Roadha Mihaaru
އިލާން: ހަ މެޗުން 38 ގޯލް، 10 ހެޓްރިކް

އިލާން: ހަ މެޗުން 38 ގޯލް، 10 ހެޓްރިކް

13 މާޗް 2023

ރޭ ނިމުނު 15 އަހަރުން ދަށުގެ އިންޓަ ސްކޫލް ފުޓްބޯޅަ ޗެމްޕިއަންޝިޕް ގައި އެންމެންގެ ލޯތައް އަމާޒުވީ ތަފާތު ބޮޑު ނަތީޖާތަކެއް ކޮންމެ މެޗެއްގައި މެ ނެރުނު އިސްކަންދަރު ސްކޫލަށެވެ. މުޅި މުބާރާތުގައި އެ ޓީމުން ވަނީ 86 ގޯލު ޖަހައިފަ އެވެ. ބައިކޮޅަށް ވަން ހަމައެކަނި ގޯލަކީ ފައިނަލް މެޗުގައި ޕެނަލްޓީއަކުން ވަން ގޯލެކެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ރޭ ނިމުނު 15 އަހަރުން ދަށުގެ އިންޓަ ސްކޫލް ފުޓްބޯޅަ ޗެމްޕިއަންޝިޕް ގައި އެންމެންގެ ލޯތައް އަމާޒުވީ ތަފާތު ބޮޑު ނަތީޖާތަކެއް ކޮންމެ މެޗެއްގައި މެ ނެރުނު އިސްކަންދަރު ސްކޫލަށެވެ. މުޅި މުބާރާތުގައި އެ ޓީމުން ވަނީ 86 ގޯލު ޖަހައިފަ އެވެ. ބައިކޮޅަށް ވަން ހަމައެކަނި ގޯލަކީ ފައިނަލް މެޗުގައި ޕެނަލްޓީއަކުން ވަން ގޯލެކެވެ.

އިސްކަންދަރު ސްކޫލުން މިހާ ތަފާތު ބޮޑު ނަތީޖާތަކެއް ނެރުނު އިރު، އެޓީމުން ޖެހި ގޯލުތަކުގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ގޯލު ކާމިޔާބު ކުރީ އުމުރުން 13 އަހަރުގެ ފޯވާޑް މުހައްމަދު އިލާން އިމްރާނެވެ. އޭނާ ވަނީ އެ ޓީމު ކުޅުނު ހަ މެޗުން 38 ގޯލު ޖަހައި މުބާރާތުގެ ރަން ބޫޓު ހޯދައިފަ އެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެފްއޭއެމުން ބޭއްވި 14 އަހަރުން ދަށުގެ ޔޫތު ލީގު ގައި ވެލެންސިއާ ޓީމުގައި އިލާން ވަނީ އަށް މެޗުން 35 ގޯލު ޖަހައި ސަމާލުކަން ހޯދައިފަ އެވެ. ނަމަވެސް ނިމިދިޔަ އިންޓަ ސްކޫލް މުބާރާތުގައި އޭނާ މިވަނީ އެންމެ ހަ މެޗުން މި ރެކޯޑް މުގުރާލައިފަ އެވެ.

އިންޓަ ސްކޫލް މުބާރާތުގެ ހަ މެޗުގެ ތެރެއިން އިލާން ވަނީ 10 ހެޓްރިކް ހަދައިފަ އެވެ. އެންމެ ފުރަތަމަ ގުރޫޕް ސްޓޭޖުގައި އަމީނިއްޔާ ސްކޫލާ ދެކޮޅަށް 13 ގޯލު ޖަހައިފައި ވާއިރު ދެ ވަނަ މެޗުގައި ގިޔާސުއްދީން ސްކޫލާ ދެކޮޅަށް ހަތަރު ގޯލު ކާމިޔާބު ކުރި އެވެ. އަދި ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި ބިލަބޮންގް ސްކޫލާ ދެކޮޅަށް އިލާން ވަނީ އަށް ގޯލު ޖަހައިފަ އެވެ. ކުއާޓާ ގައި ވާދަކުރި އިމާދުއްދީން ސްކޫލާ ދެކޮޅަށް ދެ ގޯލު ޖެހުނު ނަމަވެސް ސެމީ ފައިނަލް މެޗުގައި ރެހެންދި ސްކޫލް ކޮޅަށް ހަ ގޯލު ޖެހި އެވެ. އަދި ފައިނަލް މެޗުގައި ރޭ ކަލާފާނު ސްކޫލާ ދެކޮޅަށް އޭނާ ފަސް ގޯލު ޖެހި އެވެ.

މިއާ އެކު އިލާން ގައުމީ ފުޓްބޯޅަ ދަނޑުގައި އެންމެ ފަހުން ކުޅުނު 14 މެޗުން މިވަނީ މުޅި އެކު 73 ގޯލު ޖަހައިފަ އެވެ.

މިދިޔަ އަހަރުގެ ޔޫތު ލީގުގައި އިލާންގެ ފަރާތުން ފެނުނު ގޯލު ޖެހުމުގެ އާދަޔާ ހިލާފް ހުނަރުގެ ސަބަބުން ސީނިއާ ގައުމީ ޓީމުގެ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ ވަނީ މިދިޔަ ޑިސެމްބަރު މަހު ރާއްޖޭން މެލޭޝިއާ އާއި ސިންގަޕޫރާ ދެކޮޅަށް ކުޅުނު ރަހުމަތްތެރިކަމުގެ މެޗުތަކަށް ރާއްޖޭގައި ކުރިއަށް ގެންދިޔަ ޕްރެކްޓިސްތަކުގައި އިލާން ބައިވެރި ކޮށްފަ އެވެ.

އާލީ ޓަޗް ފުޓްބޯލް އެކަޑަމީ (އީޓީއެފްއޭ) ގައި ކުޅެން ފަށައި، ނިއު ރޭޑިއަންޓް އަދި ޓީސީ ސްޕޯޓްސް ކުލަބުގެ ޔޫތު ޓީމަށް ވެސް ކުޅެ، މިހާރު ވެލެންސިއާގެ އެކަޑަމީ ގައި ކުޅޭ އިލާން އަންނަނީ ލިބޭ ފުރުސަތުތަކުގައި ރާއްޖޭން ބޭރުން ވެސް ތަމްރީނުތައް ހަދައި ހުނަރު ތަރައްގީ ކުރަމުންނެވެ. މީގެ އިތުރުން އުމުރުފުރާތަކުގެ ގައުމީ ޓީމުތަކަށް ވެސް އިލާން ކުޅެފައި ވެއެވެ.

މުބާރާތުން ފާހަގަވި ގިނަ ކުޅުންތެރިންނަކީ މާލޭގެ އެކި އެކަޑަމީތަކުން ތަމްރީނު ވެގެން ވާދަވެރި ގިނަ މެޗުތަކެއް އެކުގައި ކުޅެ ތަޖުރިބާ ހޯދައިގެން ކުޅޭ ކުޅުންތެރިންނެވެ. އެގޮތުން އިލާން އަކީ ވެސް އެ ޓީމުގައި ހިމެނޭ ގިނަ ކުޅުންތެރިންތަކަކާ އެކު، އެކަޑަމީތަކުގައި ކުޅުނު ކުއްޖެކެވެ. އެންމެ ފަހުން މި ޓީމު ފާހަގަ ވެފައި ވަނީ ކްލަބް ވެލެންސިއާގެ 14 އަހަރުން ދަށުގެ ޓީމާ އެކު އެވެ.