23 މާޗް 2022
ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާވާ ފަދަ ހާލަތަކަށް ކަންތައް ހިނގައްޖެ ނަމަ، ނިއުކްލިއާ ހަތިޔާރު ބޭނުންކުރުމުގެ ފުރުސަތު އެބަ އޮތް ކަމަށް ރަޝިޔާ އިން ބުނެފި އެވެ.
ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާވާ ފަދަ ހާލަތަކަށް ކަންތައް ހިނގައްޖެ ނަމަ، ނިއުކްލިއާ ހަތިޔާރު ބޭނުންކުރުމުގެ ފުރުސަތު އެބަ އޮތް ކަމަށް ރަޝިޔާ އިން ބުނެފި އެވެ.
ރަޝިޔާގެ ރިއާސީ ގަނޑުވަރު ކްރެމްލިންގެ ތަރުޖަމާނު ޑިމިޓްރީ ޕެސްކޯވް ވިދާޅުވި ގޮތުގައި އެ ގައުމުގައި ހުރި ނިއުކްލިއާ ހަތިޔާރު ބޭނުންކުރުމާ ގުޅޭ އުސޫލުތައް ބުނާ ގޮތުން، ރަޝިޔާގެ ދެމިއޮތުމަށް ނުރައްކަލެއް ކުރިމަތިވާ ހާލަތެއްގައި މެނުވީ ނިއުކްލިއާ ހަތިޔާރު ބޭނުމެއް ނުކުރާނެ އެވެ. އެހެން ނަމަވެސް، މިހާރު ޔޫކްރޭނާ ދެކޮޅަށް ރަޝިޔާ ސިފައިން ކުރަމުންދާ ހަނގުރާމައިގައި ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެތޯ ސުވާލު ކުރުމުން، ޑިމިޓްރީ ޕެސްކޯވް އެކަމަށް ސާފު ޖަވާބެއް ނުދެއްވަ އެވެ.
"ރަޝިޔާގެ އެތެރޭގެ ސަލާމަތީ ރައްކާތެރިކަމާ ބެހޭ އާންމު އުސޫލުތަކެއް އަހަރެމެންގެ ތެރޭގައި އެބަހުރި. އެއީ އެންމެންނަށް ވެސް ފެންނަން ހުރި އުސޫލުތަކެއް. ނިއުކްލިއާ ހަތިޔާރު ބޭނުންކުރެވޭނެ ހުރިހާ ހާލަތަކާއި ޝަރުތުތަކެއް އޭގައި ލިޔެފައި ހުންނާނެ، ކޮންމެ މީހަކަށް ވެސް އެ ކިޔައިލެވޭނެ،" ސީއެންއެންގެ ކްރިސްޓިއާނާ އަމަންޕޫރް އަށް ދެއްވި އިންޓަވިއުގައި ކްރެމްލިންގެ ތަރުޖަމާނު ވިދާޅުވި އެވެ.
President Putin has raised the threat of using nuclear weapons – and his spokesperson Dmitry Peskov refused to rule out their use, in an interview with me tonight. pic.twitter.com/uxQqncLGYN
— Christiane Amanpour (@amanpour) March 22, 2022
"އެހެންވީމާ، އަހަރެމެންގެ ގައުމުގެ ދެމިއޮތުމަށް ނުރައްކަލެއް ކުރިމަތިވާ ހާލަތެއްގައި، އަހަރެމެންގެ ތެރޭގައި ކަނޑައަޅާފައި ހުރި އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން، އެފަދަ ހަތިޔާރު ބޭނުންކުރެވިދާނެ."
ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިންގެ އަމުރަށް، ރަޝިޔާ ސިފައިން ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ފެށީ ހުސްވި ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ފަތިހު އެވެ. އޭގެ ތިން ދުވަސް ފަހުން، ފެބްރުއަރީ 27 ގައި ރައީސް ޕުޓިން ވަނީ، ރަޝިޔާގެ ނިއުކްލިއާ ލަޝްކަރު ފުރިހަމަ ތައްޔާރީ ހާލަތަށް ގެނައުމަށް އަމުރު ކުރައްވައިފަ އެވެ.
ކްރެމްލިންގެ ތަރުޖަމާނު ވިދާޅުވި ގޮތުގައި ރަޝިޔާ ސިފައިން ޔޫކްރޭންގައި ހިންގާ ހާއްސަ އަސްކަރީ ހަރަކާތްތައް މިހާރުވެސް ކުރިއަށް ދަނީ ދުރާލައި ރާވާފައިވާ ގޮތަށެވެ. ނުރައްކާތެރި ބާވަތްތަކުގެ ހަތިޔާރުގެ ވާހަކަ ދައްކަވައިގެން ރައީސް ޕުޓިން ބޭނުންވަނީ ދުނިޔެ ބިރުގަންނަވަން ކަމަށްތޯ ސުވާލު ކުރުމުން، ޑިމިޓްރީ ޕެސްކޯވް ވިދާޅުވީ ޕުޓިންގެ އެފަދަ ވިސްނުމެއް ނެތް ކަމަށާއި، ދުނިޔެ ބިރުގަންނަވައި ނުރައްކާތެރި ކަންތައް ހިންގަނީ ޔޫކްރޭނުން ކަމަށެވެ.
"ސޮވިއެޓް ޔޫނިއަން ރޫޅިގެން ދިއުމާއެކު ޔޫކްރޭންގައި ހުރި ހުރިހާ ނިއުކްލިއާ ހަތިޔާރެއް ވަނީ ރަޝިޔާ އަށް ދީފައި. އެހެން ނަމަވެސް 2022 ވަނަ އަހަރު، މީގެ ދެތިން މަސް ކުރިން، މިޔުނިކް ކޮންފަރެންސްގައި، (ޔޫކްރޭންގެ) ރައީސް ޒެލެންސްކީ ވަނީ، ޔޫކްރޭންގެ އިމުގެ ތެރޭގައި ނިއުކްލިއާ ހަތިޔާރު އުފެއްދުމުގެ ފުރުސަތު އެބަ އޮތް ކަމަށް ވިދާޅުވެފަ،" ކްރެމްލިންގެ ތަރުޖަމާނު ވިދާޅުވި އެވެ.
ރަޝިޔާއާ ދެކޮޅަށް ހަނގުރާމަ އިއުލާން ކުރައްވަމުން ރައީސް ޕުޓިން ވިދާޅުވި ގޮތުގައި، ރަޝިޔާގެ މަގްސަދަކީ ޔޫކްރޭންގައި ހުރި ނުރައްކާތެރި ހަތިޔާރުތައް ނައްތައިލުމާއެކު، އެ ގައުމުގައި އޮތް ނާޒީ ވިސްނުމުގެ ސަރުކާރު ބަދަލުކުރުމެވެ.
ޔޫކްރޭން ހަނގުރާމައިގައި ރަޝިޔާ އިން އަންނަނީ އެ ގައުމުގައި ހުރި ބާރުގަދަ ހަތިޔާރުތައް ބޭނުންކުރަމުންނެވެ. އެ ގޮތުން، ރަޝިޔާގައި އުފައްދާފައިވާ ކިންޒަލް މިސައިލް މިހާރު ވަނީ ދެ ފަހަރެއްގެ މަތިން ބޭނުންކޮށްފަ އެވެ. މިމަހުގެ 19 ވަނަ ދުވަހު ކިންޒަލް މިސައިލުން ދިން ހަމަލާތައް އަމާޒުކުރީ ޔޫކްރޭންގެ އަސްކަރިއްޔާގައި ބޭނުންކުރާ މިސައިލްތަކަކާއި މަތިންދާބޯޓަށް ހަމަލާދޭން ބޭނުންކުރާ އުންޑަ ފަދަ ތަކެތި ރައްކާކޮށްފައި ހުރި ބިންގަރާސް ގުދަނަކަށެވެ.
އަދި މިމަހުގެ 20 ވަނަ ދުވަހު، ކިންޒަލް މިސައިލުން ދިން ހަމަލާގައި ހަލާކުކޮށްލީ ޔޫކްރޭންގެ ދެކުނު ސަރަހައްދުގައި ހުރި ތެޔޮ ގުދަންކުރާ ތަނަކަށެވެ. އެއީ ޔޫކްރޭންގެ އަސްކަރީ އުޅަނދުތަކަށް ބޭނުންވާ ތެލާއި އެފަދަ އެހެން ބާވަތްތައް ރައްކާކުރާ، ވަރަށް ބޮޑު މަރުކަޒެއް ކަމަށް ރަޝިޔާ އިން ބުނެ އެވެ.
ކިންޒަލް މިސައިލަކީ ރަޝިޔާގައި އަމިއްލަ އަށް ފަރުމާކޮށް އުފައްދާފައިވާ، އަޑަށް ވުރެ 10 ގުނަ ބާރަށް ދަތުރުކުރުމުގެ ގާބިލުކަން ލިބިފައިވާ މިސައިލެކެވެ. ރަޝިޔާ އިން 2000ގެ އަހަރުތަކުގައި ތަރައްގީކުރަން ފެށި ކިންޒަލް މިސައިލް ފުރަތަމަ ބޭނުންކޮށްފައިވަނީ، ސީރިޔާގެ ދާހިލީ ހަނގުރާމައިގައި 2016 ވަނަ އަހަރުގެ ތެރޭގަ އެވެ.
ނަމަވެސް ރަޝިޔާގެ އަސްކަރިއްޔާގައި ބޭނުންކުރުމަށް ރަސްމީ ގޮތުން އެ މިސައިލް ނެރުނީ 2017 ވަނަ އަހަރުގެ ތެރޭގަ އެވެ. ކިންޒަލްގެ ނަމުގައި، އަޑަށް ވުރެ 10 ގުނަ ބާރަށް ދަތުރުކުރާ މިސައިލެއް އުފެއްދިކަން ރަޝިޔާގެ ރައީސް ލަޑިމިއާ ޕޫޓިން އިއުލާން ކުރެއްވީ 2018 ވަނަ އަހަރުގެ ރިޔާސީ ބަޔާނުގަ އެވެ.
ޔުކްރޭނަށް އަނެއްކާ ވެސް ކިންޒަލް މިސައިލް ހަމަލާތަކެއް
ޕުޓިންގެ އިންޒާރެއް، މިސައިލް ދޭ ނަމަ ހަމަލަދޭނެ
ކޮންމެ ދުވަހަކު ޔޫކްރޭނުން 100 ސިފައިން މަރުވޭ
އެމެރިކާ އިން ޔޫކްރޭނަށް ދުރު ރާސްތާ މިސައިލް ފޮނުވަނީ
ރަޝިޔާ އަށް ފޯރާވަރުގެ މިސައިލެއް ނުދޭނަން: ބައިޑެން
ދުޝްމަނުން ދެފަހަރަށް ވިސްނަންޖެހޭނެ: ޕުޓިން
ޔޫކްރޭނަށް ހަތިޔާރު ނުދޭން ރަޝިޔާ އިން އިންޒާރުކޮށްފި
އަޑަށްވުރެ ބާރު މިސައިލެއް އެމެރިކާ އަޖުމަބަލައިފި
ދުނިޔޭގެ އެންމެ ހަލުވި މިސައިލް ޔޫކްރޭނަށް
ޔޫކްރޭންގައި އެމެރިކާ އާއި ރަޝިޔާގެ ހަނގުރާމައެއް!