Roadha Mihaaru
ފުރަތަމަ 13 ޓަވަރުގައި އޮގަސްޓުމަހު މީހުން ދިރިއުޅޭނެ

މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއު: ފުރަތަމަ 13 ޓަވަރުގައި އޮގަސްޓް މަހު މީހުން ދިރިއުޅެން ފަށާނެ

20 ޖެނުއަރީ 2023

ހުޅުމާލެ 2 ގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ފުރަތަމަ 13 ޓަވަރުގައި މި އަހަރުގެ އޮގަސްޓް މަހު މީހުން ދިރިއުޅެން ފަށާނެ ކަމަށް އެ ކޯޕަރޭޝަނުން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ހުޅުމާލެ 2 ގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ފުރަތަމަ 13 ޓަވަރުގައި މި އަހަރުގެ އޮގަސްޓް މަހު މީހުން ދިރިއުޅެން ފަށާނެ ކަމަށް އެ ކޯޕަރޭޝަނުން މިއަދު ބުނެފި އެވެ.

އެ މަޝްރޫއުގެ ނަމާއި ފްލެޓުތަކުގެ މަސައްކަތް ކުރިއަށް ގެންދާ ދާގޮތް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބެއްލެވުމަށް ބޭއްވި އިވެންޓަށް ފަހު، އެފްޑީސީގެ ބިޒްނަސް ޑިވެލޮޕްމަންޓް އެންޑް ކޯޕަރޭޓް އެފެއާޒް މެނޭޖަރު އަހުމަދު ޝަމޫލް އަބްދުﷲ "މިހާރު" އަށް ވިދާޅުވީ އެ ޓަވަރުތައް ހަދަން ނިންމާފައިވަނީ ދެ ފިޔަވައްސަކަށް ބަހާލައިގެން ކަމަށެވެ.

ފުރަތަމަ ފިޔަވަހި ނުވަތަ "އުދަރެސް" ގައި ހިމެނޭ 13 ޓަވަރުގެ މަސައްކަތް އަންނަ ޖުލައި-އޮގަސްޓު މަހަށް ނިންމުމުން އެ ތަންތަނަށް ބޭނުންވާ ފެނާއި ކަރަންޓު ފޯރުކޮށްދޭން ފަށާނެ ކަމަށް ޝަމޫލް ވިދާޅުވި އެވެ.

އެ ހުރިހާ ކަމެއް ނިންމައި، އޮގަސްޓް މަހު މީހުން ދިރިއުޅެން ފަށާނެ އެވެ.

އެފްޑީސީގެ އަމާން މަޝްރޫއުގެ ދަށުން ހަދަމުން އަންނަ ފްލެޓުތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ބައްލަވައިލައްވަނީ.-- ފޮޓޯ: ރައީސް އޮފީސް

އެފްޑީސީގެ އަމާން މަޝްރޫއުގެ ދަށުން ހަދަމުން އަންނަ ފްލެޓުތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ބައްލަވައިލައްވަނީ.-- ފޮޓޯ: ރައީސް އޮފީސް

މި ސަރުކާރުގެ "ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ދޫކުރަން ނިންމާފައިވާ 4،000 ފްލެޓްގެ މަސައްކަތް ކުރަނީ އިންޑިއާގެ ދެ ކުންފުންޏަކާ ހަވާލުކޮށްގެންނެވެ. އެ ގައުމުގެ ޖޭއެމްސީ އާއި އެންބީސީސީ ކުންފުންޏާ ހަވާލުކޮށްފައިވާ އެ މަޝްރޫއުގެ ދަށުން ކޮންމެ ކުންފުންޏަކުން އަންނަނީ 2،000 ފްލެޓް އިމާރާތް ކުރަމުންނެވެ.

އެ ފްލެޓުތައް ހަދަން އިންޑިއާގެ އެގްޒިމް ބޭންކުން ދެ ލޯނެއްގެ ގޮތުގައި 227 މިލިއަން ޑޮލަރު ހަމަޖައްސައިދީފައި ވަނީ ސަރުކާރުން ދިވެހި ސޮވެރިން ގެރެންޓީ ދީގެންނެވެ. އެއީ 116.45 މިލިއަން ޑޮލަރު އަދި 110.5 މިލިއަން ޑޮލަރުގެ ލޯނެކެވެ.

އެފްޑީސީގެ "އަމާން" ގެ ތަފްސީލް

- ޖުމްލަ 17-18 ބުރީގެ 32 ޓަވަރު ހަދާނެ (ކޮންމެ ކުންފުންޏަކުން 16 ޓަވަރު)

- ކޮންމެ ފްލޯއެއްގައި ހައުސިން 8 ޔުނިޓު ހުންނާނެ

- ދެ ކޮޓަރީގެ 1،200 ފްލެޓް (650 އަކަފޫޓް).

- ތިން ކޮޓަރީގެ 2،800 ޕްލެޓް (900 އަކަފޫޓް).

އެފްޑީސީގެ އަމާން މަޝްރޫއުގެ ދަށުން ހެދި ފްލެޓަކުން، ނަމޫނާ ކޮޓަރިއެއް.-- ފޮޓޯ: ރައީސް އޮފީސް

އެފްޑީސީގެ އަމާން މަޝްރޫއުގެ ދަށުން ހެދި ފްލެޓަކުން، ނަމޫނާ ކޮޓަރިއެއް.-- ފޮޓޯ: ރައީސް އޮފީސް

ޝަމޫލް ވިދާޅުވިގޮތުގައި ދެ ފިޔަވައްސަކަށް ބަހާލައިގެން ހަދާ ހުރިހާ ފްލެޓުތައް އެއްކޮށް ނިމޭނީ އަންނަ އަހަރުގެ ފަހުކޮޅާއި 2025 ގެ ކުރީކޮޅުގަ އެވެ. ރާވާފައިވާ ތާވަލާ އެއްގޮތަށް އެ މަސައްކަތްތައް ކުރިއަށް ގެންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ބޯހިޔާވަހިކަމަށް ކުރިމަތިލާން ހުޅުވާލި މުއްދަތު މިދިޔަ އޮކްޓޯބަރު މަހަށް ހަމަވިއިރު 4،000 ފްލެޓަށް، 20,697 ފޯމު ހުށަހަޅާފައިވެ އެވެ. މި ދައުރު ނިމުމުގެ ކުރިން އެ ހުރިހާ ފްލެޓެއްގެ މަސައްކަތް ނުނިމުނަސް، ރަޖިސްޓްރީ ހަވާލުކުރެވޭނެ ކަމަށް ހައުސިން މިނިސްޓްރީން ކުރިން ބުނެފައިވެ އެވެ.

ފްލެޓު ލިބޭ މީހުންނާއި ފްލެޓަށް ދައްކަން ޖެހޭ ކުލި ކަނޑައަޅާނީ ހައުސިން މިނިސްޓްރީންނެވެ. އެކަމުގެ އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ.