08 ފެބުރުއަރީ 2023
"އެ މަންޒަރު ސޯޝަލް މީޑިއާ އިން ފެނިފައި ވަރަށް ދެރަވި. ހަގީގަތުގައި ވެސް ވަރަށް ދެރަވި،" އިންޓަ ސްކޫލު 17 އަހަރުން ދަށުގެ ފުޓުބޯޅަ މުބާރާތުގައި ހޯމަ ދުވަހު ކ. ގުރައިދު އާއި ކަލާފާނު ސްކޫލު ބައްދަލު ކުރި މެޗުގައި ހިނގި ހަމަނުޖެހުމަށް ފަހު، މާލޭގެ ބޮޑު ސްކޫލެއްގެ ޕްރިންސިޕަލަކު ވިދާޅުވި އެވެ.
"އެ މަންޒަރު ސޯޝަލް މީޑިއާ އިން ފެނިފައި ވަރަށް ދެރަވި. ހަގީގަތުގައި ވެސް ވަރަށް ދެރަވި،" އިންޓަ ސްކޫލު 17 އަހަރުން ދަށުގެ ފުޓުބޯޅަ މުބާރާތުގައި ހޯމަ ދުވަހު ކ. ގުރައިދު އާއި ކަލާފާނު ސްކޫލު ބައްދަލު ކުރި މެޗުގައި ހިނގި ހަމަނުޖެހުމަށް ފަހު، މާލޭގެ ބޮޑު ސްކޫލެއްގެ ޕްރިންސިޕަލަކު ވިދާޅުވި އެވެ.
އެއީ ރާއްޖޭގެ ސްކޫލުތަކުގައި ކިޔަވާ ލައްކައެއްހާ ދަރިވަރުންގެ އަމަލުތަކުގެ ތެރެއިން ސްކޫލުން ބޭރަށް ނުކުމެގެންދާ ކުޑަ މިންވަރެކެވެ. އެ ހަމަނުޖެހުމުގެ ވީޑިއޯ ބަލާލި ކޮންމެ މީހަކަށް ވެސް ފެންނާނެ އެއް ކަމަކީ، އޭގެ ތެރެއިން ބައެއް ދަރިވަރުން އުޅުނު ހަޔާތްކުޑަ ކަމެވެ. އަނެއްކޮޅުން، ބެލެނިވެރިންނާއި އެ ދަރިވަރުންނާ ހަވާލުވެ ތިބި އޮފިޝަލުން އެ ހަމަނުޖެހުމުގައި ބައިވެރިވެ، ހިންގި ނާތަހުޒީބު އަމަލުތަކެވެ.
ރެފްރީގެ ފަހަތުން ފަހައި ދުވަމުން ބައެއް ދަރިވަރުން ދިޔައިރު، އަނގައިން ނުބައި އެއްޗެހި ކިޔައި، އަމަޔަށް ބަފަޔަށް ގޮވަމުން ގޮސް، ހީވީ ގޭންގެއް އަރައިގަތްހެންނެވެ. އެއީ ސްކޫލު ކުދިންތޯ ނުވަތަ ނޫންތޯ ސުވާލު އުފެދޭ ވަރަށް، އެ މަންޒަރުގެ ވަށައިގެން އެނބުރޭ ވާހަކަތައް ވެސް ގިނަ އެވެ.
މާލޭގެ ސްކޫލެއްގެ ޕްރިންސިޕަލަކު، މި އަހަރުގެ ބެލެނިވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވި ގޮތުގައި ސްކޫލު ތެރޭގަ އާއި ސްކޫލުން ބޭރުގައި ވެސް ދަރިވަރުން ދުންފަތުގެ އިސްތިއުމާލުކޮށް، ވޭޕް ކުރާ މައްސަލަ ވަރަށް ބޮޑެވެ. އެހެން ސްކޫލެއްގެ ޕްރިންސިޕަލަކު، ޕޯޑިއަމްގައި ހުންނަވައި ބެލެނިވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވި ގޮތުގައި އިހުތިރާމަކީ މިހާރު މި ބޮޑެތިވާ ކުދިންގެ ކިބައިގައި އެއްގޮތަކަށް ވެސް ނެތް އެއްޗެކެވެ.
އެހެން ޕްރިންސިޕަލަކު ވިދާޅުވި ގޮތުގައި ބައެއް ދަރިވަރުންނަކީ، ކޮންމެ ދުވަހަކު ސްކޫލުން ގޭންގަށް އަދި ގޭންގުން ސްކޫލަށް ދާ ކުދިންނެވެ. އަދި، ޕްރިންސިޕަލަކު ވިދާޅުވި ގޮތުގައި ސްކޫލަށް ފޮނުވީމަ، ސްކޫލަށް ނުގޮސް ގުރޫޕު ހަދައިގެން ޑްރަގްސް ނަގައި، ތެޔޮ ބިޑި ބޯ ކުދިން ވެސް މަދެއް ނޫނެވެ. ސްކޫލު ތެރޭގައި އަންހެން ދަރިވަރުންނާ ފޮށި، ހަޑިހުތުރު ބަސްތައް ބޭނުން ކުރުން އެއީ ބައެއް ކުދިންގެ އާންމު ކަމެކެވެ. އަދި ގޭންގުގެ ބަހުރުވަ ސްކޫލުތެރޭގައި ބައެއް ކުދިން އާންމުކޮށް ބޭނުންކޮށް، އޭގެ ހިތި ނަތީޖާ އަކީ ދެން ތިބި ބައެއް ކުދިން ވެސް އެހެން ވާހަކަ ދައްކަން ފެށުން ކަމަށް ޕްރިންސިޕަލަކު ވިދާޅުވި އެވެ.
ސްކޫލެއްގައި ދަރިވަރުން: ނިޒާމު ރޭވިފައި އޮތް ގޮތުން ދަރިވަރުންނަށް ފިޔަވަޅެއް ނޭޅޭ -- ފައިލް ފޮޓޯ: މިހާރު
"އެ ލޭންގުއޭޖްގައި ވާހަކަ ނުދައްކާ ކުއްޖާ ކުލާހުގައި މި އިންނަނީ ބާކީކޮށްލައިފައި. އޭނާ އަށް އެންމެ ފަހުން ބޮޑު ރަނޑެކޭ ކިޔައި ފުރައްސާރަ ކުރަން ފެށީމަ އާހިރުގައި އެ ކުއްޖާ އަށް ވެސް މަޖުބޫރު ވަނީ އެހެން އުޅެން،" ޕްރިންސިޕަލަކު ވިދާޅުވި އެވެ.
ބައެއް ސްކޫލުތަކުގައި ދަރިވަރުންގެ އަހުލާގު އޮތީ ނަސޭހަތް ދީގެން، މައިތިރިވާ ވަރަށް ވުރެ ބޮޑަށް ގޯސްވެފަ އެވެ. އެޅޭނެ މާ ބޮޑު ފިޔަވަޅެއް ނެތި ދޫވެފަ އެވެ. މި ރިޕޯޓަށް ވާހަކަ ދެއްކެވި ބައެއް ޕްރިންސިޕަލުން ވިދާޅުވި ގޮތުގައި ބައެއް ދަރިވަރުންނަކީ ހަގީގަތުގައި ވެސް ގޭންގުތަކުން ތަރުބިއްޔަތު ވެގެން ސްކޫލަށް ގޮސް ތިބޭ ދަރިވަރުން ކަމަށް ވާތީ، އެ ކުދިންނާ ދޭތެރޭ ޗުއްޕެކޭ ބުނަން ވެސް ޖެހިލުންވާ ވަރުގެ ދަރިވަރުން އެބަތިއްބެވެ. އަދި އެއީ ސްކޫލުން ފިލުވާލަން ޖެހޭ، އެކަމަކު ފިލުވައިލާނެ ބޭހެއް ނެތް ނެތް "ވައިރަސް"އެއްގެ ގޮތުގައި ބައެއް ޕްރިންސިޕަލުން ސިފަ ކުރެއްވި އެވެ.
"ބެލެނިވެރިޔާ ހާޒިރު ކުރީމަ، ބެލެނިވެރިޔާގެ ހާޒިރުގައި އެބަ ބުނޭ ހޭއަރުވާލާނަމޭ ޓީޗަރަށް [ރިޕޯޓް ކުރީމަ]،" މި ރިޕޯޓްގެ ބާވަތުން ނަން ނުޖަހަން އެދިވަޑައިގެން، ޕްރިންސިޕަލަކު ވިދާޅުވި އެވެ.
"ބައެއް ދަރިވަރުންގެ ބެލެނިވެރިން ވެސް މި ތިބެނީ ބިރުން ވިރިވިރި."
ޕްރިންސިޕަލަކު ވިދާޅުވި ގޮތުގައި، އެ ސްކޫލުގެ ދަރިވަރަކު މަގުމަތިން ގޭންގަކާ އެކު އުޅޭތަން ފެނިގެން، ޖެހިގެން އައި ދުވަހު އެ ދަރިވަރު އޮފީހަށް ހާޒިރު ކުރި އެވެ. އަދި އެހެން ނޫޅެވޭނެއޭ ބުނުމުން އުޅެންވީ ގޮތް އިނގޭނީ ޕްރިންސިޕަލް އަކަށް ނޫނޭ ދަރިވަރު ބުންޏެވެ.
"މިހާ ގޯސް ދަރިވަރުން ސްކޫލުގައި އެބައުޅޭ. އޭގެ މާނައަކީ އަޅުގަނޑާ ދިމާއަށް އެހެން ބުނާ ދަރިވަރު ސްކޫލު ތެރޭގައި ކޮންމެ ފަދަ ކަމެއް ވެސް ކޮށްފާނެއޭ،" އޭނާ ވިދާޅުވި އެވެ.
ރާއްޖޭގެ މަޝްހޫރު ގޭންގުތަކާ ގުޅިގެން އުޅޭ ސްކޫލު ކުދިން މިހާރު ވެސް މަދެއް ނޫނެވެ. ސްކޫލު ކުދިން ލައްވައި ޑްރަގްސް އުފުލުވައި އެ ޑެލިވަރީ ކުރުވާ ބޮޑެތި ޑީލަރުން ވެސް އެބަތިއްބެވެ. ތޫނު އެއްޗެހި ހިފައިގެން ސްކޫލަށް ދާ ދަރިވަރުން ވެސް އެބަތިއްބެވެ. އަދި ސްކޫލުގެ ތެރެއިން ދިމާވާ އެކި ކަންކަމުގައި ސްކޫލުގެ ބޭރުން އޭގެ ބަދަލު ހިފައި، މާރާމާރީތަކަށް ވެސް ގޮސްފައި އެބަހުއްޓެވެ. ބައެއް ދަރިވަރުންގެ ފުރާނަ ވެސް ގެއްލިފައި އެބަހުއްޓެވެ. މިއީ، ޕްރިންސިޕަލުންނާއި ޓީޗަރުން އެންމެ ކަންބޮޑުވެ ވަޑައިގަންނަވާ އެއް ކަންތަކެވެ.
"ހުރިހާ ސްކޫލެއްގެ ޕްރިންސިޕަލުންނަށް ވެސް އެނގޭނެ އެ ސްކޫލެއްގައި ތިބި އެކަހަލަ ކުދިން. އެކަމަކު ސިސްޓަމް އޮންނަ ގޮތުން ކުރެވޭނެ ކަމެއް ނޯވޭ. ސަސްޕެންޑެއް ނުކުރެވޭ. ސްކޫލަކުން ކަނޑައެއްނުލެވޭ. އެޅޭނެ ފިޔަވަޅެއް ނޯވޭ. ހައްގުތައް އެއީ މިހާރު އޮތް އެންމެ ބޮޑު އެއްޗަކީ،" ޕްރިންސިޕަލަކު ހިތްހަމަނުޖެހުން ފާޅުކުރެއްވި އެވެ.
"ބައެއް ދަރިވަރުން ހަމަ ދިމާލަށް ބުނެފައި އެބަހުރި ތިމަންނާ ކިޔަވާކަށް ބޭނުމެއް ނޫނޭ. އެކަމަކު ކިޔަވަން ބޭނުން ނުވާ ދަރިވަރު ވެސް ސްކޫލަށް އަންނަން ގާނޫނުއަސާސީ ލާޒިމްކުރޭ. ސްކޫލަށް ނައިސްފިއްޔާ ސްކޫލުން ގުޅާނެ. އަޅުގަނޑަށް ހީވަނީ ސްކޫލުގެ ސިސްޓަމް ތެރޭގައި އަވަހަށް ހައްލު ކުރަން އޮތް ޖެހިފައި އޮތް އެންމެ ބޮޑު މައްސަލައަކީ ކިޔަވަން ބޭނުން ނުވާ ދަރިވަރުންނަށް ސްކޫލު ތެރޭގައި ދެން ކުރެވޭނެ ކަންތައްތަކެއް ބެލުންހެން. އެހެން ނޫނީ ކިޔަވަން ބޭނުންވާ ކުދިންގެ ކުރިމަގު ހަލާކުވެދާނެ."
ހުރިހާ ޕްރިންސިޕަލުން ވެސް އެއްބަސްވެ ވަޑައިގަންނަވާ އެއް ކަމަކީ، އެ ބޭފުޅުން ކިޔަވާވިދާޅުވި އިރު ސްކޫލުތަކުގައި އޮތް އަހުލާގު މިހާރު ނެތް ކަމެވެ. އެހާ ބޮޑު ބަދަލެއް މިހާރު އައީ ކީއްވެގެން ކަން ވެސް އެ ބޭފުޅުންނަށް އެނގިވަޑައިގަންނަވަ އެވެ.
"މުޖުތަމައަށް އައި ބޮޑު ބަދަލު،" އެއް ޕްރިންސިޕަލަކު ޖަވާބު ދެއްވި އެވެ.
"އަޅުގަނޑުމެން ކިޔެވިއިރު މުޖުތަމައު އޮތީ މިހެނެއް ނޫން. މި ފެންނަ މަންޒަރުތަކެއް ނުފެނޭ. އޭރަކު ލާހިކެއް ނޫން މިހެން އުޅޭކަށް. ކަމެއް ވެއްޖިއްޔާ ސްކޫލުގައި ވެސް އަދަބު ދޭނެ. ގެއަށް އައީމަ ގެއިން ވެސް އަދަބު ދޭނެ."
ދަރިވަރަކު ރިޕޯޓް ފޮތް ބަލަނީ: ސްކޫލުގެ މާހައުލު ވާން ޖެހެނީ އިތުބާރު ކުރެވޭ ވަރުގެ މާހައުލަކަށް -- ފައިލް ފޮޓޯ: މިހާރު
އެކަމަކު މުޖުތަމައަށް ވަރަށް ބޮޑު ބަދަލެއް އަތުވެއްޖެ އެވެ. ބައެއް ޕްރިންސިޕަލުން ވިދާޅުވި ގޮތުގައި ފެންނަ މަންޒަރުތަކާއި އިވޭ އަޑުތައް ބަދަލުވެއްޖެ އެވެ. މީހަކު މަގުއޮޅިދާނެ ސާމާނު ފަސޭހައިން ލިބެން އެބަހުއްޓެވެ.
"މިސާލަކަށް އިހަކަށް ދުވަހު ރައްޔިތުންގެ މަޖިލިސް މި އަހަރަށް އެ ހުޅުވީ. ސްކޫލުތަކުގެ އެންމެ ރަނގަޅު ކުދިން އެތަނަށް ގޮސް ތިބި. އެތަނަށް ގެންދާކަން އެނގިގެން ޕްރިންސިޕަލުންގެ ގްރޫޕެއްގައި ވެސް ބައެއް ޕްރިންސިޕަލުން އެކަން ނުކުރަން އެދުނު. އެނގޭ އެ ދުވަހު ފެންނާނީ ސްކޫލް ކުދިންނަށް ރީތި މަންޒަރެއް ނޫންކަން. ކަން ވެސް ވީ އެހެން،" ޕްރިންސިޕަލަކު ވިދާޅުވި އެވެ.
އެހެން ޕްރިންސިޕަލަކު ވިދާޅުވީ އޭނާ އަށް ވޭޕަކީ ކޮން އެއްޗެއްކަން ވެސް އެނގުނީ ސްކޫލު ތެރެއިން ކަމަށެވެ.
"ހަމަ ލޮލުން ވެސް އެ ފެނުނީ ސްކޫލުތެރެއިން. އޭގެ ފްލޭވާތަކަކީ ކޮބައިކަމާއި ކީއްކުރާ އެއްޗެއްކަން ވެސް މި އެނގުނީ ސްކޫލު ތެރެއިން،" އޭނާ ވިދާޅުވި އެވެ.
ދަރިވަރުން ތަރުބިއްޔަތު ކުރުމުގެ ޒިންމާ އަކީ ހަމައެކަނި ސްކޫލުތަކުގެ ޒިންމާއެއް ކަމަށް މައިންބަފައިން ދެކޭ ނަމަ އެއީ ވަރަށް ބޮޑު ކުށްހީއެއް ކަމަށް ތަޖުރިބާކާރު ޕްރިންސިޕަލުން ވިދާޅުވި އެވެ. އެއް ޕްރިންސިޕަލަކު ވިދާޅުވީ، ބޭރުގައި ވަކި ގޮތަކަށް އުޅެފައި އައިސް ސްކޫލުގައި އޭނާ އަށް އެހެން ގޮތަކަށް އުޅެވޭނެ ގޮތެއް ނޯންނާނެ ކަމަށެވެ.
"ދެ ކެރެކްޓާ އެއް ނުގެންގުޅެވޭނެ. އެހެންވީމަ، މައިންބަފައިންނާއި މުޖުތަމައު ވެސް ޒިންމާ މީގައި އޮންނާނެ. ސްކޫލަކަށް ނުބެލޭނެ ކޮންމެ ދުވަހަކު ހުރިހާ ކުދިންގެ ދަބަހެއް އެ ކުދިން ވަޅި ގެނައިތޯ، ވޭޕް ގެނައިތޯ ސިނގިރޭޓް ގެނައިތޯއެއް. މައިންބަފައިންނަށް އެ މީހުންގެ ދަރިންގެ ދަބަސް ޗެކްކޮށްލެވެން ވާނެ."
ރައްޔިތުންގެ މަޖިލިސް މި އަހަރަށް ހުޅުވި ޖަލްސާގައި ސްކޫލުގެ ދަރިވަރުން: ހަމަނުޖެހުން ބޮޑު ޖަލްސާއެއް
އެހެން ޕްރިންސިޕަލަކު ވިދާޅުވީ ސިޔާސީ ހަލަބޮލި ކަމުގެ ތެރެއިން އެންމެ ނޭދެވޭ އަސަރެއް ކުރި އެއް ބަޔަކީ ސްކޫލު ކުދިން ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި، އާންމު ތަންތަނުގައި ސިޔާސީ ބައެއް މީހުން އައުގުރާނަ ގޮވައި، އެ އެއްޗެހި ސޯޝަލް މީޑިއާގައި އާންމުވެ، ދަރިވަރުންގެ ސިކުނޑިތައް "ކާލައިފި" ކަމަށެވެ.
ހަޑިހުތުރު ބަސްތައް ޖަލްސާތަކުގެ ސްލޯގަން އަށް ވެސް ލައިގެން އެ މަގުތަކުގައި އެބަ އިޝްތިހާރު ކުރޭ. މި ހީވެދާނެ ވަރަށް ކުޑަކުޑަ ކަމެކޭ. އެކަމަކު އެ ހަލާކުވެގެން ދަނީ ޖީލެއް.
"ހަޑިހުތުރު ބަސްތައް ޖަލްސާތަކުގެ ސްލޯގަން އަށް ވެސް ލައިގެން މަގުތަކުގައި އެބަ އެ އިޝްތިހާރު ކުރޭ. މި ހީވެދާނެ ވަރަށް ކުޑަކުޑަ ކަމެކޭ. އެކަމަކު އެ ހަލާކުވެގެން ދަނީ ޖީލެއް،" އޭގެ އެއް ބަހަކުން މިސާލު ދައްކަވަމުން އޭނާ ވިދާޅުވި އެވެ.
"މުޅި މައްސަލައަކީ ސްކޫލުގެ ނިޒާމުގައި ފިޔަވަޅު އެޅެން ނެތުމެއް ނޫން. ދަރިވަރުން ސަސްޕެންޑް ނުކުރުމާއި ސްކޫލުން ވަކި ނުކުރުމަކީ ވެސް ރަނގަޅު ވިސްނުމަކުން ވިސްނައިިފިއްޔާ ހަމަ ރަނގަޅު ކަމަކަށް ވެދާނެ. އޭގެ ކުރިން އަޅުގަނޑުމެންގެ މުޖުތަމައު ވެސް އެބަ ޖެހޭ ރަނގަޅުވާން."
ތައުލީމީ ނިޒާމުގައި ވެސް، އަދި މުޖުތަމައުގައި ވެސް އަދި ދޭދޭ ބެލެނިވެރިންގެ ތެރޭގައި ވެސް މައްސަލަތައް އެބަހުއްޓެވެ. މިއަދު ތައުލީމު ފޯރުކޮށްދޭން ޖެހިފައި މި ވަނީ މި ހުރިހާ ކަމެއް މަސްހުނިވެފައިވާ ވެއްޓެއްގެ ތެރޭގަ އެވެ. އެކަމަކު، ސުވާލަކީ މި އެވެ؛ މި ވެށީގައި، އަދި މިހާ ކުޑަކުޑަ މުޖުތަމައެއްގެ ތެރޭގައި އެ ހުރިހާ ކަމެއް މަސްހުނި ކޮށްގެން ރަނގަޅު ޖީލެއް މާދަމާ އަށް ބިނާކޮށްދެވިދާނެ ހެއްޔޭ އެވެ؟
ކުޅިވަރުގައި ދަރިވަރުންނަށް ނަމޫނާ ދައްކަން އެދެފި
ނާރުތައް ބުރިވި ދަރިވަރު އޮޕަރޭޝަނަށް ފަހު ދޫކޮށްލައިފި
ދަރިވަރަށް ހަމަލާދިނީ ގޭންގަކަށް ނިސްބަތްވެއޭ ބުނެފައި!
ޒަހަމްވި ކުއްޖާ އަށް ވަނީ ބޮޑެތި އަނިޔާތަކެއް ލިބިފައި
16 ދަރިވަރުން ތަޖުރިބާ ދަތުރެއްގައި އިންޑިއާއަށް
ރާއްޖޭގައި 12 އަހަރުން ލިބެނީ 8 އަހަރުގެ ތައުލީމް
ދިރާސީ ކަލަންޑަރާ ހިލާފަށް ކިޔަވައިދިނުން މަނާ!
ދިރާސީ އަހަރާ އެކު ގައުމިއްޔަތު މާއްދާ ކިޔަވައިދޭނެ
4 އަހަރުގެ ޑިގްރީއެއް ނެތް ނަމަ ޓީޗަރަކަށް ނުވެވޭނެ
ދަރިވަރުންނަށް ނަފްސާނީ އެހީތެރިކަން ދޭން ހޮޓްލައިނެއް