Roadha Mihaaru
މާލެއިން ދޭ ގޯތީގެ އަދަދު އިތުރުކުރާނަން: ރައީސް

މާލެއިން ދޭ ގޯތީގެ އަދަދު އިތުރުކޮށް، ފްލެޓްތަކުގެ ލިޔުން ޖޫންގައި ދެނީ

06 ފެބުރުއަރީ 2023

މާލެ ސަރަހައްދުން ދޭ ގޯތީގެ އަދަދު އިތުރުކުރަން ނިންމަވާފައިވާ ކަމަށާއި ފްލެޓްތައް ލިބޭ މީހުންނަށް އެކަމުގެ ލިޔުން މި އަންނަ ޖޫން މަސް ނިމުމުގެ ކުރިން ދޫކުރާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

މާލެ ސަރަހައްދުން ދޭ ގޯތީގެ އަދަދު އިތުރުކުރަން ނިންމަވާފައިވާ ކަމަށާއި ފްލެޓްތައް ލިބޭ މީހުންނަށް އެކަމުގެ ލިޔުން މި އަންނަ ޖޫން މަސް ނިމުމުގެ ކުރިން ދޫކުރާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

މާލޭގެ ރައްޔިތުންނަށް ހުޅުމާލެ އާއި ގުޅިފަޅާއި ގިރާވަރު ފަޅު ހިއްކައިގެން 5،000 ގޯތި ދޭނެ ކަމަށް ސަރުކާރުން ވަނީ އިއުލާންކޮށްފަ އެވެ. އެއީ ހުޅުމާލެއިން 1،000 ގޯއްޗާއި ގުޅިފަޅާއި ގިރާވަރު ފަޅު ހިއްކައިގެން ކޮންމެ ތަނަކުން 2،000 ގޯއްޗެވެ.

ރައީސްގެ ފަސް އަަހަރުގެ ދައުރުގެ އެންމެ ފަހު ރިޔާސީ ބަޔާން އިއްވަވަމުން މާލޭގެ ރައްޔިތުންނަށް މިއަދު ވަނީ އުފާވެރި ޚަބަރެއް ދެއްވައިފަ އެވެ. އެއީ ހިއްކައިގެން ގޯތި ދޫކުރަން މިހާރު ކަނޑަައަޅާފައިވާ އަދަދަށް ވުރެން ވެސް އިތުރަށް ގޯތި ދޫކުރައްވާނެ ކަމުގެ ޔަގީން ކަމެވެ.

"މިއަދު ދަންނަވަން އޮތް އާ ވާހަކައަކީ ކުރިން ދޭނެ ކަމަށް ދެންނެވި އަދަދަށް ވުރެ މާލެ ސަރަހައްދުން ދޭ ގޯތީގެ އަދަދު އިތުރުކުރުމަށް އަޅުގަނޑު ނިންމި ވާހަކަ،" ރައީސް ވިދާޅުވި އެވެ.

އެކަމަކު އިތުރުކުރަން ނިންމެވީ ކިތައް ގޯތި ކަމެއް މިއަދު ވިދާޅެއް ނުވެ އެވެ.

ގޯތިދޫކުރަން ގުޅިފަޅުގެ އެއްބައި ވަނީ ހިއްކައި ނިންމައިފަ އެވެ. ގިރާވަރު ފަޅު ހިއްކުމުގެ އަމަލީ މަސައްކަތް ވެސް މި އަހަރު ނިމޭނެ ކަމަށް ރައީސް މިދިޔަ މަހުގެ ތެރޭގައި ވިދާޅުވި އެވެ.

މާލެ ސަރަހައްދުން ގޯތި ނުދޭތާ އެތައް އަހަރަކަށް ފަހު، ކުރިމަތިލާން ހުޅުވަލުމުން 15،164 އެޕްލިކޭޝަން ހުށަހެޅި އެވެ.

ފްލެޓްތައް ނިމޭނެ، ލިޔުން ޖޫންގައި

ބޯހިޔާވަހިކަމުގެ ވައުދު ނުފުދި ލަސްވެފައިވާ ކަމުގެ ކަންބޮޑުވުންތަކަށް ރައީސް މިއަދު ވިދާޅުވީ އެ ވައުދު ފުއްދެވުމުގެ އަމާޒުގައި ވެސް އެއްވެސް ކަސިޔާރު ކަމެއް ނެތް ކަމަށެވެ. ފްލެޓްތައް އިމާާރާތްކުރަން ފަށައި ވެރިކަން ނިމުމުގެ ކުރިން ހަވާލުކުރާ ފުރަތަމަ ސަރުކާރަކަށް ވާނީ އެމަނިކުފާނުގެ މި ވެރިކަން ކަމަށް ވެސް ވިދާޅުވި އެވެ.

"ދައުރެއްގެ ތެރޭގައި ބިންގަލުން ފެށި ފްލެޓް އިމާރާތެއް ނިންމައި ރައްޔިތުން ބޯހިޔާވަހި ކުރާ ފުރަތަމަ އަހަރަށް މި އަހަރު ވެގެންދާނެ. އެ ފްލެޓް ތަކަކީ ޖާގައިގެ ގޮތުން ތަނަވަސް ތަފާތު ފްލެޓްތަކަކަށް ވެގެންދާނެ،" ރައީސް ވިދާޅުވި އެވެ.

އެފްޑީސީގެ އަމާން މަޝްރޫއުގެ ދަށުން ހަދަމުން އަންނަ ފްލެޓުތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބައްލަވައިލައްވަނީ.-- ފޮޓޯ: ރައީސް އޮފީސް

އެފްޑީސީގެ އަމާން މަޝްރޫއުގެ ދަށުން ހަދަމުން އަންނަ ފްލެޓުތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބައްލަވައިލައްވަނީ.-- ފޮޓޯ: ރައީސް އޮފީސް

މާލެ އިން ފްލެޓަށް ކުރިމަތިލާން ހުޅުވާލުމުން 20،697 ފޯމު ހުށަހެޅި އެވެ.

"މި އެޕްލިކޭޝަންތައް މިހާރު މިދަނީ ޕްރޮސެސްކުރަމުން. މި އަހަރުގެ ޖޫން ނިމުމުގެ ކުރިން ބޯހިޔާވަހިކަން ލިބޭ ފަރާތްތަކަށް އެކަމުގެ ލިޔުން އިރާދަކުރެއްވިއްޔާ ހަވާލުކުރާނަން،" ރައީސް ވިދާޅުވި އެވެ.

މި ސަރުކާރުގެ "ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ދޫކުރަން ނިންމާފައިވާ 4،000 ފްލެޓްގެ މަސައްކަތް ކުރަނީ އިންޑިއާގެ ދެ ކުންފުންޏަކާ ހަވާލުކޮށްގެންނެވެ. އެ ގައުމުގެ ޖޭއެމްސީ އާއި އެންބީސީސީ ކުންފުންޏާ ހަވާލުކޮށްފައިވާ އެ މަޝްރޫއުގެ ދަށުން ކޮންމެ ކުންފުންޏަކުން އަންނަނީ 2،000 ފްލެޓް އިމާރާތް ކުރަމުންނެވެ.

މި ސަރުކާރުގެ ފުރަތަމަ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން އިމާރާތްކުރި ފްލެޓުތައް ނިމުމުން ހުންނާނެ ގޮތުގެ ނަމޫނާއެއް.-- ފޮޓޯ: ރައީސް އޮފީސް

މި ސަރުކާރުގެ ފުރަތަމަ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން އިމާރާތްކުރި ފްލެޓުތައް ނިމުމުން ހުންނާނެ ގޮތުގެ ނަމޫނާއެއް.-- ފޮޓޯ: ރައީސް އޮފީސް

މީގެތެރެއިން 13 ޓަވަރުގައި އަންނަ އޮގަސްޓަ މަހުގެ ތެރޭގައި މީހުން ދިރިއުޅެން ފަށާނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.

ރައީސް ވިދާޅުވި ގޮތުގައި ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭން ކުރިއަށް ގެންދާ ހައުސިން ލޯނަށް އެދި 579 ފޯމު ހުށަހަޅާފައިވެ އެވެ. ގެދޮރޮވެރިޔާ ލޯންގެ މި ފޯމުތަކުގެ 55 ޕަސެންޓް މިހާރު ވަނީ އެޕްރޫވްކޮށްފައި ކަމަށާއި 249 މީހުންނާ އެކު ލޯން އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

އަތޮޅުތަކުގައި ބޯހިޔާވަހިކަމަށް ހިންގާ މަޝްރޫއުތަކުގެ ތެރެއިން އަންނަ މެއި މަހުގެ ނިޔަލަށް 556 ހައުސިން ޔުނިޓް ނިމޭނެ ކަމުގެ ޔަގީންކަން ދެއްވި އެވެ. މީގެ އިތުރަށް 2،200 ހައުސިން ޔުނިޓް އެކި އަތޮޅުތަކުގައި ހިނގަމުން އަންނަ ކަމަށް ރައީސް ވިދާޅުވި އެވެ.