Roadha Mihaaru
100 ޕަސެންޓް ރެކޯޑަކާ އެކު އިސްކަންދަރަށް ތަށި

100 ޕަސެންޓް ރެކޯޑަކާ އެކު އިސްކަންދަރު ތަށި ހޯދައިފި

13 މާޗް 2023

ކަލާފާނު ސްކޫލާ ވާދަކޮށް 7-1 އިން ފައިނަލް މެޗު ކާމިޔާބު ކޮށްގެން އިސްކަންދަރު ސްކޫލުން 100 ޕަސެންޓް ރެކޯޑަކާ އެކު 15 އަހަރުން ދަށުގެ އިންޓަ ސްކޫލް ޗެމްޕިއަންޝިޕް މިރޭ ކާމިޔާބު ކޮށްފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ކަލާފާނު ސްކޫލާ ވާދަކޮށް 7-1 އިން ފައިނަލް މެޗު ކާމިޔާބު ކޮށްގެން އިސްކަންދަރު ސްކޫލުން 100 ޕަސެންޓް ރެކޯޑަކާ އެކު 15 އަހަރުން ދަށުގެ އިންޓަ ސްކޫލް ޗެމްޕިއަންޝިޕް މިރޭ ކާމިޔާބު ކޮށްފި އެވެ.

އިސްކަންދަރު ސްކޫލުގެ މުހައްމަދު އިލާން އިމްރާމް މި މެޗުގައި ފަސް ގޯލު ޖަހައިދީފައި ވާއިރު މުހައްމަދު ލާމިހު އިމްތިޔާޒާއި ކާއިން އަބްދުﷲ ފާއިޒް ވަނީ ގޯލު ޖަހައިފަ އެވެ.

ކޯޗު މުހައްމަދު ފަރީދު (ފަރިއްޓޭ) ގެ ކޯޗުކަމުގައި ކުޅުނު ކަލާފާނު ސްކޫލުން ޖެހި ހަމައެކަނި ލަނޑު ދެވަނަ ހާފުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކުރީ އަހުމަދު އަފްނާން އަލީ އެވެ. މި ލަނޑަކީ މި މުބާރާތުގައި އިސްކަންދަރު ސްކޫލުން ކުޅުނު ހަ މެޗުގެ ތެރެއިން ބައިކޮޅަށް ވަން ހަމައެކަނި ލަނޑެވެ. އެޓީމުން މުބާރާތް ނިންމާލީ 86 ގޯލު ޖަހައިގެންނެވެ.

އިލާން، ކަލާފާނު ކުޅުންތެރިއެއް ކައިރިން ނައްޓާފައި ދަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އިލާން، ކަލާފާނު ކުޅުންތެރިއެއް ކައިރިން ނައްޓާފައި ދަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އިސްކަންދަރު ސްކޫލުގެ އިލާން ވަނީ މި މުބާރާތުގައި މުޅި އެކު 38 ގޯލު ޖަހައި މުބާރާތުގެ ރަން ބޫޓު ހޯދައިފަ އެވެ. މުބާރާތުގެ މޮޅު ކުޅުންތެރިއަކީ ވެސް އޭނާ އެވެ.

އިލާން އާއި ކާއިން އަދި ލާމިހުގެ އިތުރުން އިސްކަންދަރުގެ އީތަން އިބްރާހިމް ޒަކީ، ކެޕްޓަން ޔޫސުފް އަޔާން އާމިރު، އަހުމަދު ކައިން ގަޔާޝް އަދި އަލީ އިލާން އަހުމަދު ވަނީ އިސްކަންދަރުގެ ސްޕޯޓްސް ސްޕަވައިޒަރު އަދި ކުރީގެ ޑިފެންޑަރު ޔޫސުފް އަޒީމް (ޔޫއްޓޭ) ގެ ކޯޗުކަމުގެ ދަށުން އެ ސްކޫލު ހޯދި މި ކާމިޔާބީގައި މުހިއްމު ދައުރެއް އަދާކޮށްފަ އެވެ.

އިލާން މި މުބާރާތުގައި ކާމިޔާބު ކުރި 38 ގޯލާ އެކު އޭނާ ވަނީ މިދިޔަ އަހަރު އޮތް 14 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް ގައި ކްލަބް ވެލެންސިއާގެ ޔޫތު ޓީމަށް ކުޅެމުން އޭނާ ޖެހި 35 ގޯލުގެ ރެކޯޑް މުގުރާލައިފަ އެވެ. ފައިނަލް މެޗުގެ ފުރަތަމަ ހާފު ނިމެނިކޮށް އޭނާގެ ހެޓްރިކް ފުރިހަމަ ކުރަން ޖެހި ގޯލަކީ އޭނާގެ ރެކޯޑް މުގުރާލި ގޯލެވެ.

މުބާރާތުގެ ފެއާޕްލޭ ޓީމަކަށް ހޮވުނީ އިމާދުއްދީން ސްކޫލެވެ. ޖުމްލަ 19 ސްކޫލަކާ އެކު ކުރިއަށް ގެންދިޔަ މި މުބާރާތުން ވަނީ ހުނަރުގެ ގޮތުން ތަފާތު މޮޅު ކުލުންތެރިން ފާހަގަ ވެފަ އެވެ. އޭގެ ތެރޭގައި ގިނައީ ފުރަތަމަ ޑިވިޝަނުގެ ކުލަބުތަކުގެ އެކަޑަމީތަކުން ތަމްރީނުވި ކުދިންނެވެ. އޭގެ ތެރޭން އިސްކަންދަރު ސްކޫލުގައި ހިމެނޭ ގިނަ ކުޅުންތެރިންނަކީ ކޯޗު ޔޫއްޓޭ އާއެކު ވެލެންސިއާ އެކަޑަމީގައި އެކުގައި ކުޅޭ ކުޅުންތެރިންނެވެ.