Roadha Mihaaru
"މާރާމާރީ ހިންގާ މީހުން ފިލުވުމަށް އެހީތެރި އެބަވޭ"

މާރާމާރީ ހިންގާ މީހުން ފިލުވުމަށް ބަޔަކު އެހީތެރިވޭ: ފުލުހުން

30 ސެޕްޓެމްބަރ 2017

މާރާމާރީ އާއި ރާވައިގެން ހިންގާ ކުށްތައް ކުރާ މީހުން ފިލުވައި، އެމީހުންނަށް އެހީތެރިވެދީ ފުލުހުންނަށް އޮޅުވައިލުމަށް ބައެއް މީހުން މަަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

މާރާމާރީ އާއި ރާވައިގެން ހިންގާ ކުށްތައް ކުރާ މީހުން ފިލުވައި، އެމީހުންނަށް އެހީތެރިވެދީ ފުލުހުންނަށް އޮޅުވައިލުމަށް ބައެއް މީހުން މަަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

މިހާރު މާލޭގައި ހިންގަމުންދާ މާރާމާރީތަކާ ގުޅޭ ގޮތުން ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ ލާއިންސާނީ އަމަލުތައް ހިންގުމަށް ފަހު ފިލުމަށްޓަކައި ގޭބިސީތަކާއި ކުއްޔަށް ދޭ ތަންތަން ބޭނުން ކުރަމުންދާ ކަން ފާހަގަ ކުރެވޭ ކަމަށެވެ. ކުށް ކުރާ މީހުން ފިލުވުމަށް ބަޔަކު މަސައްކަތް ކުރާނަމަ، އެމީހުންނަށް އެހީވެދޭ މީހުންގެ މައްސަލަ ބަލައި، ތަހުގީގުކޮށް، ދައުވާ ކުރުމަށްޓަކައި ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވާނެ ކަމަށް އެ ބަޔާނުގައި ވެ އެވެ.

މީގެ އިތުރުން ރަހުމު ކުޑަ އަމަލުތައް ހިންގާ މީހުން ހޯދައި އެ މީހުންގެ މައްޗަށް ހިންގަން ޖެހޭ ތަހުގީގުތައް ހިންގައި ޝަރީއަތަށް ހުށަހަޅާނެ ކަމުގެ ޔަގީންކަން ފުލުހުން ވަނީ ދީފަ އެވެ.

"މުޖުތަމައުގެ ތެރޭގައި ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް ހިންގާ މިފަދަ އަމަލުތައް ހުއްޓުވުމަށް ފުލުހުންނަށް ލިބިފައިވާ އެންމެހާ ވަސީލަތްތައް އޭގެ އެންމެ މަތީ ދަރަޖަ އަށް ބޭނުން ކުރާނެ ވާހަކަ ވެސް ދަންނަވަމެވެ،" ބަޔާނުގައި ވެ އެވެ.

ހުޅުމާލޭ "ހާފްވޭ ހައުސް" ކައިރީ ރޭ ހިންގި މާރާމާރީގައި ގއ. ދާންދޫ ގޯލްޑް ލީފް، ހާރިސް އަބްދުލް ޣަފޫރު 24، މަރާލީ މައްސަލާގައި ތުހުމަތު ކުރެވޭ މީހުން ހޯދުމަށް ޚާއްސަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ. އެކަމަކު، އެ މައްސަލައިގެ ތުހުމަތުގައި އެއްވެސް މީހަކު އަދި ހައްޔަރެއް ނުކުރެ އެވެ.

އަދި ރޭ މާލޭގައި ހިންގި މަރާމާރީއާ ގުޅިގެން ހައްޔަރު ކުރި މީހުންގެ ތެރޭގައި އަމަލީ ގޮތުން ބައިވެރިވި މީހުންނާއި މާރާމާރީ ހިންގުމަށް ބޭނުން ކުރި ތަކެތި ހޯދާފައިވާ ކަމަށް ފުލުހުން ބުންޏެވެ. މި މައްސަލާގައި ފުލުހުން ވަނީ މާލެ އިން 12 މީހަކު ހައްޔަރުކޮށްފަ އެވެ.

މާރާމާރީ އާއި ރާވައިގެން ހިންގާ ކުށްތައް ހުއްޓުވުމަށް ފުލުހުން ކުރަމުން އަންނަ މަސައްކަތް ވަރުގަދަކޮށް، ތުހުމަތު ކުރެވޭ މީހުންނާއި އުޅަނދާއި ތަންތަން ބަލައި ފާސް ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ. އަދި ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރު ގެންގުޅުން މަނާ ކުރުމުގެ ގާނޫނުގެ ދަށުން އެފަދަ މައްސަލަތައް ސީރިއަސް ކަމެއްގެ ގޮތުގައި ތަހުގީގު ކުރާނެ ކަމަށް ފުލުހުން ބުންޏެވެ.