Roadha Mihaaru
ނާގޯށި އަންނަ އަހަރު ހުޅުވާނެ: އެމްޓީޑީސީ

ނާގޯށި އަންނަ އަހަރު ހުޅުވާނެ: އެމްޓީޑީސީ

09 ފެބުރުއަރީ 2023

އެމްޓީޑީސީން ތަރައްގީކުރާ، ހދ. ނާގޯށީގެ މަސައްކަތް އަންނަ އަހަރު ނިންމައި އެތަން ހުޅުވޭނެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ތަޒްމީލު އަބްދުލްސަމަދު ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އެމްޓީޑީސީން ތަރައްގީކުރާ، ހދ. ނާގޯށީގެ މަސައްކަތް އަންނަ އަހަރު ނިންމައި އެތަން ހުޅުވޭނެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ތަޒްމީލު އަބްދުލްސަމަދު ވިދާޅުވެއްޖެ އެވެ.

އެ ކުންފުނީގެ 15 ވަނަ އަހަރީ ދުވަހާ ގުޅިގެން ރޭ ކުރުނބާގައި ބޭއްވި ރަސްމިއްޔާތުގައި ތަޒްމީލް ވިދާޅުވީ، އެމްޓީޑީސީން އަމިއްލައަށް ރިސޯޓު ހިންގައިގެން އެކަމުން ފައިދާ ބޮޑު ކުރެވޭނެ ކަމަށެވެ. އަދި އެކަމުގެ މަސައްކަތްތައް ވަރަށް ބާރަށް ކުރިއަށްގެންދާ ކަމަށް ވިދާޅުވި އެވެ.

ނާގޯށި ތަރައްގީކުރަނީ، ދުބާއީގެ ރޯ ގަލަދާރީ ކުންފުނިންނެވެ. އެ ކުންފުންޏާއި އެމްޓީޑީސީން ހަދާފައިވާ ޖޮއިންޓް ވެންޗާއެއްގެ ދަށުން އެ ރަށް ތަރައްގީ ކުރާއިރު ރޯ ގަލަދާރީގެ ހިއްސާއަކީ 85 ޕަސެންޓެވެ. ބާކީ 15 ޕަސެންޓް ހިއްސާ ވަނީ އެމްޓީޑީސީ އެވެ. ނަމަވެސް އެ ޑީލް ހެދީ ރިސޯޓު ހިންގުމުގެ ފައިދާގެ ފިކްސްޑް އަދަދެއް ކޮންމެ މަހަކު ވެސް އެމްޓީޑީސީ އަށް ލިބޭ ގޮތަށެވެ.

އޭނާ ވިދާޅުވީ، ދެ ފިޔަވައްސަކަށް ބަހާލައިގެން ތަރައްގީކުރާ އެ ރިސޯޓުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ.

އެމްޓީޑީސީގެ 15 ވަނަ އަހަރީ ދުވަސް ފާހަގަކުރަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. --ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

އެމްޓީޑީސީގެ 15 ވަނަ އަހަރީ ދުވަސް ފާހަގަކުރަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. --ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

"މި ކުންފުނިން އިންވެސްޓުކޮށްގެން 230 އެނދުގެ ރިސޯޓެއް ތަރައްގީ ކުރުމަށް ބޭނުންވާ އެންމެހާ މަސައްކަތްތައް ހަލުއި ސްޕީޑުގައި ކުރިއަށްދާ ވާހަކަ ދަންނަވާލަން. މި ރިސޯޓު ތަރައްގީ ކުރެވިގެންދާނީ ޒަމާނީ ފެންވަރުގައި އެންމެ ފަހުގެ ވަސީލަތްތަކާ އެކު، ހުރިހާ ގިންތިއަކަށް ހާއްސަކުރެވިގެން،" އޭނާ ވިދާޅުވި އެވެ

ނާގޯށީގެ އިތުރުން އެކުންފުންޏަށް ދާއިމީ ގޮތެއްގައި އާމްދަނީ ލިބޭނެ ގޮތެއް ފަހި ކުރުމަށް އެ ކުންފުނިން ވަނީ ހުޅުމާލޭގައި އޮފީސް އިމާރާތެއް އެޅުމުގެ މަސައްކަތް ފަށައިފަ އެވެ.

އެމްޓީޑީސީން ބުނީ އެ އޮފީސް އިމާރާތަކީ ހުޅުމާލޭ ސެންޓްރަލް ޕާކު ސަރަހައްދުގެ 6،000 އަކަފޫޓުގެ ބިމެއްގައި ހަދާ އިމާރާތެއް ކަމަށެވެ. އެ އޮފީސް އިމާރާތް އަންނަ އަހަރު ފަހުކޮޅު ހުޅުވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ހަތް ބުރިއަށް ހަދާ އިމާރާތުގައި އެމްޓީޑީސީގެ އިތުރުން އެހެން ފަރާތްތަކަށް ވެސް އޮފީސް ޖާގަ ކުއްޔަށް ދޭނެ އެވެ. ޒަމާނީ ވަސީލަތްތަކާ އެކު ހަދާ އެ އިމާރާތުގައި މަލްޓި ޕާޕަސް ހޯލާއި، ޕާކިން އޭރިއާ އާއި ބިޒްނަސް ލޯންޖަކާއި ޖިމެއްގެ އިތުރުން އޯޕަން އިވެންޓްތައް ބޭއްވުމަށް ހާއްސަ ޓެރަސްއެއް ވެސް އޮންނާނެ އެވެ.

އެމްޓީޑީސީން މިހާރު އޮފީސް ހިންގަނީ މަޓީގެ އިމާރާތެއްގަ އެވެ. ގާތްގަނޑަކަށް 3،500 އަކަފޫޓުގެ އެ އިމާރާތުގައި މަހެއްގެ މައްޗަށް ކުއްޔަށް 70،000ރ. ހޭދަކުރަން ޖެހެ އެވެ. އެހެންވެ، އަލަށް ހަދާ އޮފީސް އިމާރާތާ އެކު އެމްޓީޑީސީއަށް ދާއިމީ ގޮތެއްގައި އާމްދަނީ ލިބޭނެ ގޮތެއް ފަހިވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

މިވަގުތު އެކުންފުންޏަށް އެންމެ ބޮޑު އާމްދަނީއެއް ލިބެނީ ދެ ރަށެއް ރިސޯޓު ހަދަން ކުއްޔަށް ދީގެންނެވެ.

ރޭގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ، ކޮވިޑްގެ އުނދަގޫ ހާލަތުގައި ވެސް، ގިނަ ދުވަސްތަކަކަށް ފަހު ފައިދާ ލިބޭ ކުންފުންޏަކަށް އެމްޓީސީ ވުމަކީ ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ.

"މިއަދުގެ ބޯޑުން، ޗެއާމަން، މިއަދުގެ އެމްޑީގެ ވިސްނުންފުޅާ ދުރު ރާސްތާގައި ކުރަން ނިންމެވި ކަންކަން އެނގިގެން ހިނގައްޖެ. އެ ކަންތައްތަކުން އެނގިގެން މިދަނީ މިހާރު އެމްޓީޑީސީ އަމާޒު ހިފާފައި އޮތީ ވަރަށް ތަނަވަސް، ވަރަށް އުޖާލާ މުސްތަގްބަލަކަށް ކަން،" އޭނާ ވިދާޅުވި އެވެ.

އެ ކުންފުންޏަށް 11 އަހަރަށް ފަހު އަލުން ފައިދާވާން ފެށީ 2020 ވަނަ އަހަރުން ފެށިގެންނެވެ.

އެމްޓީޑީސީ އަކީ ސަރުކާރުގެ 47 ޕަސެންޓް އަދި އާންމު ހިއްސާދާރުންގެ 53 ޕަސެންޓް ހިއްސާ އޮންނަ ކުންފުންޏެވެ. އެކުންފުނީގައި އާންމުގެ ހިއްސާދާރުންގެ ގޮތުގައި 24،000 އަށް ވުރެ ގިނަ މީހުން އެބަ ތިއްބެވެ.