Roadha Mihaaru
ހުޅުމާލޭގައި ސަރުކާރުގެ އާ އޮފީސް އިމާރާތް ހުޅުވައިފި

ހުޅުމާލޭގައި ސަރުކާރުގެ އާ އޮފީސް އިމާރާތް ހުޅުވައިފި

15 ފެބުރުއަރީ 2023

ރާއްޖެއަށް ވަރަށް އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވި، އަދި އެތައް ބައެއްގެ ލޯބި ލިބިވަޑައިގެންފައިވާ ކުރީގެ މިނިސްޓަރު އުމަރު ޒާހިރުގެ ނަމުގައި ސަރުކާރުގެ އާ އޮފީސް އިމާރާތް ހުޅުމާލޭގައި މިއަދު ހުޅުވައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ރާއްޖެއަށް ވަރަށް އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވި، އަދި އެތައް ބައެއްގެ ލޯބި ލިބިވަޑައިގެންފައިވާ ކުރީގެ މިނިސްޓަރު އުމަރު ޒާހިރުގެ ނަމުގައި ސަރުކާރުގެ އާ އޮފީސް އިމާރާތް ހުޅުމާލޭގައި މިއަދު ހުޅުވައިފި އެވެ.

އެ އޮފީސް އިމާރާތް ހުޅުއްވައިދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެވެ.

އާ އިމާރާތް ހުޅުވުމަށް މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ކެބިނެޓް މިނިސްޓަރުންނާއި ސަރުކާރުގެ އެކި މުއައްސަސާތަކުގެ ވަރަށް ގިނަ ވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

އުމަރު ޒާހިރުގެ ނަމުގައި، ހުޅުމާލޭގައި ސަރުކާރުގެ އާ އޮފީސް އިމާރާތް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު -- ފޮޓޯ: ރައީސް އޮފީސް

އުމަރު ޒާހިރުގެ ނަމުގައި، ހުޅުމާލޭގައި ސަރުކާރުގެ އާ އޮފީސް އިމާރާތް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު -- ފޮޓޯ: ރައީސް އޮފީސް

އެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ސަރުކާރުގެ ހިދުމަތްތައް ފުޅާވެ، ކުރަން ޖެހޭ މަސައްކަތަށް އިތުރުވިޔަސް، އޮފީސް ހިންގާނެ އިމާރާތްތައް މަދު ކަމަށެވެ. އެކަމުގެ ސަބަބުން، އަމިއްލަ މީހުންގެ އިމާރާތްތަކުގައި އޮފީސް ހިންގަން ޖެހި، ދައުލަތުގެ ބަޖެޓުން ކުއްޔަށް ކުރަން ޖެހޭ ހަރަދު އިންތިހާއަށް ބޮޑުވެފައިވާ ކަމަށް ވިދާޅުވި އެވެ.

އެހެންވެ، މި އާ އިމާރާތުގެ އެންމެ ބޮޑު ބޭނުމަކީ އެ ހަރަދު ސަލާމަތްކުރުން ކަމަށް ރައީސް ވިދާޅުވި އެވެ.

އެ އިމާރާތް ހެދީ ސަރުކާރުގެ ގިނަ އޮފީސްތަކެއް އަމިއްލަ ތަންތަނުގައި މުއްދަތެއް ނެތް ގޮތަށް ބޮޑު ކުއްޔެއް ދީގެން ހިންގަން ޖެހޭތީ އެކަމަށް ހައްލެއް ގެންނަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، 2019 ގައި އެގޮތަށް ނިންމެވުމާ ގުޅިގެންނެވެ.

އުމަރު ޒާހިރުގެ ނަމުގައި، ހުޅުމާލޭގައި ސަރުކާރުގެ އާ އޮފީސް އިމާރާތް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިމާރާތް ބައްލަވާލައްވަނީ -- ފޮޓޯ: ރައީސް އޮފީސް

އުމަރު ޒާހިރުގެ ނަމުގައި، ހުޅުމާލޭގައި ސަރުކާރުގެ އާ އޮފީސް އިމާރާތް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިމާރާތް ބައްލަވާލައްވަނީ -- ފޮޓޯ: ރައީސް އޮފީސް

މިއީ މާލެއިން ބޭރުގައި ސަރުކާރުގެ މިނިސްޓްރީއެއްގެ އޮފީހެއް ހެދި ފުރަތަމަ ފަހަރު ވެސް މެ އެވެ.

ހުޅުމާލޭ ފޭސް އެެކެއްގައި 185 މިލިއަން ރުފިޔާގެ އެ އޮފީސް އިމާރާތްކުރުމަށް ހަވާލުކުރީ ޗައިނާގެ ހުނާން އިންޖީނިއަރިންއާ އެވެ.

އެތަން ބޭނުންކުރަން ފެށިއިރު، ހަ ބުރީގެ އެ އިމާރާތުގައި ތިން މިނިސްޓްރީ އާއި އެހެން އޮފީސްތަކެއް ވެސް ހިންގާނެ އެވެ. އެއީ؛

• ގްރައުންޑް ފްލޯ - ޕާކިން

• ދެވަނަ ފްލޯ - ޖެންޑާ މިނިސްޓްރީ

• ތިންވަނަ ފްލޯ - ޓްރާންސްޕޯޓް މިނިސްޓްރީ

• ހަތަރުވަނަ ފްލޯ - އެމެރިކަން އެމްބަސީ

• ފަސްވަނަ ފްލޯ - ހަޔަ އެޑިއުކޭޝަން

• ހަވަނަ ފްލޯ - ކުދި މީޓިން ރޫމްތަކާއި ސެމިނާ ރޫމެއް އަދި ޓެރަސް

މިއީ ގައުމީ ހިދުމަތުގެ ރަމްޒެއް

ރައީސް ވިދާޅުވީ އުމަރު ޒާހިރުގެ ނަމަށް ނިސްބަތްކޮށް ސަރުކާރުގެ އޮފީސް އިމާރާތެއް ހުޅުވުމަކީ އެމަނިކުފާނުގެ ގައުމީ ހިދުމަތުގެ ކުލަގަދަކަން ޒަމްޒުކޮށްދޭ ކަމެއް ކަމަށެވެ. މިއަދު މި އަގުވަޒަން ކުރަނީ އެމަނިކުފާނުގެ އަގުހުރި ހިދުމަތްތައް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"މި އިމާރާތްކޮށްފައި ހުރި ބިމަކީ ވެސް، ހުޅުމާލެއަކީ ވެސް، އެމަނިކުފާނު [އުމަރު ޒާހިރު]ގެ ވަރަށް ރޭވުންތެރި މަސައްކަތްތަކާއެކު ވުޖޫދުވެގެން އައި ރަށެއް،" ރައީސް ވިދާޅުވި އެވެ.

އުމަރު ޒާހިރުގެ ނަމުގައި، ހުޅުމާލޭގައި ސަރުކާރުގެ އާ އޮފީސް އިމާރާތް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

އުމަރު ޒާހިރުގެ ނަމުގައި، ހުޅުމާލޭގައި ސަރުކާރުގެ އާ އޮފީސް އިމާރާތް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

"މަރުހޫމް އުމަރު ޒާހިރުގެ ގައުމީ ހިދުމަތުން އަޅުގަނޑުމެން ލިބިގަންނަން ޖެހޭ އެންމެ ފުރަތަމަ ފިލާވަޅަކީ ގައުމަށްޓަކައި އިހުލާސްތެރިވުމާއި ތެދުވެރިވުން."

ރައީސް ވިދާޅުވީ އުމަރު ޒާހިރުގެ ގައުމީ ހިދުމަތުގެ މުއްދަތުން ފެންނަނީ ވަޒީފާތަކެއް ނުވަތަ މަގާމުތަކެއް ފުރުއްވުމުގެ ގޮތުގައެއް ނޫން ކަމަށެވެ. އެއަށް ވުރެ ބޮޑަށް އުމަރު ޒާހިރު ފާހަގަކުރެވެނީ، ހަވާލުވެވަޑައިގަންނަވާ ކޮންމެ މަސައްކަތެއް ވެސް ވީ އެންމެ ފުރިހަމައަކަށް، އެންމެ ރަނގަޅަކަށް ގައުމީ ރޫހުގައި ކުރެއްވި ބޭފުޅެއްގެ ގޮތުގައި ކަމަށް ރައީސް ވިދާޅުވި އެވެ.

އުމުރުފުޅުން 85 އަހަރުގެ އުމަރު ޒާހިރު އަވަހާރަވީ ކޮވިޑް-19 އަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ޑިސެމްބަރު 20، 2021 ގަ އެވެ.

އުމަރު ޒާހިރުގެ ނަމުގައި، ހުޅުމާލޭގައި ސަރުކާރުގެ އާ އޮފީސް އިމާރާތް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު -- ފޮޓޯ: ރައީސް އޮފީސް

އުމަރު ޒާހިރުގެ ނަމުގައި، ހުޅުމާލޭގައި ސަރުކާރުގެ އާ އޮފީސް އިމާރާތް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު -- ފޮޓޯ: ރައީސް އޮފީސް

އުމަރު ޒާހިރު ވަނީ 1983 އިން 2008ގެ ނޮވެމްބަރުގެ ނިޔަލަށް އެކި މިނިސްޓްރީތަކުގެ މިިނިސްޓަރުކަން ކުރައްވައިފަ އެވެ. މި މުއްދަތުގެ ތެރޭގައި އެމަނިކުފާނު އެންމެ ބޮޑަށް ފާހަގަކޮށްލެވުނީ ކޮންސްޓްރަކްޝަން މިނިސްޓަރު ކަމުގައި ހުންނަވައިގެން ކުރެއްވި އަގުބޮޑެތި މަސައްކަތްތަކުންނެވެ.

މާލޭގެ މަގުތަކުގައި ގާއެތުރުމުގެ މަޝްރޫއު ފެށުމާއި ހުޅުމާލެ ހިއްކުމުގެ މަޝްރޫ އާއި ތިލަފުށި ހިއްކައި އެތަނުގައި ކުނި އަންދަން ފެށުމާއި މާލޭގެ އާޓިފިޝަލް ބީޗް ހެދުން ކަހަލަ ވަރަށް ބޮޑެތި މަޝްރޫއުތައް ސީދާ އެމަނިކުފާނުގެ ބެއްލެވުމުގެ ދަށުން ވަނީ ހިންގަވައިފަ އެވެ. އެހެން ބައެއް ވަޒީރުންނާ ހިލާފަށް އުމަރު ޒާހިރު ފާހަގަކުރެވެނީ މަޝްރޫއު ހިންގާ ތަންތަނަށް ވަޑައިގެން އަމަލީ ގޮތުން އުޅުއްވި ބޭފުޅެއްގެ ގޮތުގަ އެވެ.