Roadha Mihaaru
މާރާމާރީތައް ހިންގަނީ ހަތަރު ގޭންގަކުން: ސީޕީ

މާރާމާރީތަކާއި ތަންތަނަށް ގެއްލުން ދިނުން ގުޅިފައި ވަނީ ހަތަރު ގޭންގަކާ: ސީޕީ

25 ފެބުރުއަރީ 2023

މާލޭ ސަރަހައްދުގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން މިހާރު ހިންގަމުންދާ ނުރައްކާތެރި މާރާމާރީތަކާއި ވިޔަފާރިތަކަށް ގެއްލުން ދިނުން ގުޅިފައިވަނީ ހަތަރު ގޭންގަކާ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެ އެވެ.

މާލޭ ސަރަހައްދުގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން މިހާރު ހިންގަމުންދާ ނުރައްކާތެރި މާރާމާރީތަކާއި ވިޔަފާރިތަކަށް ގެއްލުން ދިނުން ގުޅިފައިވަނީ ހަތަރު ގޭންގަކާ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެ އެވެ.

ސީޕީ އެހެން ވިދާޅުވީ، މާލޭގެ ފިހާރައެއްގެ ތެރޭގައި ފިރިހެނެއްގެ ގަޔަށް ރޭ ވަޅި ހަރައި ވަރަށް ބޮޑަށް ޒަހަމްކޮށްލައި އަދި ހުޅުމާލޭގެ ކެފޭ އަކަށް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބަޔަކު ދިން ގެއްލުން ދިނުމާ ގުޅިގެންނެވެ. މާލޭގެ ފިހާރައަކަށް ރޭ ވަދެ، އުމުރުން 30 އަހަރުގެ މީހެއްގެ ގަޔަށް ވަޅި ހެރުމުން އޭނާ ހާލު ސީރިއަސްވެ މި ވަގުތު ފަރުވާދެނީ އައިޖީއެމްއެޗުގެ އައިސީޔޫގަ އެވެ.

މޫނު ނިވާކޮށްގެން ތިބި ބަޔަކު ވަދެ، މަރުތޭލުން ގެއްލުން ދިނީ ހުޅުމާލޭގައި ހިންގާ "ޖޫސް ޓައިމް" ނަމަކަށް ކިޔާ ކެފޭއަކަށެވެ. ހެލްމެޓް އަޅައިގެން ތިބި އެ ދެ ފިރިހެނުން އެ ތަނަށް ގެއްލުން ދިނުމަށް ފަހު ސައިކަލަށް އަރައިގެންދާ މަންޒަރު ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއަކުން ފެނެ އެވެ.

އެ މައްސަލަތަކަށް އިޝާރާތް ކުރައްވައި ސީޕީ ވިދާޅުވީ، މި ފަހުން ތޫނު ހަތިޔާރު ބޭނުންކޮށްގެން ހިންގަމުންދާ ނުރައްކާތެރި މާރާމާރީތަކާ ގުޅިފައި ވަނީ "ކުޑަހެންވޭރު" އާއި "އެންސީ" ކިޔާ ބަޔަކާ ކަމަށެވެ.

ސީޕީ ވިދާޅުވި ގޮތުގައި އެ މީހުން މާލެ ތެރޭގައި ހަރަކާތްތެރިވަނީ ހެލްމެޓް އަޅައިގެންނެވެ. އެ މީހުން ދުއްވާ ސައިކަލުގެ ނަމްބަރު ޕްލޭޓް ވެސް ބަދަލުކޮށްގެން އުޅޭއިރު ކާރުގައި ވެސް ނުކުމެ އުޅޭ ކަމަށް ވިދާޅުވި އެވެ.

ސީޕީ ވިދާޅުވި ގޮތުގައި އެ މާރާމާރީތައް ގުޅިފައި ވަނީ މިދިޔަ ޖެނުއަރީ 16 ގައި ކެފޭއެއްގެ ތެރޭގައި ދެ މީހެއްގެ މެދުގައި ޖެހުނު މައްސަލައަކާ އެވެ.

ވިޔަފާރިތަކަށް އަމާޒުކޮށް ގެއްލުން ދެނީ "މަސްއޮޑި" އާއި "ވައިކަންމަތި" އިން ކަމަށް ވެސް ޕޮލިސް ކޮމިޝަނަރު ވިދާޅުވި އެވެ.

"ހުޅުމާލޭގައި ވިޔަފާރި ހިންގާ ތަނަކަށް އަމާޒުކޮށް ގެއްލުންދިން ދިނުމަކީ، މަސްއޮޑިއޭ ކިޔައިގެން އުޅޭ ބަޔަކާއި ވައިކަންމައްޗޭ ކިޔައިގެން އުޅޭ ބައެއްގެ މެެދުގައި ޖެހިގެން އުޅޭމައްސަލަ އަކާއި ގުޅިފައިވާ ކަމެއް،" އޭނާ ވިދާޅުވި އެވެ.

ސީޕީ ވިދާޅުވި ގޮތުގައި އެ މީހުން މާލެ ތެރޭގައި ހަރަކާތްތެރިވަނީ ހެލްމެޓް އަޅައިގެންނެވެ. އެ މީހުން ދުއްވާ ސައިކަލުގެ ނަމްބަރު ޕްލޭޓް ވެސް ބަދަލުކޮށްގެން އުޅޭއިރު ކާރުގައި ވެސް ނުކުމެ އުޅޭ ކަމަށް ވިދާޅުވި އެވެ.

އެ މައްސަލަތަކާ ގުޅިގެން ފާއިތުވި ދެ މަސް ދުވަހުގެ ތެރޭގައި 16 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ވެސް ވިދާޅުވި އެވެ. އެ މައްސަލަތައް ތަހުގީގުކުރަމުން އަންނައިރު ސީޕީ ވިދާޅުވި ގޮތުގައި މާރާމާރީ ހިންގުމަށް ފަހު އެ މީހުން ފިލަން ވަންނަ، ހަތަރު ތަނެއް ބަލައިފާސްކޮށް ހަތިޔާރު ހޯދައި އަތުލައިގެންފައިވެ އެވެ.

"މި މާރާމާރީތަކާ ގުޅިގެން އިތުރު ފިޔަވަޅުތައް ފުލުހުން އަޅަމުން ގެންދާނެ،" އޭނާ ވިދާޅުވި އެވެ.

ސީޕީ ވިދާޅުވީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ކެފޭއަކަށް ވަދެ ގެއްލުންދިން ހާދިސާއާ ގުޅިގެން އެ މީހުން ދުއްވި ސައިކަލު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، އެކަމުގައި ބައިވެރިވި ކަމަށް ތުހުމަތުކުރެވޭ އެކަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ނުރައްކާތެރި މީހުންނާ މެދު ސަމާލުވުމަށް ވެސް އިލްތިމާސްކުރައްވައި، ސީޕީ ވިދާޅުވީ ރައްޔިތުންގެ އެއްބާރުލުން ނުލިބި "އެކި ނަންނަން ކިޔައިގެން" ނުރައްކާތެރި މާރާމާރީ އާއި ހަމަލާދޭ މީހުންނަށް ފިޔަވަޅު އަޅަން ދަތިވާނެ ކަމަށެވެ. އެހެންވެ، މާރާމާރީއަކަށް ޝައްކުކުރެވޭ ފަދަ ގޮތަކަށް ބަޔަކު އުޅޭ ނަމަ، އެކަމެއް ފުލުހުންނަށް ރިޕޯޓް ކުރުމަށް އެދިވަޑައިގަތެވެ.