Roadha Mihaaru
ދުޝްމަނުން ދެފަހަރަށް ވިސްނަންޖެހޭނެ: ޕުޓިން

ދުޝްމަނުން ދެފަހަރަށް ވިސްނަންޖެހޭނެ: ޕުޓިން

21 އެޕްރީލް 2022

ރަޝިޔާގެ އަސްކަރިއްޔާ އިން ތަރައްގީކޮށް އިއްޔެ އަޖުމަބެލި، އިންޓަކޮންޓިނެންޓަލް ބެލެސްޓިކް މިސައިލްގެ ސަބަބުން، ރަޝިޔާއާ މެދު ފިޔަވަޅެއް އެޅުމުގެ ކުރިން ދުޝްމަނުން ދެ ފަހަރު އިތުރަށް ވިސްނަންޖެހޭނެ ކަމަށް، އެ ގައުމުގެ ރައީސް ލަޑިމިއާ ޕުޓިން ވިދާޅުވެއްޖެ އެވެ.

ރަޝިޔާގެ އަސްކަރިއްޔާ އިން ތަރައްގީކޮށް އިއްޔެ އަޖުމަބެލި، އިންޓަކޮންޓިނެންޓަލް ބެލެސްޓިކް މިސައިލްގެ ސަބަބުން، ރަޝިޔާއާ މެދު ފިޔަވަޅެއް އެޅުމުގެ ކުރިން ދުޝްމަނުން ދެ ފަހަރު އިތުރަށް ވިސްނަންޖެހޭނެ ކަމަށް، އެ ގައުމުގެ ރައީސް ލަޑިމިއާ ޕުޓިން ވިދާޅުވެއްޖެ އެވެ.

ރައީސް ޕުޓިން ވިދާޅުވި ގޮތުގައި އިއްޔެ އަޖުމަ ބެލި، ބައްރުތައް ހުރަސްކޮށް ދަތުރުކުރުމުގެ ގާބިލްކަން ލިބިފައިވާ (އިންޓަކޮންޓިނެންޓަލް) މިސައިލް، ސަރުމަތު އަކީ ނިއުކްލިއާ ހަތިޔާރު އުފުލޭ ގޮތަށް ތައްޔާރުކޮށްފައިވާ މިސައިލެކެވެ. ރަޝިޔާގެ ހުޅަނގުއުތުރުން ފިންލެންޑްގެ ސަރަހައްދީ ރޮނގާ ކައިރީގައި އަސްކަރީ ތަޖުރިބާ މަރުކަޒުން އުދުއްސައިލި މިސައިލް ފޮނުވައިލީ، 5،800 ކިލޯމީޓަރު ދުރުން، އެ ގައުމުގެ އިރުމަތީގައި އޮންނަ ކަމްޗަޓްކާ ޕެނިންސުލާ އަށެވެ.

"އެފަދަ ދެވަނައެއް ނެތް މި ހަތިޔާރަކީ އަހަރެމެންގެ ހަތިޔާރު އެޅި ލަޝްކަރުތަކުގެ ކިބައިގައިވާ ހަނގުރާމަ ކުރުމުގެ ގާބިލުކަން ވަރުގަދަ ކޮށްދޭނެ ހަތިޔާރެއް. އަދި ޚާރިޖީ ނުރައްކާތަކުން ގައުމުގެ އަމަންއަމާންކަން ކަށަވަރުކޮށްދޭނެ ހަތިޔާރެއް. އަހަރެމެންނަށް ނުރައްކާ ކުރަން މަސައްކަތްކުރާ ދުޝްމަން ގައުމުތައް، މި ހަތިޔާރުގެ ސަބަބުން، އިތުރަށް ދެ ފަހަރު ވިސަނަން ޖެހޭނެ،" އަސްކަރިއްޔާއާ މުޚާތަބު ކުރައްވައި ޓީވީން ފޮނުއްވި މެސެޖްގައި ރައީސް ޕުޓިން ވިދާޅުވި އެވެ.

އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގައި އޮންނަ ދިރާސާތަކާ ބެހޭ އިދާރާ، ކޮންގްރެޝަނަލް ރިސާޗް ސާވިސް އިން ބުނި ގޮތުގައި ރަޝިޔާ އިން އިއްޔެ އަޖުމަބެލި ސަމްރާތު ބެލިސްޓިކް މިސައިލަކީ، އެއިން ކޮންމެ މިސައިލެއްގައި 10 ނުވަތަ އެއަށް ވުރެ ގިނަ ވޯހެޑް އެއްފަހަރާ އުފުލުމުގެ ގާބިލްކަން ލިބިގެންވާ އެއްޗެކެވެ. ރަޝިޔާ އިން އެ މިސައިލް އުފައްދަމުން އަންނަތާ އަހަރުތަކެއް ވެއްޖެ ކަމަށާއި، އިއްޔެ އެ ހަތިޔާރުގެ އަޖުމަބެލުމަކީ، އާ ކަމެއް ނޫން ކަމަށް ވެސް އެ އިދާރާ އިން ބުންޏެވެ.

ރައީސް ޕުޓިން ވިދާޅުވި ގޮތުގައި ސަމްރާތު އަކީ އޭގެ ފަންނީ ގާބިލްކަން އާދަޔާ ޚިލާފަށް އިތުރު މިސައިލެކެވެ. އަދި އެއީ މިހާރު ދުނިޔޭގެ އެކި ގައުމުތަކުގައި ހުރި މިސައިލުން ދިފާއުވާ ނިޒާމުތަކުން ރެކިގަތުމުގެ ގާބިލުކަން ލިބިގެންވާ މިސައިލެއް ކަމަށާއި، މި ވަގުތު ދުނިޔޭގެ އެއްވެސް ގައުމެއްގައި އެއާ އެއްފަދަ މިސައިލެއް ނެތް ކަމަށް ވެސް ޕުޓިން ވިދާޅުވި އެވެ.

ރަޝިޔާ އިން އިއްޔެ އަޖުމަބެލި ސަމްރާތު އިންޓަކޮންޓިނެންޓަލް ބެލިސްޓިކް މިސައިލާ ބެހޭ ގޮތުން، އެ ގައުމުގެ ޖައްވީ އިދާރާ އިން ބުނީ، އެ މިސައިލަކީ ނޭޓޯ އަށް ދިން ހަދިޔާއެއް ކަމަށެވެ.

ރަޝިޔާ އިން އިއްޔެ މިސައިލްގެ އަޖުމަ ބެލީ، 2011 ވަނަ އަހަރު އެމެރިކާ އާއި ރަޝިޔާއާ ދެމެދު ސޮއިކޮށްފައިވާ މުއާހަދާ "ނިއު ސްޓާޓް ޓްރީޓީ"ގައިވާ ގޮތުގެ މަތިން، އެމެރިކާ ސަރުކާރަށް އެކަން ރަސްމީކޮށް އެންގުމަށް ފަހުގަ އެވެ. އެމެރިކާގެ ހާރިޖިއްޔާގެ ތަރުޖަމާނު ޖޯން ކިރްބީ ވިދާޅުވީ، މިސައިލެއް އަޖުމަބެލުމަކީ އާދައިގެ މަތިން ކުރާ ކަމެއް ކަމަށާއި، މިވަގުތު އެމެރިކާ އިން ސަމާލުކަން ދެނީ، ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް ކުރަމުންދާ ޣައިރު ގާނޫނީ ހަނގުރާމަ އަށް ކަމަށެވެ.