Roadha Mihaaru
މާރާމާރީއަށްފަހު ސްކޫލް މުބާރާތުގެ ސެކިއުރިޓީ މަތިކޮށްފި

މާރާމާރީ އަށް ފަހު އިންޓަ ސްކޫލުގެ ފުޓްބޯޅަ މުބާރާތުގެ ސެކިއުރިޓީ ވަރުގަދަ ކޮށްފި

07 ފެބުރުއަރީ 2023

އެފްއޭއެމް އިންޓަ ސްކޫލް 17 އަހަރުން ދަށުގެ ސެމީ ފައިނަލް ފުރަތަމަ މެޗުގައި އިއްޔެ ހަވީރު ކަލާފާނު ސްކޫލުން 2-1 އިން ކ. ގުރައިދޫ ސްކޫލް ބަލިކުރި މެޗަށް ފަހު، ގުރައިދޫ ސްކޫލުގެ ކުޅުންތެރިންނާއި ޓީމު އޮފިޝަލުން އަދި ބެލެނިވެރިން ވެގެން ރެފްރީ އަށް ހަމަލާދީ މާރާމާރީ ހިންގި މައްސަލައިގައި ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް އެފްއޭއެމުން ބުނެފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

އެފްއޭއެމް އިންޓަ ސްކޫލް 17 އަހަރުން ދަށުގެ ސެމީ ފައިނަލް ފުރަތަމަ މެޗުގައި އިއްޔެ ހަވީރު ކަލާފާނު ސްކޫލުން 2-1 އިން ކ. ގުރައިދޫ ސްކޫލް ބަލިކުރި މެޗަށް ފަހު، ގުރައިދޫ ސްކޫލުގެ ކުޅުންތެރިންނާއި ޓީމު އޮފިޝަލުން އަދި ބެލެނިވެރިން ވެގެން ރެފްރީ އަށް ހަމަލާދީ މާރާމާރީ ހިންގި މައްސަލައިގައި ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް އެފްއޭއެމުން ބުނެފި އެވެ.

ގަލޮޅު ދަނޑުގައި ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ހަމަވުމާ އެކު ރެފްރީގެ ނިންމުންތަކާ މެދު ހިތްހަމަ ނުޖެހިގެން ގުރައިދޫ ސްކޫލް ޓީމުގެ ބައެއް ކުޅުންތެރިން ރެފްރީއާ ދިމާކޮށްލުމާ އެކު ޓީމުގެ ބެންޗުގައި ތިބި ބައެއް އޮފިޝަލުންނާއި ކުޅިބަލަން ތިބި ބެލެނިވެރިންގެ ބައެއް ވަނީ ދަނޑަށް އަރައި ރެފްރީ ފަހައި ދުވެފަ އެވެ.

ހަމަލާ އަމާޒުވި ރެފްރީ ދުވެފައި، ރެފްރީސް ރޫމާ ހަމައަށް ދެވުނީ ދަނޑުމަތީގައި މާރާމާރީ ހުއްޓުވަން މަސައްކަތް ކުރި ބައެއްގެ އެހީތެރިކަމާ އެކު އެވެ.

ދަނޑުމަތީގައި ރެފްރީ ފަހާ ދުވެ، ހަމަލާދޭ މަންޒަރު ފެންނަ ވީޑިއޯތަކެއް ވެސް ސޯޝަލް މީޑިއާގައި އާއްމު ވެފައި ވާއިރު، އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) "މިހާރު" އަށް ވިދާޅުވީ، މިއީ ސްކޫލް މުބާރާތެއްގައި ކުދިންނާއި ބެލެނިވެރިންގެ ފަރާތުން ފެނުނު ވަރަށް ގޯސް މަންޒަރުތަކެއް ކަމަށާއި، މައްސަލަ ބަލައި އެ ކަމުގައި ޝާމިލްވި ފަރާޓްތަކަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ.

"އިންޓަ ސްކޫލް މުބާރާތެއްގައި މި ފެނުނީ އެއްގޮތަކަށް ވެސް އުންމީދު ކުރެވުނު ފަދަ މަންޒަރެއް ނޫން، ރެފްރީއަށް ހަމަލާދީ މާރާމާރީ ހިންގުމަކީ މިއީ ބަލައިގަނެވޭނެ ކަމެއް ނޫން. ޑިސިޕްލިނަރީ ކޮމިޓީ އިން މައްސަލަ ބަލައި އަދަބު ލިބެންވާ ފަރާތްތަކަށް ހަރުކަށި އަދަބު ލިބޭނެ،" ރެފްރީއަށް ހަމަލާދީ މާރާމާރީ ހިންގި މައްސަލަ ބަލަމުން އަންނަކަން "މިހާރު" އަށް ޔަގީން ކޮށްދެއްވަމުން ޖަވާޒް ވިދާޅުވި އެވެ.

އިންޓަ ސްކޫލް މުބާރާތަކީ އެޑިއުކޭޝަން މިނިސްޓްރީ އާއި އެފްއޭއެމް ގުޅިގެން ސްކޫލު ކުދިންގެ މެދުގައި އަބަދުވެސް ވަރަށް ފޯރިއާ އެކު ކުރިއަށްދާ މުބާރާތެކެވެ. ސްކޫލް މުބާރާތެއްގައި ހިނގާދިޔަ މި ހަމަނުޖެހުމާ ގުޅިގެން ގިނަ ބަޔަކު ކަންބޮޑުވުން ފާޅު ކޮށްފައި ވާއިރު ރާއްޖޭގެ ކުޅިވަރު ވަޒީރު އަހުމަދު މަހުލޫފް ވެސް ވަނީ ސްކޫލު ކުދިންތަކެއް ބައިވެރި ވެގެން މިފަދަ އަމަލެއް ހިންގުމުން އެކަމާ ކަންބޮޑުވުން ފާޅު ކޮށްފަ އެވެ.

މަހުލޫފް ކުރެއްވި ޓްވީޓެއްގައި ބުނެފައި ވަނީ، "އިންޓަ ސްކޫލް މުބާރާތެއްގެ ތެރެއިން ރެފްރީންގެ ނިންމުމަކާ ހެދި މިފަދަ ކަމެއް ހިންގުމަކީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫން" ކަމަށެވެ. އަދި "މިކަމުގެ ސަބަބުން ދަރިވަރުންނަށް ވަނީ ނަފްސާނީ ގޮތުން ވަރަށް ބޮޑަށް އަސަރު ކޮށްފައި" ކަން ފާހަގަ ކުރައްވައި މަހުލޫފް ވަނީ ފުލުހުންނާއި އެފްއޭއެމުން މިކަން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާނެ ކަމަށެވެ.

ހަވީރު ކުޅުނު މެޗުގައި މައްސަލަ މާރާމާރީއަކާ ހަމައަށް ދިޔުމުން ރޭ ކުޅުނު ދެވަނަ ސެމީ ފައިނަލް މެޗު ކުޅުނީ ދަނޑުގައި ފުލުހުން ބައިތިއްބައި، ސެކިއުރިޓީ އިތުރަށް ވަރުގަދަ ކޮށްގެންނެވެ.

ރޭ ކުޅުނު ސެމީ ފައިނަލްގެ ދެވަނަ މެޗު ގައި އިމާދުއްދީން ސްކޫލާ ވާދަކޮށް 4-1 އިން މެޗު ކާމިޔާބު ކޮށް ފައިނަލަށް ދަތުރު ކުރީ ރެހެންދި ސްކޫލެވެ.

ރެހެންދި ސްކޫލާއި ކަލާފާނު ސްކޫލް ބައްދަލުކުރާ މުބާރާތުގެ ފައިނަލް މެޗު އޮންނާނީ ބުރާސްފަތި ދުވަހުގެ ރޭ 8:30 ގަ އެވެ.