Roadha Mihaaru
އެމްޓީޑީސީ: ފަހަރަކު ރިސޯޓެއް ވިއްކަމުން، ހުލިވަމުން!

އެމްޓީޑީސީ: ފަހަރަކު ރިސޯޓެއް ވިއްކަމުން، ހުލިވަމުން!

26 ނޮވެމްބަރ 2017

ޓޫރިޒަމްގެ ފައިދާ އާއްމުނަށް ހޯދައިދޭން އުފެއްދި މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ)ން ފުރަތަމަ ތަރައްގީކުރި ސ. ހެރަތެރެ ރިސޯޓް ނުހިންގިގެން ބޭރުގެ ބަޔަކަށް ވިއްކާލި އެވެ؛ ކުންފުނި ނާކާމިޔާބުވުމުގެ ފުރަތަމަ ނިޝާނެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ޓޫރިޒަމްގެ ފައިދާ އާއްމުނަށް ހޯދައިދޭން އުފެއްދި މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ)ން ފުރަތަމަ ތަރައްގީކުރި ސ. ހެރަތެރެ ރިސޯޓް ނުހިންގިގެން ބޭރުގެ ބަޔަކަށް ވިއްކާލި އެވެ؛ ކުންފުނި ނާކާމިޔާބުވުމުގެ ފުރަތަމަ ނިޝާނެވެ.

އޭގެ ފަހުން ނިޔާމަ މޯލްޑިވްސް ހިންގާ ދ. އެނބޫދޫފުއްޓާއި އޮޅުވެލި ވެސް މިދިޔަ އަހަރު ވަނީ ވިއްކާލައިފަ އެވެ؛ ހުރިހާ ހަރު މުދަލެއް ވިއްކާ ބަޔަކަށް ވެ ނިމެނީ އެވެ.

އެންމެ ފަހުން މިހާރު އަނަންތާރާ ހިންގާ ބ. ކިހަވައް ހުރަވަޅި ވެސް ވިއްކާލަން މިދިޔަ ހަފުތާގައި ވަނީ އިއުލާންކޮށްފަ އެވެ؛ ކުރިންސުރެ ވެސް ގިނަ މީހުން ގަބޫލުކުރި ގޮތަށް، އެމްޓީޑީސީ މި އޮތް ހުސްވަނީ އެވެ.

ރައްޔިތުންގެ އެތައް ހާސް ބަޔަކު ހިއްސާވާ ކުންފުނިން ކުއްޔަށް ދީފައިވާ ރަށްތަކުގެ ތެރެއިން ބާކީ މިހާރު އޮތީ އަޔާޑާ މޯލްޑިވްސް ހިންގާ ގދ. މަގުއްދުވާ އެވެ؛ މިހާރު އުފެދޭ ސުވާލަކީ އެ ރަށުގައި "ވިއްކާ ބޯޑު" އަޅުވާނީ ކޮން އިރަކުން ހެއްޔެވެ؟

އެމްޓީޑީސީން އުލިގަމުގައި ހަދަން ފެށި ސިޓީ ހޮޓަލުގެ އިމާރާތެއް: މިހާރު އެތަނުގައި ހުރި އެއްޗެހި ވަނީ ނީލަން ކިޔާފައި

އެމްޓީޑީސީން އުލިގަމުގައި ހަދަން ފެށި ސިޓީ ހޮޓަލުގެ އިމާރާތެއް: މިހާރު އެތަނުގައި ހުރި އެއްޗެހި ވަނީ ނީލަން ކިޔާފައި

އެމްޓީޑީސީން ސިޓީ ހޮޓަލެއްގެ ގޮތުގައި ހއ. އުލިގަމުގައި ތަރައްގީކުރަން ފެށި ހޮޓަލުގެ މަސައްކަތް ކުރިއަށް ނުގެންދެވި މިހާރު ވަނީ ސާމާނުތައް ނީލަން ކިޔައިފަ އެވެ. އޭގެ ފަހުން ހަދަން ފެށި ހދ. ނާގޯށީގެ މަސައްކަތް ވެސް ކުރިޔަށް ނުގެންދެވި ވަނީ ހުއްޓިފަ އެވެ. މިހާރު އެމްޓީޑީސީން މަސައްކަތްކުރަމުން ދަނީ އެ ރަށް ވެސް ބަޔަކަށް ވިއްކާލެވޭތޯ އެވެ.

ގާތްގަނޑަކަށް 42.6 މިލިއަން ޑޮލަރުގެ އަގު ހުރި ރަށް ގަތުމަށް ހަތަރު ޕާޓީއަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ.

"ގަނެގެން ނުވަތަ ޖޮއިންޓްވެންޗާ އުސޫލުން ހިންގަން ވެސް ނެގޮޝިއޭޓް އެބަ ކުރޭ. ބޭނުންވަނީ މި އަހަރު ނިމުމުގެ ކުރިން އިންވެސްޓަރަކާ އެކު ކުރިޔަށް ދާން،" އެމްޓީޑީސީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޝުޖާއު ވިދާޅުވި އެވެ.

ނާގޯށި ދޫކޮށްލާއިރު އެ ރަށުގެ 37 ޕަސެންޓް ވަނީ ނިމިފަ އެވެ.

އެމްޓީޑީސީން ކުއްޔަށް ދީގެން ހިންގާ ހުރިހާ ތަނެއްހެން ވިއްކާލާއިރު އެ ކުންފުނި އޮތީ މާލީ ގޮތުން ވަރަށް ބޮޑަށް އަޑިއަޅާލައިފަ އެވެ. ކުންފުނި އުފެދުނު ފަހުން އެންމެ ދެ ފަހަރު ހިއްސާގެ ފައިދާ ބެހި ނަމަވެސް މިހާރު އެއްވެސް މަންފާއެއް ނުލިބޭތާ އެތައް އަހަރެއް ވެއްޖެ އެވެ.

ކުންފުނީގެ ހާލަތު ދަށްވުމުން ކުންފުނީގެ ހަރުމުދާ ވިއްކާލުމަކީ އޮތް ހަމައެކަނި ހައްލު ހެއްޔެވެ؟ އެކަމާ މެދު ބައެއް ފަރާތްތަކުން ދަނީ ނުރުހުން ފާޅުކުރަމުންނެވެ. ހާއްސަކޮށް ކުންފުނި ހިންގުމުގައި ކުރިން އިސްކޮށް އުޅުއްވި ބައެއް ބޭފުޅުންނާއި އިންޑަސްޓްރީގެ ތަޖުރިބާކާރުން ދެކޭ ގޮތުގައި ހަރުމުދާ ވިއްކާލަން ޖެހޭނީ ކުންފުނި ބަނގުރޫޓުވެ ހެދޭނެ އިތުރު ގޮތެއް ނެތިގެންނެވެ.

"އެމްޓީޑީސީ ކޮޅަށް ޖަހަން ބޭނުން ނަމަ އެއީ ސަރުކާރަށް ނުކުރެވޭނެ ކަމެއް ނޫން. ސަރުކާރުން އެކަން ކޮށްނުދީފި ނަމަ ކުންފުނީގެ ހާލަތު ދާނީ ދަށްވަމުން. މިހާރު އެއޮތް ހާލަތުން ވެސް ކުންފުންޏަކީ ބޮޑު ފައިދާއެއް ނެރޭ ތަނަކަށް ބަދަލުކުރަން މާ ގިނަ ދުވަހެއް ނުނަގާނެ. ބޭނުންވަނީ އެކަންކުރުމުގެ ހިތްވަރު،" އެމްޓީޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރަކު، ނަން ނުޖަހާ ގޮތަށް، ވިދާޅުވި އެވެ.

އެމްޓީޑީސީން ވިއްކާލި ނިޔާމަ ރިސޯޓު: އެ ރަށް ވިއްކާލީ ވެސް ކުންފުންޏަށް ލިބެމުން ދިޔަ ގެއްލުންތައް ފޫބައްދަން ކަމަށް ބުނޭ

އެމްޓީޑީސީން ވިއްކާލި ނިޔާމަ ރިސޯޓު: އެ ރަށް ވިއްކާލީ ވެސް ކުންފުންޏަށް ލިބެމުން ދިޔަ ގެއްލުންތައް ފޫބައްދަން ކަމަށް ބުނޭ

އޭނާ ވިދާޅުވި ގޮތުގައި އެމްޓީޑީސީ އަކީ، މިހާރު ހުއްޓާލާފައިވާ ގައުމީ ޝިޕިން ކުންފުނި، އެމްއެންއެސްއެލް ކަހަލަ ކުންފުންޏެއް ނޫނެވެ.

"އެމްޓީޑީސީގައި އަދިވެސް އެބަހުރި ތަރައްގީކުރެވޭނެ ތަންތަން. އެތަންތަން ތަރައްގީކުރެވޭނެ ގޮތްތައް ހޯދައިގެން އެކަން ނުކުރެވެންވީ ސަބަބެއް ނެތް. އެ ކުންފުންޏަށް ވުރެ މާ ކުޑަ އަމިއްލަ ކުންފުނިތަކުން ވެސް އެ ދަނީ ރިސޯޓަކަށް ފަހު ރިސޯޓެއް ހުޅުވަމުން،" ކުރީގެ މެނޭޖިން ޑިރެކްޓަރު ވިދާޅުވި އެވެ.

ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި އެމްޓީޑީސީގެ މިސްރާބު މިހާރު ހުރީ ކުންފުނި އުވާލުމާ ދިމާލަށެވެ. ކުއްޔަށް ދީފައި ހުރި ރަށްތައް ވިއްކާލުމުގެ މައިގަނޑު ސަބަބަކީ އެއީ ކަމަށް ވެސް ދެކެ އެވެ.

"މިހާރު ކަންތައްތައް ކުރަމުން އަންނަ ގޮތުން ލަފާކުރެވެނީ ސްޓްރެޓެޖީއަކީ ކުންފުނި ހުއްޓާލުން ކަމަށް. އެސެޓްތައް ވިއްކާލުމަށް ފަހު ހިއްސާދާރުންނަށް ކޮންމެވެސް އެއްޗެއް ދީފައި ހުއްޓާލަން އުޅޭ ކަމަށް ވެސް އަޑުއިވޭ،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެމްޓީޑީސީއަކީ ފައިދާވާ ކުންފުންޏަކަށް ހެދުމަށް ބޭނުންވަނީ ކޮމިޓްމަންޓް ކަމަށެވެ.

"ވަރަށް ރަނގަޅު ސަރަހައްދުތަކުން ނުލާހިކު ރީތި ރަށްތަކެއް ދީފައި އެއޮތީ. އެހެންވީމަ އެ ރަށްތައް ތަަރައްގީކުރަން އިންވެސްޓަރުން ހޯދުމަކީ ވެސް ދަތި ކަމަކަށް ނުވާނެ،" އޭނާ ވިދާޅުވި އެވެ.

އެ ކުންފުނީގެ އެހެން މެނޭޖިން ޑިރެކްޓަރަކު ވިދާޅުވީ އެމްޓީޑީސީ އަޑިއަޅާލި މައިގަނޑު ސަބަބަކީ ޓޫރިޒަމް ގާނޫނަށް ގެނައި އިސްލާހާ ގުޅިގެން ކުލި ދައްކަން ޖެހޭ އުސޫލު ބަދަލުވުން ކަމަށެވެ.

"ރަށްތައް ހިންގަން ކުއްޔަށް ދޫކުރީ އޭރު ގާނޫނުގައިވާ ގޮތަށް ކުލި ނަގަން. ފަހުން އެ ބަދަލު ގެނައުމުން އެގޮތަށް އެއްބަސްވާކަށް ބޭނުންނުވި ކުއްޔަށް ހިފި ފަރާތްތަކުން. އޭގެ ސަބަބުން ކުންފުންޏަށް ވަރަށް ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހުނު،" އޭނާ ވިދާޅުވި އެވެ.

"އެ ގެއްލުމުން އަދިވެސް އަރައިނުގަނެވިގެން އެ އުޅެނީ."

އެމްޓީޑީސީގެ ހަރުމުދާ ވިއްކާލަނީ ހިއްސާދާރުންނަށް ރަނގަޅު ފައިދާއެއް އަންނަ އަހަރު ހޯދައިދޭން ކަމަށް މެނޭޖްމަންޓުން ބުނެ އެވެ. އަދި މިހާރު އިއުލާންކޮށްފައިވާ ކިހަވައް މި އަހަރުގެ ތެރޭގައި ވިއްކާލެވޭނެ ކަމަށް އުއްމީދުކުރެ އެވެ.

ޝުޖާއު ވިދާޅުވީ އަނަންތާރާ އިން ހިންގާ ކިހަވައް ހުރަވަޅީގެ ކުލީގެ މިލްކުވެރިކަން ވިއްކާލަން އިއުލާންކުރީ މާކެޓްގައި ލިބޭނެ އެންމެ ރަނގަޅު އަގެއް ހޯދަން ކަމަށެވެ. އަދި އެ ރަށް ވިއްކާލުމުގެ ކުރިން އަނަންތާރާއާ ވެސް ވާހަކަދެއްކި ކަމަށް އޭނާ ވިދާޅުވި އެވެ.

އަނަންތަރާ ކިހާވައް ރިސޯޓުގައި ހުންނަ ކަނޑު އަޑީގެ ރެސްޓޯރަންޓް: އެ ރިސޯޓު ވެސް އެމްޓީޑީސީން ވަނީ ވިއްކާލަން ނިންމާފައި-- ފޮޓޯ: އަނަންތަރާ

އަނަންތަރާ ކިހާވައް ރިސޯޓުގައި ހުންނަ ކަނޑު އަޑީގެ ރެސްޓޯރަންޓް: އެ ރިސޯޓު ވެސް އެމްޓީޑީސީން ވަނީ ވިއްކާލަން ނިންމާފައި-- ފޮޓޯ: އަނަންތަރާ

"މި ރަށް ވިއްކާލަން ނިންމީ ހިއްސާދާރުންނަށް ރަނގަޅު ފައިދާއެއް މި އަހަރު ހޯދައިދޭން ވެގެން. މީގެ ކުރިން ކުންފުނިން ނިންމާފައިވާނެ ސަބްލީސް ކޮށްފައިވާ ދެ ރަށެއް ވިއްކާލަން. އޭގެ ތެރެއިން އެއް ރަށް އަޅުގަނޑުމެން މިހާރު ވާނީ ވިއްކާލާފައި،" ޝުޖާއު ވިދާޅުވި އެވެ.

"ހިއްސާދާރުންނަށް ފައިދާއެއް މި އަހަރު ހޯދައިދޭން އަޅުގަނޑުމެން މި މަސައްކަތްކުރަނީ. އެގޮތުން މިރަށް ވިއްކާލާނީ މާކެޓުން ލިބެން އޮތް އެންމެ ރަނގަޅު އަގެއް ހޯދުމަށް ފަހު."

އެމްޓީޑީސީއަކީ އާންމު ރައްޔިތުންނަށް ޓޫރިޒަމްގެ ފައިދާ ހޯދައިދިނުމުގެ މަގުސަދުގައި އުފެއްދި އެކަމަކު ބަނގުރޫޓުވާން ދޫކޮށްލާފައިވާ ކުންފުންޏެކެވެ. އެ ކުންފުނި ކޮޅަށް ޖެހި މެނޭޖްމަންޓެއް އަދި ނާދެ އެވެ. އެހެންކަމުން ދެން ވެސް ފެންނާނީ އެމްޓީޑީސީގެ މުދާ ވިއްކަމުން ދާ ތަނެވެ. އަދި އެކަން އާންމުންނަށް ގަބޫލުކުރުވަން ކޮންމެވެސް ވާހަކައެއް ދައްކާ ތަނެވެ.