Roadha Mihaaru
ދަރިވަރެއްގެ މަރާއެކު ގުރައިދު އަށް ފުން ހިތާމައެއް!

ދަރިވަރެއްގެ ކުއްލި މަރާއެކު ގުރައިދު އަށް ފުން ހިތާމައެއް!

04 އެޕްރީލް 2018

ކ. ގުރައިދޫ ސްކޫލްގައި ކިޔަވަމުން އައި ދަރިވަރެއްގެ ކުއްލި މަރާއެކު، އެ ރަށަށް ފުން ހިތާމައެއް ކުރިމަތިވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ކ. ގުރައިދޫ ސްކޫލްގައި ކިޔަވަމުން އައި ދަރިވަރެއްގެ ކުއްލި މަރާއެކު، އެ ރަށަށް ފުން ހިތާމައެއް ކުރިމަތިވެއްޖެ އެވެ.

އެ ރަށު، މަރިޔަމް ރާޔާ ރާމިޒު 14، މަރުވީ އާއިލާ އެކު އިންޑިއާގައި ހުއްޓަ އެވެ. މުޅި ރަށަށް ސިހުން ގެނުވި މި ޚަބަރާއެކު އާއިލާގެ މެމްބަރުންތަކެއް މިހާރު ވަނީ އިންޑިއާ އަށް ފުރައިފަ އެވެ. އާދައިގެ ފަރުވާއަކަށް ދިޔަ ރާޔާގެ މަރު، އެ ރަށުގެ އެތައް ބަޔަކަށް ގަބޫލުކުރަން ދަތިވި އެވެ.

ރާޔާގެ ގާތް އެކުވެރިޔަކު "މިހާރު" އަށް ބުނީ މިދިޔަ ހަފުތާގައި ރާޔާ، އިންޑިއާ އަށް ދިޔައީ ގައިގައި ރިއްސާތީ ޑޮކްޓަރަށް ދައްކަން ކަމަށެވެ. ޑޮކްޓަރުގެ ލަފަޔާއެކު ޓެސްޓުތައް ހެދުމަށް ފަހު، މިއަދުގެ ވަގުތެއްގައި ރާޔާ އެނބުރި ރަށަށް އަންނަން ހަމަޖައްސައިފައިވާ ކަމަށް ވެސް އެކުވެރިޔާ ބުންޏެވެ.

"އެކަމަކު، ރޭ ފަތިހުގެ ވަގުތެއްގައި ނޭވާ ލާން އުނދަގޫ ވެގެން ހޮސްޕިޓަލަށް ގެންދިޔަ މަގުމަތީގައި ރާޔާ ބައްޕަގެ އަތް މަތީގައި މަރުވެގެން ދިޔައީ،" އެކުވެރިޔާ ބުންޏެވެ.

ރާޔާގެ މަރުން އެންމެ ބޮޑު ހިތްދަތިކަމެއް ލިބުނީ ގުރައިދޫ ސްކޫލުގެ ދަރިވަރުންނާއި ޓީޗަރުންނަށެވެ. ގުރައިދޫ ސްކޫލްގެ ފޭސްބުކް ޕޭޖްގައި ބުނެފައިވާ ގޮތުގައި ރާޔާއަކީ އެ ސްކޫލްގައި ހުރި އެންމެ ހުނަރުވެރި، ވިސްނުން ތޫނު އަދި ކިޔަމަންތެރި ކުއްޖާ އެވެ. ރާޔާ ވަކިވެ ދިޔައަސް އޭނާގެ ރީތި ހިނިތުންވުން އަބަދުމެ ހަނދާންވާނެ ކަމަށް ގުރައިދޫ ސްކޫލުން ފާހަގަކޮށްފައިވެ އެވެ.

"އަހަރުމެން އެންމެން (ރާޔާ) ދެކެ ލޯބިވޭ. ހެޔޮ ދުއާ ކޮށްދޭނަން،" ފޭސްބުކް ޕޭޖްގައި ވެ އެވެ.

ރާޔާގެ އެކުވެރިޔާ ވެސް ބުނީ ރާޔާ އަކީ ކިޔެވުމަށް ވަރަށް މޮޅު، އެންމެންނާ ގުޅޭ މަޖާ ކުއްޖެއް ކަމަށެވެ. ރާޔާ ދެކެ ގުރައިދޫގެ އެންމެން ވެސް ލޯބިވާ ކަމަށް އޭނާ ބުންޏެވެ.

"މީގެ ކުރިން ބަލިކޮށް އުޅޭ ކުއްޖެއް ވެސް ނޫން އެއީ. ވަރަށް ފަހުން ގައިގައި ރިއްސަން ފަށާފައި އެ ވާހަކަ ދެއްކީ. އެހެންވެ ސްކޫލް ބަންދުވި ދުވަސްކޮޅާ ދިމާކޮށް އިންޑިއާ އަށް ދިޔައީ،" އެކުވެރިޔާ ބުންޏެވެ.

ރާޔާގެ ޖަނާޒާ މިރޭ އިންޑިއާގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.