Roadha Mihaaru
ނާގޯއްޓަކީ ޓޫރިޒަމްގެ އިންގިލާބަކަށް ވާނެ: އެމްޓީޑީސީ

ނާގޯއްޓަކީ ޓޫރިޒަމް ދާއިރާ އަށް އަންނާނެ ބޮޑު އިންގިލާބެއް: އެމްޓީޑީސީ

26 އޮކްޓޯބަރ 2022

ހދ. ގައި ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރާ ނާގޯއްޓަކީ ޓޫރިޒަމް ދާއިރާ އަށް އަންނާނެ ބޮޑު އިންގިލާބަކަށް ވާނެ ކަމަށް އެމްޓީޑީސީގެ މެނޭޖިން ޑިރެކްޓަރު ތަޒްމީލް އަބްދުއްސަމަދު މިއަދު ވިދާޅުވެއްޖެ އެވެ.

އަހުމަދު ހަމްދޫން އަހުމަދު ހަމްދޫން

ހދ. ގައި ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރާ ނާގޯއްޓަކީ ޓޫރިޒަމް ދާއިރާ އަށް އަންނާނެ ބޮޑު އިންގިލާބަކަށް ވާނެ ކަމަށް އެމްޓީޑީސީގެ މެނޭޖިން ޑިރެކްޓަރު ތަޒްމީލް އަބްދުއްސަމަދު މިއަދު ވިދާޅުވެއްޖެ އެވެ.

"އަޅުގަނޑުގެ އުއްމީދަކީ ދިވެހިރާއްޖޭގެ ތާރީހުގައި މިހާތަނަށް ތަރައްގީ ކުރެވޭ އެންމެ ޒަމާނީ ފެންވަރުގެ އަދި ރާއްޖޭގައި މިހާތަނަށް ތަރައްގީ ވެފައިވާ ރިސޯޓުތަކާ އެއްގޮތަށް އެހެން ނަމަވެސް ތަފާތު ކޮންސެޕްޓެއްގައި، ރާއްޖޭގެ ޓޫރިޒަމްގައި މުޅިން އާ އިންގިލާބެއް ގެންނަ ވަރުގެ ބިޔަ ޕްރޮޖެކްޓަކަށް މި ޕްރޮޖެކްޓް ވާނެ ކަމަށް،" ތަޒްމީލް ވިދާޅުވި އެވެ.

ރިސޯޓެއްގެ ގޮތުގައި ނާގޯށި ތަރައްގީ ކުރަނީ ދުބާއީގެ ރޯ ގަލަދާރީ ކުންފުނިންނެވެ. އެ ކުންފުންޏާއި އެމްޓީޑީސީން ހަދާފައިވާ ޖޮއިންޓް ވެންޗާއެއްގެ ދަށުން އެ ރަށް ތަރައްގީ ކުރާއިރު ރޯ ގަލަދާރީގެ ހިއްސާއަކީ 85 ޕަސެންޓެވެ. ބާކީ 15 ޕަސެންޓް ހިއްސާ ވަނީ އެމްޓީޑީސީ އެވެ. ނަމަވެސް އެ ޑީލް ހަދާފައި ވަނީ ރިސޯޓު ހިންގުމުގެ ފައިދާގެ ފިކްސްޑް އަދަދެއް ކޮންމެ މަހަކު ވެސް އެމްޓީޑީސީ އަށް ލިބޭ ގޮތަށެވެ.

"މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި އެމްޑީ ވިދާޅުވީ، ނާގޯށި ތަރައްގީ ކުރުމުގެ މޮބިލައިޒޭޝަން ޕްލޭން ހެދުމުގެ މާސްޓަޕްލޭނަށް ޓޫރިޒަމް މިނިސްޓްރީން މިއަދު ހުއްދަ ލިބިފައިވާ ކަމަށެވެ. އެހެންވެ، ކުރު މުއްދަތެއްގައި ކޮންސްޓްރަކްޝަން މަސައްކަތްތައް ފެށޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްޓީޑީސީގެ އެމްޑީ ތަޒްމީލް މިއަދު "މިހާރު" އާ ވާހަކަ ދައްކަވަނީ: ނާގޯށި ވުޖޫދަށް ގެނައުމަކީ އެމްޓީޑީސީން ކުރާ އެންމެ ބޮޑު އެއް މަސައްކަތް ކަމަށް ވިދާޅުވި.---ފޮޓޯ: ނިޝާން އަލީ| މިހާރު

އެމްޓީޑީސީގެ އެމްޑީ ތަޒްމީލް މިއަދު "މިހާރު" އާ ވާހަކަ ދައްކަވަނީ: ނާގޯށި ވުޖޫދަށް ގެނައުމަކީ އެމްޓީޑީސީން ކުރާ އެންމެ ބޮޑު އެއް މަސައްކަތް ކަމަށް ވިދާޅުވި.---ފޮޓޯ: ނިޝާން އަލީ| މިހާރު

ތަޒްމީލް ވިދާޅުވިގޮތުގައި ނާގޯށި ހަދަނީ ފިޔަވަހިތަކަކަށް ބަހާލައިގެންނެވެ.

"ފުރަތަމަ ފޭސްއަކީ އަޅުގަނޑުމެންނަށް މިހާރު ލިބިފައިވާ އެގްރީމަންޓުގެ މުއްދަތުގައިވާ ގޮތުގެ މަތިން ޓޫރިޒަމް މިނިސްޓްރީގެ މިންގަނޑުތަކަށް ފައްތައިގެން ލައިސަންސަށް ރެޑީ ވެ، ރިސޯޓު ހުޅުވުން. ކުންފުނީގެ ވެސް އަދި ޖޭވީ ޕާޓްނަރުގެ ވެސް އެންމެ ބޮޑު އަމާޒަކީ އަޅުގަނޑުނެންނަށް ލިބިފައިވާ މުއްދަތަށް ތަރައްގީކޮށް، ރަށް ހުޅުވޭނެ އިންތިޒާމު ހަމަޖެހިގެން ދިއުން،" އޭނާ ވިދާޅުވި އެވެ.

ތަޒްމީލް ވިދާޅުވީ އަންނަ އަހަރު ނިމުމުގެ ކުރިން ނާގޯށީގެ ފުރަތަމަ ފިޔަވަހި ވުޖޫދަށް ގެންނާނެ ކަމަށެވެ. އެއާއެކު، ބާކީ ދެ ފިޔަވަހީގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށް ގެންދާނެ އެވެ.

އެއީ ރާއްޖޭގައި ހަދާ އެންމެ ބޮޑު އެއް ރިސޯޓުކަން އޭނާ ފާހަގަކުރެއްވި އެވެ.

"ހދ. ނާގޯށިއަކީ 76 ހެކްޓަރުގެ ބޮޑު ރަށެއް. އެހެންވީމާ މުޅި ރަށް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރެވިގެންދާއިރު، ތިން ފިޔަވައްސަކަށް ތަން ހަދާއިރު އަޅުގަނޑު ހިތުން މުޅިން ތަފާތު ކެޓަގަރީތަކެއް އެ ރަށުން ފެންނަން ހުންނާނެ. ހދ. އަތޮޅުގެ ރައްޔިތުންނަށް ވެސް އަދި އެމްޓީޑީސީ އަށް މި ރަށް ނުހެދި އެތައް ދުވަހަކު އޮތް އޮތުމަށް ވެސް މި ފަހަރު ނިމުމެއް އަންނާނެ،" ތަޒްމީލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ރިސޯޓު ވުޖޫދަށް އައުމުގެ ނަތީޖާއަކީ ހދ. ގެ އަތޮޅުގެ ގިނަ ބަޔަކަށް ވަޒީފާގެ ފުރުސަތު ފަހިވުން ކަމަށެވެ.

ރިސޯޓެއްގެ ގޮތުގައި ނާގޯށި ހިންގަން ފެށުމާއެކު އިންޓަނޭޝަނަލް ގިނަ ބްރޭންޑްތައް ވެސް އެ ރިސޯޓުން ފެންނާނެ ކަމަށް އެމްޑީ ވިދާޅުވި އެވެ.

ނާގޯށި އެމްޓީޑީސީއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ޖުލައި 2020 ގައި ސޮއިކުރުމަށް ފަހު، އެ ކުންފުނީގެ އެމްޑީ ތަޒްމީލާއި ޓޫރިޒަމް މިނިސްޓްރީގެ އޮފިޝަލަކު ފޮޓޯއެއް ނަންގަވަނީ.---ފޮޓޯ: އެމްޓީޑީސީ

ނާގޯށި އެމްޓީޑީސީއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ޖުލައި 2020 ގައި ސޮއިކުރުމަށް ފަހު، އެ ކުންފުނީގެ އެމްޑީ ތަޒްމީލާއި ޓޫރިޒަމް މިނިސްޓްރީގެ އޮފިޝަލަކު ފޮޓޯއެއް ނަންގަވަނީ.---ފޮޓޯ: އެމްޓީޑީސީ

"ދިވެހިރާއްޖޭގެ މާހައުލު މި ކޮންސެޕްޓްގެ ތެރެއިން ވަރަށް ރަނގަޅަށް ފެންނާނެ،" އޭނާ ވިދާޅުވި އެވެ.

ތަޒްމީލް ވިދާޅުވީ، ހދ. އަތޮޅުގައި ރިސޯޓެއް ހެދުމަކީ އެ އަތޮޅުގެ މީހުންގެ ޒަމާންވީ އުންމީދެއް ކަމަށާއި އެމްޓީޑީސީން މި ފަހަރު އެ ކަން ހަގީގަތަކަށް ހަދައިދޭނެ ކަމަށެވެ.

އެ ރިސޯޓުގައި 835 ކޮޓަރި ތަރައްގީ ކުރާއިރު އެއީ 1،670 އެނދެވެ. ރާއްޖޭގައި އާއްމުކޮށް އެއް ރިސޯޓެއްގައި ތަަރައްގީ ކުރާނީ 300 އެއްހާ އެނދެވެ. އެހެންވެ، އެ ރިސޯޓުގަައި އެކަނިވެސް ހަ ރިސޯޓުގެ އެނދު ތަރައްގީކުރެވޭ ކަމަށް އެމްޓީޑީސީން ކުރިން ބުނެފައި ވެ އެވެ.

ހދ. ނާގޯއްޓަކީ އަޅުގަނޑުމެން އެންމެން ވެސް ހާއްސަކޮށް އެމްޓީޑީސީ ވެސް އަދި ހދ. އަތޮޅުގެ ރައްޔިތުންގެ ވެސް ފަހުރުވެރިވާ ފަދަ ރަނގަޅު ޕްރޮޑަކަޓަކަށް ވާނެ: ތަޒްމީލް

މުޅި ރިސޯޓަށް 400 މިލިއަން ޑޮލަރަށް ވުރެ ބޮޑު ހޭދައެއް ކުރާއިރު، އެއީ ރާއްޖޭގައި އެންމެ އެނދު ގިނަ އެއް ރިސޯޓަށް ވާނެ ކަމަށް ތަޒްމީލް ވިދާޅުވި އެވެ.

ނާގޯށީގައި ދެ ގިންތިއެއްގެ ވިލާތައް ތަރައްގީ ކުރަން ވަނީ ނިންމައިފަ އެވެ. އެއީ ފަސް ތަރީގެ ކޮޓަރިތަކާއި ހަ ތަރީގެ ކޮޓަރިތަކެވެ.

ރިސޯޓެއްގެ ގޮތުގައި ނާގޯށި ތަރައްގީ ކުރުމަށް ކުރީގެ ސަރުކާރުތަކުން ވެސް މަސައްކަތްތަކެއް ކުރި އެވެ. އެކަމަކު، މިހާތަނަށް އެއްވެސް ބަޔަކަށް އެ ކަން ކާމިޔާބެއް ނުވި އެވެ.

ނާގޯށި އަލުން އެމްޓީސީއާ ހަވާލުކުރީ 2020 ގަ އެވެ. އެކަމަކު، އިންވެސްޓަރަކު ހޯދުމާއި އެހެނިހެން ކަންކަން ލަސްވީ، ކޮވިޑާ ގުޅިގެން މުޅި ދުނިޔެ އަށް ވެސް ކުރިމަތިވި މާލީ ދަތިތަކާ ހެދި ކަމަށް އެމްޑީ މިއަދު ވިދާޅުވި އެވެ.

"ހދ. ނާގޯއްޓަކީ އަޅުގަނޑުމެން އެންމެން ވެސް ހާއްސަކޮށް އެމްޓީޑީސީ ވެސް އަދި ހދ. އަތޮޅުގެ ރައްޔިތުންގެ ވެސް ފަހުރުވެރިވާ ފަދަ ރަނގަޅު ޕްރޮޑަކަޓަކަށް ވާނެ،" ތަޒްމީލް ވިދާޅުވި އެވެ.