Roadha Mihaaru
އާ އޮފީސް އިމާރާތާއެކު 12 މިލިއަން ސަލާމަތް ކުރެވޭ

އާ އޮފީސް އިމާރާތާއެކު، 12 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ: ފިނޭންސް މިނިސްޓްރީ

19 މާޗް 2023

ހުޅުމާލޭގައި މިދިޔަ މަހު ހުޅުވި ސަރުކާރުގެ އާ އޮފީސް އިމާރާތާއެކު، ތިން އިދާރާއެއްގެ ކުލި ދެއްކުމަށް މިހާތަނަށް ކުރި ހަރަދުން 12 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ހުޅުމާލޭގައި މިދިޔަ މަހު ހުޅުވި ސަރުކާރުގެ އާ އޮފީސް އިމާރާތާއެކު، ތިން އިދާރާއެއްގެ ކުލި ދެއްކުމަށް މިހާތަނަށް ކުރި ހަރަދުން 12 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން "މިހާރު" އިން ކުރި ސުވާލުތަކަށް އެ މިނިސްޓްރީން ދިން ޖަވާބުގައި ބުނީ، ހުޅުމާލޭގައި މިދިޔަ މަހުގެ 15 އިގައި ހުޅުވި "އުމަރު ޒާހިރު ބިލްޑިން" އަށް ބަދަލު ކުރި އޮފީސްތަކަށް ކުރިން ކޮންމެ މަހަކު މިލިއަނެއްހާ ރުފިޔާ ހޭދަކުރާ ކަމަށެވެ.

އެ އިމާރާތައް ބަދަލު ކޮށްފައި ވަނީ ޖެންޑާ މިނިސްޓްރީ އާއި ޓްރާންސްޕޯޓް މިނިސްޓްރީ އަދި ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އެވެ.

ޖެންޑާ މިނިސްޓްރީ އަށް ކޮންމެ މަހަކު 225،000ރ. ދައްކާ އިރު އަހަރަކަށް އެ އޮފީހުގެ ކުއްޔަށް 2.7 މިލިއަން ރުފިޔާ ސަރުކާރުގެ ބަޖެޓުން ކުރިން ހޭދަކުރަން ޖެހުނެވެ. ޓްރާންސްޕޯޓް މިނިސްޓްރީގެ ކުއްޔަށް ކުރިން ކޮންމެ މަހަކު 660،000ރ. ދައްކަން ޖެހުނެވެ. އެއީ އަހަރަކަށް 7.7 މިލިއަން ރުފިޔާ އެވެ. އަދި ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އަށް 198،000ރ. ދައްކަން ޖެހުނު އިރު އެ އޮފީހަށް އަހަރަކަށް ބަޖެޓުން 2.3 މިލިއަން ރުފިޔާ ހޭދަކުރި އެވެ.

އާ އޮފީސް އިމާރާތަށް އެ މިނިސްޓްރީ ބަދަލު ކުރުމުން އެ ފައިސާއެއް ބަޖެޓުން ހަރަދު ކުރާކަށް ދެން ނުޖެހޭނެ އެވެ.

ސަރުކާރުގެ ތިން މިނިސްޓްރީއެއްގެ ހިންގުން ހިންގާ އުމަރު ޒާހިރު އޮފީސް ބިލްޑިންގެ ސައިޒަކީ 25،000 އަކަފޫޓެވެ. ހަ ފްލޯގެ އެ އިމާރާތުގައި ޕާކިން އަށް ހާއްސަ ޖާގައެއް ވެސް އޮވެ އެވެ.

ސަރުކާރުގެ ގިނަ އިދާރާތަކެއްގެ މިހާރު ވެސް ހިންގަމުން އަންނަނީ ކުލީ އިމާރާތްތަކުގަ އެވެ. މިދިޔަ އަހަރު ވެސް ވަނީ އޮފީސްތަކުގެ ކުއްޔަށް 180 މިލިއަން ރުފިޔާ ދައުލަތުން ހޭދަކޮށްފަ އެވެ.