Roadha Mihaaru
ކުޅިވަރުގައި ދަރިވަރުންނަށް ނަމޫނާ ދައްކަން އެދެފި

ކުޅިވަރުގެ ރޫހާ ހިލާފުނުވެ ދަރިވަރުންނަށް ނަމޫނާ ދައްކަން އެޑިއުކޭޝަނުން އެދެފި

07 ފެބުރުއަރީ 2023

އިއްޔެ ހަވީރު ކުޅުނު އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލް މެޗުގައި ސަޕޯޓަރުން ދަނޑަށް އަރައި ރެފްރީއަށް ހަމަލާ ދިނުމަކީ ދަރިވަރުންގެ ކުރިމަތީ ހިނގައިގެންވާނެ ކަންކަން ނޫން ކަމަށާއި އެފަދަ ކަންކަން ތަކުރާރު ނުކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން އެދެފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

އިއްޔެ ހަވީރު ކުޅުނު އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލް މެޗުގައި ސަޕޯޓަރުން ދަނޑަށް އަރައި ރެފްރީއަށް ހަމަލާ ދިނުމަކީ ދަރިވަރުންގެ ކުރިމަތީ ހިނގައިގެންވާނެ ކަންކަން ނޫން ކަމަށާއި އެފަދަ ކަންކަން ތަކުރާރު ނުކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން އެދެފި އެވެ.

އިންޓަ ސްކޫލް 17 އަހަރުން ދަށުގެ ސެމީ ފައިނަލްގައި އިއްޔެ ވާދަކުރީ ކަލާފާނު ސްކޫލާއި ކ. ގުރައިދޫ ސްކޫލެވެ. އެ މެޗު ކަލާފާނުން ކާމިޔާބު ކުރީ 2-1 އިން މޮޅުވެގެންނެވެ. މެޗު ނިމުމުން ގުރައިދޫގެ ބައެއް ސަޕޯޓަރުން ދަނޑަށް އަރައި ރެފްރީއަށް ހަމަލާ ދިނީ އެވެ.

ސްކޫލް ކުދިންގެ މުބާރާތެއްގައި އެފަދަ ކަމެއް ހިނގުމުން މިނިސްޓްރީން ކަންބޮޑުވުން ފާޅުކޮށް ނެރުނު ބަޔާނުގައި ބުނީ މިއީ ކުޅިވަރުގެ ރޫހާ މުޅިން ހިލާފު އަމަލެއް ކަމަށާއި އެފަދަ މަންޒަރުތައް ބެލެނިވެރިންނާއި ސަޕޯޓަރުން ވެސް ދަރިވަރުން ކުރިމަތީގައި ތަކުރާރު ނުކުރުމަށް އިލްތިމާސްކުރާ ކަމަށެވެ.

"މިފަދަ މުބާރާތްތަކަކީ ކުޅިވަރުގެ ހުނަރު އިތުރުކުރުމުގެ އިތުރުން ދަރިވަރުންގެ ކިބައިގައި އިޖުތިމާއި އަދި އަހުލާގީ ރިވެތި ސިފަތައް އަށަގެންނެވުމުގެ މަގްސަދުގައި ކުރިއަށް ގެންދާ ހަރަކާތެކެވެ. އަދި މުބާރާތްތަކުގައި އެކި ހައިސިއްޔަތުން ބައިވެރިވެ ވަޑައިގަންނަވާ ބޭފުޅުންގެ ފަރާތުން ވެސް އަޅުގަނޑުމެން އެދެނީ ރިވެތި ނަމޫނާ ފެނިގެން ދިއުމެވެ. މިނިސްޓްރީގެ ބަޔާނުގައިވެ އެވެ. އިއްޔެގެ ހަމަނުޖެހުން ކުށްވެރިކޮށް މިނިސްޓްރީން ތަކުރާރުކޮށް އެދުނީ ދަރިވަރުންގެ ކުރިމަތީގައި އެފަދަ އަމަލުތައް ތަކުރާރު ނުކުރުމަށެވެ.

މި ހަމަނުޖެހުމުގެ މައްސަލަ އެފްއޭއެމުން އަންނަނީ ބަލަމުންނެވެ.