Roadha Mihaaru
ދެ ގްރޭޑްގެ ޗެމްޕިއަންކަން ވެސް އިސްކަންދަރު ސްކޫލަށް

ސޮކަ ވެޓަރަންސްގެ ނެސްލޭ ފުޓްބޯލް ފިއެސްޓާ؛ ދެ ގްރޭޑްގެ ޗެމްޕިއަނަކީ ވެސް އިސްކަންދަރު

15 އޮކްޓޯބަރ 2023

ސޮކަ ވެޓަރަންސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބޭއްވި ނެސްލޭ ކިޑްސް ފުޓްބޯލް ފިއެސްޓާގެ ދެ ގްރޭޑްގެ ޗެމްޕިއަންކަން ވެސް އިސްކަންދަރު ސްކޫލުން ހޯދައިފި އެވެ.

ސޮކަ ވެޓަރަންސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބޭއްވި ނެސްލޭ ކިޑްސް ފުޓްބޯލް ފިއެސްޓާގެ ދެ ގްރޭޑްގެ ޗެމްޕިއަންކަން ވެސް އިސްކަންދަރު ސްކޫލުން ހޯދައިފި އެވެ.

އުމުރުން ހަގު ކުދިންނަށް ހާއްސަކޮށް ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްބޯލް ފިއެސްޓާ އިންތިޒާމުކުރާ ސްކަ ވެޓަރަންސްގެ މި ފަހަރުގެ މުބާރާތް ހާއްސަކޮށްފައި ވަނީ ސްކޫލްތަކުގެ ގްރޭޑް ތިނެއް އަދި ހަތަރެއް ގެ ދަރިވަރުންނަށެވެ.

އިސްކަންދަރުގެ ގްރޭޑް ތިނެއް ގެ ޓީމުން މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ހުޅުމާލޭ ސޮލާހުއްދީން ސްކޫލް ބަލިކޮށްފަ އެވެ. ގްރޭޑް ހަތަރެއް ގެ ފައިނަލު އިސްކަންދަރްގެ ޓީމު ކާމިޔާބު ކުރީ ކަލާފާނު ސްކޫލާ ދެކޮޅަށެވެ.

މިފަހަރުގެ މުބާރާތުގައި 20 ސްކޫލަކުން 40 ޓީމު ވާދަ ކުރި އެވެ. ޖުމުލަ 296 މެޗު ކުޅުނެވެ.

މިއީ ސްކޫލްތަކުގެ އުމުރުން ހަގު ކުދިންނަށް ހާއްސަކޮށް، ސޮކަ ވެޓަރަންސް އެސޯސިއޭޝަނުން މި އަހަރު ބޭއްވި ދެ ވަނަ މުބާރާތެވެ. ކުރިން ބޭއްވި މުބާރާތް ވެސް ކާމިޔާބު ކުރީ އިސްކަންދަރެވެ. ފެބްރުއަރީ މަހު ބޭއްވި ގްރޭޑް އެކެއް އަދި ދޭއްގެ ދަރިވަރުންގެ މުބާރާތް ވެސް އެ ސްކޫލްގެ ދެ ޓީމުން ހޯދި އެވެ.

އިއްޔެ ނިމުނު މުބާރާތުގެ ޗެމްޕިއަންކަން ހޯދި އިސްކަންދަރުގެ ގްރޭޑް ތިނެއް ގެ ޓީމުން ވަނީ ވިދިވިދިގެން ތިން އަހަރު ސޮކަ ވެޓަރަންސްގެ މުބާރާތް ކާމިޔާބުކޮށްފަ އެވެ. މިހާރު ތިނެއްގެ ޓީމުން މިދިޔަ އަހަރު ގްރޭޑް ދޭއް ގެ މުބާރާތް ހޯދި އެވެ. އަދި 2021 ގައި އެ ކުޅުންތެރިން ވަނީ ގްރޭޑް އެކެއް ގެ މުބާރާތް ވެސް ހޯދައިފަ އެވެ.

މިފަހަރު ޗެމްޕިއަންކަން ހޯދި ގްރޭޑް ހަތަރެއްގެ ޓީމުގައި ހިމެނުނު ކުޅުންތެރިން ވަނީ ވިދިވިދިގެން ދެ އަހަރު ސްކޮ ވެޓަރަންސްގެ މުބާރާތް ކާމިޔާބުކޮށްފަ އެވެ. މިދިޔަ އަހަރު އެ ކުޅުންތެރިން ހިމެނުނު ގްރޭޑް ތިނެއްގެ ޓީމުން ވަނީ އެ ކެޓަގަރީގެ މުބާރާތް ކާމިޔާބުކޮށްފަ އެވެ.

ކާމިޔާބު ކަމާއެކު އިއްޔެ ނިންމާލި ރާއްޖޭގެ އެންމެ ބޮޑު ފުޓްބޯލް ފިއެސްޓާގެ ތެރެއިން: 20 ސްކޫލަކުން 40 ޓީމު ވަނީ މި މުބާރާތުގައި ވާދަ ކޮށްފަ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ކާމިޔާބު ކަމާއެކު އިއްޔެ ނިންމާލި ރާއްޖޭގެ އެންމެ ބޮޑު ފުޓްބޯލް ފިއެސްޓާގެ ތެރެއިން: 20 ސްކޫލަކުން 40 ޓީމު ވަނީ މި މުބާރާތުގައި ވާދަ ކޮށްފަ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

މިފަހަރު ދެ ކެޓަގަރީ ވެސް ޗެމްޕިއަންކަން ހޯދި އިސްކަންދަރްގެ ގިނަ ކުޅުންތެރިންނަކީ ވެލެންސިއާގެ އެކަޑަމީގައި ތަމްރީނު ވަމުން އަންނަ ކުޅުންތެރިންނެވެ. ވެލެންސިއާގެ އެކަޑަމީގެ ހެޑް ކޯޗަކީ އިސްކަންދަރުގެ ސްޕޯޓްސް ސުޕަވައިޒާ އަދި ކުރީގެ ފުޓްބޯޅަ ކުޅުންތެރިޔާ ޔޫސުފް އަޒީމް (ޔޫއްޓޭ) އެވެ.

ރާއްޖޭގައި އެންމެ ގިނައިން ކިޑްސް ފުޓްބޯލް ފިއެސްޓާ ބާއްވާ ސޮކަ ވެޓަރަންސުން އަންނަ މަހު ވެސް އުމުރުން ހަގު ކުޅުންތެރިންނަށް ބާއްވާ މުބާރާތް އޮންނާނެ އެވެ. އަންނަ މަހު ކުރީކޮޅު ބާއްވާ މުބާރާތް ހާއްސަކޮށްފައި ވަނީ އެކަޑަމީތަކުގެ 14 އަހަރުންދަށުގެ ޓީމު ތަކަށެވެ.

އޯގަސްޓް މަހު އެކަޑަމީތަކުގެ 12 އަހަރުންދަށުގެ ޓީމުތަކަށް ވެސް ސޮކަ ވެޓަރަންސުން މުބާރާޓެއް ބޭއްވި އެވެ. ޖުމުލަ 22 އެކަޑަމީ އަކުން ވާދަކުރި އެ މުބާރާތް ކާމިޔާބު ކުރީ މާޒިޔާގެ އެކަޑަމީ އެވެ.