Roadha Mihaaru
"ވެރިފިކޭޝަނަށްފަހު ފްލެޓު ކޮމިޓީ އުފައްދާނަން"

ވެރިފިކޭޝަން ނިންމުމަށްފަހު ފްލެޓު ފޯމުތައް ބަލާ ކޮމިޓީ އުފައްދާނަން: ރައީސް އޮފީސް

26 ޖެނުއަރީ 2023

ފްލެޓާއި ގޯއްޗަށް ކުރިމަތިލާފައިވާ މީހުންގެ ފޯމުތައް ކަށަވަރުކުރުމަށް ފަހު އެ ތަންތަން ލިބޭ މީހުން ކަނޑައަޅާ ކޮމިޓީ އުފައްދާނެ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ފްލެޓާއި ގޯއްޗަށް ކުރިމަތިލާފައިވާ މީހުންގެ ފޯމުތައް ކަށަވަރުކުރުމަށް ފަހު އެ ތަންތަން ލިބޭ މީހުން ކަނޑައަޅާ ކޮމިޓީ އުފައްދާނެ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.

މި ސަރުކާރުގެ ބިންވެރިޔާ ސްކީމުގެ ދަށުން މާލޭގެ ރަށްވެހިންނަށް ދޫކުރަން ނިންމާފައިވާ 3،000 ގޯތި އަދި ގެދޮރުވެރިޔާގެ ދަށުން ދޫކުރާ 4،000 ފްލެޓަށް ޖުމްލަ 35،861 މީހުން ކުރިމަތިލި އެވެ.

މަޖިލީހުގެ ކޮމިޓީއެއްގައި ވާހަކަދައްކަވަމުން ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ކުރިން ވިދާޅުވީ ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓާއި ގޯއްޗަށް ކުރިމަތިލީ މީހުންގެ އެޕްލިކޭޝަންތައް ބަލާނީ ރައީސް އުފައްދަވާ ހާއްސަ ކޮމެޓީއެއް އަކުން ކަމަށެވެ. އެ ކޮމިޓީ އަދި އެކުލަވާނުލާ ކަމަށާއި އެކަމަކު ލަސްނުވެ އެކަން ނިމޭނެ ކަމަށް، މިދިޔަ ނޮވެމްބަރު މަހު އޭނާ ވިދާޅުވި އެވެ.

އެކަމާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ މިހާރު ކުރަމުން އަންނަނީ ފޯމުތައް ކަށަވަރުކުރުމުގެ މަސައްކަތް ކަމަށެވެ. އެކަން ކުރަމުން އަންނަނީ ޕްލޭނިން މިނިސްޓްރީންނެވެ.

"ފޯމުތަކުގެ ވެރިފިކޭޝަނަށް ފަހު ކޮމިޓީ އެކުލަވާލާނެ. ހައުސިން މިނިސްޓްރީން ދީފައިވާ ޓައިމްލައިނަށް މަސައްކަތް ދާނެ ކުރިއަށް." މިއުވާން ވިދާޅުވި އެވެ.

މިނިސްޓްރީން ބުނީ ގޯއްޗާއި ފްލެޓު ލިބޭ މީހުން އިއުލާންކުރާނީ އަންނަ މެއި މަހު ކަމަށެވެ. އޭގެ ކުރިން ކޮމިޓީ އެކުލަވާލައި، ފްލެޓާއި ގޯއްޗަށް ކުރިމަތިލާފައިވާ މީހުންގެ ފޯމުތައް ބަލާނެ ކަމަށް ސަރުކާރުން ބުންޏެވެ.

ހުޅުމާލެ އިން ދޫކުރާ 1،000 ގޯއްޗާއި ގުޅިފަޅު ހިއްކައި އެ ސަރަހައްދުން ދޫކުރާ 2،000 ގޯތީގެ އިތުރުން ހުޅުމާލޭގައި މިހާރު އިމާރާތް ކުރަމުން އަންނަ 4،000 ފްލެޓަށް އެދުމަށް ސަރުކާރުން ހުޅުވައިލީ މިދިޔަ ޖޫން މަހުގެ 26 ގަ އެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން ދޫކުރާ ގޯއްޗެއްގެ އެންމެ ކުޑަ މިނަކީ 1،225 އަކަފޫޓެވެ. އެކަމަކު އާއިލާގެ މެމްބަރުންނާ ބައިވެރިވެގެން ޖޮއިންޓް އެޕްލިކޭޝަން ހުށަހަޅާ ނަމަ، އެކަކަށް ވުރެ އިތުރުވާ ކޮންމެ މީހަކަށް 400 އަކަފޫޓު އިތުރުކުރެވެ އެވެ. އެގޮތަށް 4،000 އާ ހަމައަށް ގޯތީގެ އަކަފޫޓު އިތުރުކުރެވެ އެވެ.