮލެންޑްގެ ތެރެއިން ޔޫކްރޭނަށް އަސްކަރީ އެހީތެރިކަން ފޯރުކޮށްދެވޭނީ ކިހާ ދުވަހެއް ވަންދެންތޯ މިހާރު ވަނީ ސުވާލު އުފެދިފަ އެވެ.