Roadha Mihaaru

އަންނަ އަހަރުގެ ކްލަބް ވޯލްޑް ކަޕް ސައުދީ އަރަބިއްޔާގައި

އަންނަ އަހަރުގެ ފީފާ ކްލަބް ވޯލްޑް ކަޕް ސައުދީ އަރަބިއްޔާ ގައި ބާއްވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

އަންނަ އަހަރުގެ ކްލަބް ވޯލްޑްކަޕް ސައުދީ އަރަބިއްޔާގައި
މުހައްމަދު ޒަޔާން ޒާހިރު
މުހައްމަދު ޒަޔާން ޒާހިރު

15 ފެބުރުއަރީ 2023

އަންނަ އަހަރުގެ ފީފާ ކްލަބް ވޯލްޑް ކަޕް ސައުދީ އަރަބިއްޔާ ގައި ބާއްވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

މިސްރާއި ގްރީސް އާއެކު 2030 ވަނަ އަހަރުގެ ވޯލްޑް ކަޕް ބާއްވަން ބިޑް ކުރަން ތައްޔާރުވަމުން އަންނަ ސައުދީ އަރަބިއްޔާ ގައި އަންނަ އަހަރުގެ ކްލަބް ވޯލްޑް ކަޕް ބާއްވަން ނިންމީ ރޭ ބޭއްވި ފީފާގެ ކައުންސިލް މީޓިންގަ އެވެ.

ދެހާސް ވަނަ އަހަރު ބާއްވަން ފެށި ކްލަބް ވޯލްޑް ކަޕް މީގެ ކުރިން ފަސް ގައުމެއްގައި ބާއްވާފައި ވެއެވެ. ސައުދީ އަރަބިއްޔާ އަކީ މުބާރާތް ބާއްވާ ހަ ވަނަ ގައުމެވެ.

"އަހަރެމެން މިތިބީ ވަރަށް ފަހުރުވެރި ވެފައި އަދި ވަރަށް އުފާ ވެފައި، ދުނިޔޭގެ އެންމެ މަތީ ފުޓްބޯޅަ ކުލަބުތަކާއި އެ ކުލަބުތަކުގެ ސަޕޯޓަރުންނަށް ސައުދީ އަރަބިއްޔާ އަށް މަރުހަބާ ކިޔުމުގެ ފުރުސަތު ލިބުމުން،" ސައުދީގެ ސްޕޯޓްސް މިނިސްޓަރު ޕްރިންސް އަބްދުލްއަޒީޒް ބިން ތުރުކީ އަލް ފައިސަލް ވިދާޅުވި އެވެ.

ބަދަލުތަކާ އެކު 32 ޓީމު ހިމަނައިގެން ކްލަބް ވޯލްޑް ކަޕް ބާއްވަން ހަމަޖެހިފައި ވަނީ 2025 ވަނަ އަހަރުން ފެށިގެންނެވެ. މިހާރު ކުޅޭ އުސޫލުން ހަތް ޓީމާ އެކު ސައުދީގައި އަންނަ އަހަރުގެ ކްލަބް ވޯލްޑް ކަޕް އޮންނާނީ ޑިސެމްބަރު 12 އިން 22 ގެ ނިޔަލަށެވެ.

އާ ފޯމެޓް ގައި 2025 ވަނަ އަހަރުން ފެށިގެން ވޯލްޑް ކަޕް ގައި ޔޫރަޕްގެ 12 ކުލަބެއް ވާދަކުރާނެ އެވެ. ދެކުނު އެމެރިކާ ސަރަހައްދުގެ ހަ ކުލަބަކަށް ޖާގަ ލިބޭއިރު އުތުރު އެމެރިކާ އާއި ކެރީބިއަން ސަރަހައްދު ހިމެނޭ ކޮންކާކަފް ގެ ހަތަރު ކުލަބަކަށް ޖާގަ ލިބޭނެ އެވެ. ދެން ވާދަ ކުރާނީ އޭޝިއާގެ ހަތަރު ކުލަބާއި އެފްރިކާ ބައްރުގެ ހަތަރު ކުލަބުގެ އިތުރުން އޯޝޭނިއާ ސަރަހައްދުން އެއް ކުލަބާއި މުބާރާތް ބާއްވާ ގައުމުން އެއް ކުލަބެވެ.

މި އަހަރުގެ ކްލަބް ވޯލްޑް ކަޕް ކާމިޔާބު ކުރީ ސްޕެއިންގެ ރެއާލް މެޑްރިޑެވެ. ފަސްވަނަ ފަހަރަށް ރެއާލް ޗެމްޕިއަންކަން ހޯދީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ކުޅުނު ފައިނަލް މެޗުގައި ސައުދީ އަރަބިއްޔާގެ އަލް ހިލާލް ބަލިކޮށްފަ އެވެ. އަލް ހިލާލް އަކީ 2021 ވަނަ އަހަރުގެ އޭޝިއާގެ އޭއެފްސީ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރި ކްލަބެވެ. މިދިޔަ އަހަރު ފެށި އޭއެފްސީ ޗެމްޕިއަންސް ލީގު އަދި ނުނިމޭތީ، އޭއެފްސީ އިން މި އަހަރުގެ ކްލަބް ވޯލްޑް ކަޕަށް ފޮނުވީ ހިލާލް އެވެ.

މިހާތަނަށް ކްލަބް ވޯލްޑް ކަޕް ގެ 19 މުބާރާތް ބާއްވާފައި ވާއިރު، އޭގެ ތެރެއިން 15 ފަހަރު ޗެމްޕިއަންކަން ހޯދީ ޔޫރަޕުގެ ކުލަބަކުންނެވެ. ބާކީ ހަތަރު ފަހަރު ޗެމްޕިއަންކަން ގެންދިޔައީ ދެކުނު އެމެރިކާއަށެވެ. އޭޝިއާގެ ކުލަބުތަކުން ތިން ފަހަރު ފައިނަލް ގައި ކުޅެފައި ވާއިރު އެ ތިން ފަހަރު ޗެމްޕިއަންކަން ހޯދީ ވެސް ރެއާލް އެވެ.