Roadha Mihaaru
އެމްޓީޑީސީ އަށް 11.6 މިލިއަން ރުފިޔާގެ ފައިދާއެއް

ފަހު ކުއާޓަރުގައި އެމްޓީޑީސީ އަށް 11.6 މިލިއަން ރުފިޔާގެ ފައިދާއެއް

03 ނޮވެމްބަރ 2022

މި އަހަރުގެ ތިން ވަނަ ކުއާޓަރުގައި މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އަށް ސާފު ފައިދާގެ ގޮތުގައި 11.6 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

މި އަހަރުގެ ތިން ވަނަ ކުއާޓަރުގައި މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އަށް ސާފު ފައިދާގެ ގޮތުގައި 11.6 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

އެ ކުންފުނިން ނެރުނު މާލީ ހިސާބުތަކުގައި ވާ ގޮތުން، މި އަހަރުގެ ކުއާޓަރުގެ ސާފު ފައިދާ ވަނީ ދެވަނަ ކުއާޓާއާ އަޅާބަލާއިރު 16.5 ޕަސެންޓު ކުރިއަރައިފަ އެވެ. ދެވަނަ ކުއާޓަރުގައި، 25،000 ހިއްސާދާރުން ތިބި އެމްޓީޑީސީގެ ސާފު ފައިދާއަކީ 9.9 މިލިއަން ރުފިޔާ އެވެ.

މި އަހަރުގެ ތިން ވަނަ ކުއާޓަރުގައި އެ ކޯޕަރޭޝަނަށް 28 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނެވެ. އެއީ ދެ ވަނަ ކުއާާޓާއާ އަޅާބަލާއިރު 1.4 ޕަސެންޓުގެ ކުރިއެރުމެކެވެ.

ތިން ވަނަ ކުއާޓަރުގައި އެ ކޯޕަރޭޝަންގެ ހިންގުމުގެ ހަރަދުތައް އިތުރުވި ނަމަވެސް، އެހެނިހެން ހަރަދުތައް ވަނީ ކުޑަކޮށްފަ އެވެ. އެ ކުއާޓަރުގައި ލިބުނު ސާފު ފައިދާ އިތުރުވެފައި ވަނީ އެހެންވެ އެވެ.

އެމްޓީޑީސީން ވަނީ 11 އަހަރަށް ފަހު، މިދިޔަ ތިން އަހަރެއްހާ ދުވަހު އެ ކުންފުނީގެ ހިއްސާދާރުންނަށް ފައިދާ ބަހައިފަ އެވެ. އަދި ކުންފުންޏަށް މިހާރު ވަނީ ފައިދާ ކަމަށް މެނޭޖިން ޑިރެކްޓަރު ތަޒްމީލް އަބްދުއްސަމަދު ވިދާޅުވި އެވެ.

އެމްޓީޑީސީގެ ދަށުން ދެ ރިސޯޓެއް ކާމިޔާބުކަމާއެކު އަންނަނީ ހިންގަމުންނެވެ. އެއީ 2010 ވަނަ އަހަރު ގދ. މަގުދުވާގައި ހުޅުވި، އަޔާޑާ މޯލްޑިވްސް ރިސޯޓާއި ބ. ކިހަވަށް ހުރަވަޅީގައި 2011 ވަނަ އަހަރު ހުޅުވި އަނަންތަރަަ ކިހަވަށް ރިސޯޓެވެ.

އެމްޓީޑީސީން ޖޮއިންޓް ވެންޗާގެ ދަށުން ހިންގަން ފަށާ ފުރަތަމަ ރިސޯޓުގެ މަސައްކަތް ވެސް ވަރަށް އަވަހަށް ފަށަން އަންނަނީ ތައްޔާރު ވަމުންނެވެ. ދުބާއީގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ ރޯ ގަލަދާރީ ކުންފުނީގެ 85 ޕަސެންޓާއި އެމްޓީޑީސީގެ 15 ޕަސެންޓާއެކު ތަރައްގީކުރާ އެ ރިސޯޓުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް އަންނަ އަހަރު ނިންމައި އެ އަހަރު ނިމުމުގެ ކުރިން ހުޅުވާނެ ކަމަށް އެމްޓީޑީސީން މިދިޔަ ހަފުތާގައި ބުންޏެވެ.

އެ މަޝްރޫއުގެ އިތުރުން އެމްޓީޑީސީން އަންނީ އަމިއްލަ ރިސޯޓެއް ހިންގުމަށް ވެސް ޕްލޭންތަކެއް ހަދަމުންނެވެ. އަދި އަމިއްލަ އޮފީސް އިމާރާތެއްގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފަށާނެ އެވެ.