Roadha Mihaaru
ރަށުތެރޭގައި ހެލްމެޓް އަޅާ މީހުން ހުއްޓުވައި ފާސްކުރަނީ

ރަށުތެރޭގައި ހެލްމެޓް އަޅައިގެން އުޅޭ މީހުން ހުއްޓުވައި ފާސްކުރަނީ

26 ފެބުރުއަރީ 2023

ހެލްމެޓް އެޅުން ލާޒިމް ނުކުރާ ތަންތަނުގައި ހެލްމެޓް އަޅާ މީހުން ހުއްޓުވައި ފާސްކުރުމުގެ އޮޕަރޭޝަނެއް ފުލުހުން ފަށައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ހެލްމެޓް އެޅުން ލާޒިމް ނުކުރާ ތަންތަނުގައި ހެލްމެޓް އަޅާ މީހުން ހުއްޓުވައި ފާސްކުރުމުގެ އޮޕަރޭޝަނެއް ފުލުހުން ފަށައިފި އެވެ.

ހެލްމެޓް އަޅައި، މޫނު ނިވާކޮށްގެން ތަންތަނަށް ގެއްލުން ދިނުމާއި މާރާމާރީތައް ހިންގުމުގެ މައްސަލަ މާލެ އާއި ހުޅުމާލޭގައި ބޮޑުވުމުން ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ހެލްމެޓް އެޅުން ގާނޫނުތަކުން ލާޒިމްނުކުރާ ސަރަހައްދުތަކުގައި ކާކުކަން ވަންހަނާކޮށް، ކުށްކުށަށް އަރައިގަތުމުގެ ނިޔަތުގައި ހެލްމެޓް އަޅައިގެން ބައެއް މީހުން އުޅޭ ކަމަށެވެ.

އެހެންވެ، ހެލްމެޓް އެޅުން ލާޒިމްކުރާ ސަރަހައްދުތައް ފިޔަވައި އެހެން ސަރަހައްދުތަކުގައި ހެލްމެޓް އަޅައިގެން އެއްގަމު އުޅަނދު ދުއްވާ މިހުންނަށް ފާރަވެރިވެ، ތުހުމަތު ކުރެވޭ މީހުން ހުއްޓުވައި ބަލައި ފާސްކުރާނެ ކަމަށް ބުންޏެވެ.

"މިއީ، އެންމެހާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް އަމާން ވެއްޓެއް ގާއިމްކުރުމުގެ ގޮތުން އަޅާ ފިޔަވަޅެކެވެ،" ބަޔާނުގައި ބުންޏެވެ.

އެއްގަމު އުޅަނދު ދުއްވުމުގެ އާއްމު ގަވައިދުގައިވާ ގޮތުން، ދެ ފުރޮޅުލީ އުޅަނދު ދުއްވާއިރު، އެ އުޅަނދު ދުއްވަން އިންނަ މީހާ އާއި ފަހަތުގައި އިންނަ މީހާ ހެލްމެޓް އެޅުން ލާޒިމްކޮށްފައިވަނީ 30 ކިލޯ މީޓަރަށް ވުރެ ބާރަށް ދުއްވަން ހުއްދަކޮށްފައިވާ ސަރަހައްދުތަކުގަ އެވެ. އެގޮތަށް ބަލާއިރު، މާލެ ސަރަހައްދުގައި ހެލްމެޓް އެޅުން ލާޒިމްކޮށްފައިވަނީ ސިނަމާލެ ބްރިޖާއި ހައިވޭގައި ދުއްވާއިރު އެކަންޏެވެ.

އެކަން އަންގައިދިނުމަށް އެ ސަރަހައްދުތަކުގައި ބޯޑެއް ހަރުކޮށްފައި ހުރެ އެވެ.

ހެލްމެޓް އެޅުން ލާޒިމް ނޫން ސަރަހައްދުތަކުގައި އެ އަޅައިގެން އުޅޭ ނަމަ ފާސްކުރަން ނިންމިއިރު، ހެލްމެޓް އަޅައިގެން ތިބި ދެ ފިރިހެނަކު މިދިޔަ ބުރާސްފަތި ދުވަހުގެ ހަވީރު ހުޅުމާލޭގެ ކެފޭއަކަށް ވަދެ އެ ތަނަށް ވަނީ ބޮޑެތި ގެއްލުންތަކެއް ދީފަ އެވެ.

އޭގެ ފަހުން، މިދިޔަ ހުކުރު ދުވަހުގެ ރޭ ވެސް މާފަންނު ފިހާރައަކަށް ވަތް ފިރިހެނަކަށް، ހެލްމެޓް އަޅައިގެން އޭނާގެ ފަހަތުން ދިޔަ ބަޔަކު ވަނީ ހަމަލާދީ ވަރަށް ބޮޑަށް ޒަހަމްކޮށްލައިފަ އެވެ. އެ މައްސަލައާ ގުޅިގެން މިހާރު ވަނީ މީހަކު ހައްޔަރުކޮށްފަ އެވެ.