Roadha Mihaaru
ވަޅި ހެރި މައްސަލާގައި މީހަކު ހައްޔަރުކޮށްފި

ވަޅި ހެރި މައްސަލާގައި މީހަކު ހައްޔަރުކޮށްފި

26 ފެބުރުއަރީ 2023

މިދިޔަ ހުކުރު ދުވަހުގެ ރޭ މާލޭގެ ފިހާރައެއްގެ ތެރޭގައި މީހެއްގެ ގަޔަށް ވަޅި ހަރައި ޒަހަމްކޮށްލުމުގައި ބައިވެރިވި އެކަކު ހައްޔަރުކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މިދިޔަ ހުކުރު ދުވަހުގެ ރޭ މާލޭގެ ފިހާރައެއްގެ ތެރޭގައި މީހެއްގެ ގަޔަށް ވަޅި ހަރައި ޒަހަމްކޮށްލުމުގައި ބައިވެރިވި އެކަކު ހައްޔަރުކޮށްފި އެވެ.

ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ތޫނު އެއްޗެއް ބޭނުންކޮށްގެން މީހަކަށް ހަމާލާދިނުމުގައި އަމަލީ ގޮތުން ބައިވެރިވި އެކަކު، ފުލުހުންގެ ތަހުގީގަށް ހޯދުނު ހޯދުމުގެ މައްޗަށް ބަލައި ކޯޓު އަމުރެއްގެ ދަށުން ރޭ ދަންވަރު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެ މާރާމާރީގައި ޒަހަމްވި 30 އަހަރުގެ ފިރިހެން މީހާއަށް އައިޖީއެމްއެޗުގެ އައިސީޔޫގައި އަންނަނީ ފަރުވާދެމުންނެވެ. އެ މީހާގެ ހާލު އަދިވެސް ވަރަށް ސީރިއަސް އެވެ.

ސީޕީ އިއްޔެ ވިދާޅުވި ގޮތުގައި، މާލޭ ސަރަހައްދުގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން މިހާރު ހިންގަމުންދާ ނުރައްކާތެރި މާރާމާރީތަކާއި ވިޔަފާރިތަކަށް ގެއްލުން ދިނުން ގުޅިފައި ވަނީ ހަތަރު ގޭންގަކާ އެވެ.

އޭނާ އެހެން ވިދާޅުވީ، މާލޭގެ ފިހާރައެއްގެ ތެރޭގައި ހިންގި މާރާމާރީގެ އިތުރުން، މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހުޅުމާލޭގެ ކެފޭއަކަށް ބަޔަކު ގެއްލުން ދިނުމާ ގުޅިގެންނެވެ.

މޫނު ނިވާކޮށްގެން ތިބި ބަޔަކު ވަދެ، މަރުތޭލުން ގެއްލުން ދިނީ ހުޅުމާލޭގައި ހިންގާ "ޖޫސް ޓައިމް" ނަމަކަށް ކިޔާ ތަނަކަށެވެ. ހެލްމެޓް އަޅައިގެން ތިބި އެ ދެ ފިރިހެނުން އެ ތަނަށް ގެއްލުން ދިނުމަށް ފަހު ސައިކަލަށް އަރައިގެންދާ މަންޒަރު ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއަކުން ފެނެ އެވެ.

އެ މައްސަލަތަކަށް އިޝާރާތް ކުރައްވައި ސީޕީ ވިދާޅުވީ، މި ފަހުން ތޫނު ހަތިޔާރު ބޭނުންކޮށްގެން ހިންގަމުންދާ ނުރައްކާތެރި މާރާމާރީތަކާ ގުޅިފައި ވަނީ "ކުޑަހެންވޭރު" އާއި "އެންސީ" ކިޔާ ބަޔަކާ ކަމަށެވެ.

ސީޕީ ވިދާޅުވި ގޮތުގައި، އެ މާރާމާރީތައް ގުޅިފައި ވަނީ މިދިޔަ ޖެނުއަރީ 16 ގައި ކެފޭއެއްގެ ތެރޭގައި ދެ މީހެއްގެ މެދުގައި ޖެހުނު މައްސަލައަކާ އެވެ.

ވިޔަފާރިތަކަށް އަމާޒުކޮށް ގެއްލުން ދެނީ "މަސްއޮޑި" އާއި "ވައިކަންމަތި" އިން ކަމަށް ވެސް ޕޮލިސް ކޮމިޝަނަރު ވިދާޅުވި އެވެ.