22 ޖެނުއަރީ 2023
އިންޑިއާގެ ގުޖުރާތުގައި 2002 ވަނަ އަހަރު މުސްލިމުންނާ ދެކޮޅަށް ހިންގި ގަތުލު އާންމުގައި، އިންޑިއާގެ މިހާރުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ބައިވެރިވުން އޮތް ކަމަށް ބުނެ، ބީބީސީން ތައްޔާރުކޮށްފައިވާ ޑޮކިއުމެންޓްރީ ހިއްސާ ކުރާ ލިންކުތަކަށް ނުވަދެވޭ ގޮތް ހެދުމަށް، އިންޑިއާ ސަރުކާރުން، ޔޫޓިއުބް އާއި ޓްވިޓާ އަށް އަންގައިފި އެވެ.
އިންޑިއާގެ ގުޖުރާތުގައި 2002 ވަނަ އަހަރު މުސްލިމުންނާ ދެކޮޅަށް ހިންގި ގަތުލު އާންމުގައި، އިންޑިއާގެ މިހާރުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ބައިވެރިވުން އޮތް ކަމަށް ބުނެ، ބީބީސީން ތައްޔާރުކޮށްފައިވާ ޑޮކިއުމެންޓްރީ ހިއްސާ ކުރާ ލިންކުތަކަށް ނުވަދެވޭ ގޮތް ހެދުމަށް، އިންޑިއާ ސަރުކާރުން، ޔޫޓިއުބް އާއި ޓްވިޓާ އަށް އަންގައިފި އެވެ.
ދެ އެޕިސޯޑްގެ މައްޗަށް ބިނާކޮށް ބީބީސީން ތައްޔާރުކުރި ޑޮކިއުމެޓްރީގެ ފުރަތަމަ އެޕިސޯޑް، މިމަހުގެ 17 ވަނަ ދުވަހު ވަނީ އާންމުކޮށް ދައްކައިފަ އެވެ. އެ ޑޮކިއުމެންޓްރީގައި ބުނެފައިވާ ގޮތުން، 2002 ވަނަ އަހަރު ގުޖުރާތުގައި ހިންދޫންނާއި މުސްލިމުންނާ ދެމެދު ހިނގި ލޭއޮހޮރުވުން ބޮޑު ކުރިމަތިލުންތައް ހުއްޓުވުމަށް ފުލުހުން ކުރި މަސައްކަތް ހުއްޓުވުމަށް، މޯދީ ވަނީ ވަރަށް ބޮޑަށް ބާރު އަޅުއްވައިފަ އެވެ.
އެ ހާދިސާ ހިނގި ދުވަސްވަރު ގުޖުރާތުގެ ޗީފް މިނިސްޓަރުގެ މަގާމުގައި ހުންނެވީ މޯދީ އެވެ. އެ ކުރިމަތިލުންތައް ފެށުނީ، އަޔޯދިޔާގެ ފައްޅިއެއްގައި އޮތް ހިންދޫންގެ އަޅުކަމެއްގައި ބައިވެރިވުމަށް ފަހު އެނބުރި އައި ބަޔަކު ދަތުރުކުރި ރޭލެއްގައި އަލިފާން ރޯވެ، އެއިން ދަތުރުކުރި މީހުންގެ ތެރެއިން 59 މީހަކު މަރުވުމާ ގުޅިގެންނެވެ.
ރޭލުގައި ހުޅުޖެހީ މުސްލިމުން ކަމަށް ތުހުމަތުކޮށް، މުސްލިމުންނާ ދެކޮޅަށް ހަތިޔާރު ހިފައިގެން ހިންދޫން ނުކުމެ، އަނިޔާވެރި އަމަލުތަކެއް ހިންގަން ފެށުމުން، މުސްލިމުން ވެސް ރައްދުގައި ހަމަލާ ދިނެވެ. ދެ ފަރާތުގެ މެދުގައި ހިނގި ކުރިމަތިލުންތަކުގައި 1044 މީހުން މަރުވިކަން ޔަގީންވާ އިރު، އިތުރު 223 މީހަކު ވަނީ ވީނުވީއެއް ނޭނގި ގެއްލިފަ އެވެ. މަރުވި މީހުންގެ ތެރޭގައި ހިމެނެނީ 790 މުސްލިމުންނާއި 254 ހިންދޫންނެވެ.
މުސްލިމުންނާ ދެކޮޅަށް ހިންދޫން ހިންގި ލާއިންސާނީ އަމަލުތަކުގެ ތެރޭގައި، މުސްލިމު އަންހެނުން ހިފައި ހައްޔަރުކޮށް، އާއިލާގެ އެހެން މެމްބަރުންގެ ކުރިމަތީގައި ރޭޕްކުރުމާއި ރޭޕް ކުރުމަށް ފަހު މަރައިލުން ހިމެނެ އެވެ. އޭގެ އިތުރުން، މުސްލިމުންގެ މުދަލާއި ގަހަނާތައް ފޭރުމަށް ފަހު، މުސްލިމުންގެ ގޮދޮރުގައި ހުޅުޖެހުން ހިމެނެ އެވެ.
ގުޖުރާތުގައި ހިނގި ހަމަނުޖެހުމާ ބެހޭ ގޮތުން ހޯދި މައުލޫމާތުތަކަށް ފަހު، އިނގިރޭސި ސަރުކާރުން އެކުލަވައިލި ރިޕޯޓް ވެސް، ބީބީސީގެ ޑޮކިމެންޓްރީގައި ހިމަނާފައިވެ އެވެ. އެ ރިޕޯޓްގައި ތުހުމަތުކޮށްފައިވާ ގޮތުގައި، ގުރުޖުރާތުގައި މުސްލިމުންނާ ދެކޮޅަށް ހިންދޫން ހިންގި އަމަލުތަކަކީ، މުސްލިމުންގެ ނަސްލު ނައްތައިލުމަށް ހިންގި އަމަލުތަކެކެވެ.
އަދި ގުޖުރާތުގެ ރޭލު ހާދިސާ އަށް ފަހު މުސްލިމުންނާ ދެކޮޅަށް ހިންދޫން ހިންގި ހުރިހާ ހަރަކާތްތަކެއްގައި، ނަސްލު ފޮހެލުމުގެ އަމަލެއްގައި ހިމެނޭނެ ހުރިހާ އަލާމާތްތަކެއް އެކުލެވިފައިވާ ކަމަށް ވެސް، އިނގިރޭސި ސަރުކާރުގެ ރިޕޯޓްގައި ބުނެފައިވެ އެވެ.
އެ ދުވަސްވަރު އިނގިރޭސި ޚާރިޖީ ވަޒީރުގެ މަގާމުގައި ހުންނެވި ޖެކް ސްޓްރޯ، މި ޑޮކިއުމެންޓްރީގައި ވިދާޅުވެފައިވާ ގޮތުގައި މުސްލިމުންނާ ދެކޮޅަށް ނުކުތް، ހައްދުފަހަނައަޅާފައިވާ ހިންދޫން ހުއްޓުވުމަށް ނުކުތް ފުލުހުން ފަހަތަށް ޖެއްސުމަށް، އޭރުގެ ޗީފް މިނިސްޓަރު މޯދީ މުހިންމު ދައުރެއް އަދާކުރެއްވި އެވެ. އަދި މުސްލިމުންނާ ދެކޮޅަށް ނުކުތް ހަރުކަށި ހިންދޫންނަށް ހިތްވަރު ދެއްވުމުގައި ވެސް މޯދީ ވަނީ ވަރަށް އިސް ދައުރެއް އަދާކުރައްވައިފަ އެވެ.
އެ ރިޕޯޓްގައި ބުނެފައިވާ ގޮތުން، ގުޖުރާތުގައި މުސްލިމުންނާ ދެކޮޅަށް ހިންގި އަމަލުތަކަކީ، ހަމައެކަނި ރޭލުގައި ހިނގި އަލިފާނުގެ ހާދިސާއަށް ބަދަލު ހިފުމަށް ހިންގި އަމަލުތަކެއް ނޫނެވެ. އެ އަމަލުތަކުގެ ހަގީގީ ލަނޑުދަނޑިއަކީ، ވެރިކަން ކުރާ ބާރަތިޔާ ޖަނާތާ ޕާޓީގެ ވަތަނީ އެޖެންޑާގެ ދަށުން، ހިންދޫން ދިރިއުޅޭ ސަރަހައްދުތަކުން މުސްލިމުން ފައްސައި ބޭރުކުރުމަށް ކަނޑައަޅާފައިވާ ސިޔާސަތުގައިވާ ގޮތުގެ މަތިން ހިންގި އަމަލުތަކެކެވެ.
އެ ހަމަނުޖެހުންތަކުގައި އިނގިރޭސި ރައްޔިތުންގެ ތެރެއިން ވެސް ތިން މީހަކު މަރުވުމާ ގުޅިގެން، އިނގިރޭސި ސަރުކާރުން ވަނީ މޯޑީއާ އެކުގައި އެއްވެސް ގުޅުމެއް ބޭއްވުން މެދުކަނޑާލައިފަ އެވެ. އިނގިރޭސި ސަރުކާރުން އަލުން އެ ގުޅުން ދަމަހައްޓަން ފެށީ، 2013 ވަނަ އަހަރުން ފެށިގެންނެވެ.
ބީބީސީގެ ޑޮކިއުމެންޓްރީ އިންޑިއާގައި މަނާކޮށްފި
ދީނީ މިނިވަންކަމުގެ ކަޅު ލިސްޓުގައި އިންޑިއާ ހިމަނާ
ޝާހްރުކްގެ ދަރިފުޅާ މެދު ކަންތައް ކުރަނީ "ޒާތީކޮށް"
ފަރުހާނާ ދެކޮޅަށް ސޯޝަލް މީޑިއާގައި ކެމްޕޭނެއް
މިސްކިތެއް "ސާވޭކުރަން" އުޅުމުން އިންޑިއާގައި ދެ މަރު
މޯދީގެ ބަސްމަގު ބަދަލުވެ، މުސްލިމުންނަށް އިތުރު ބިރެއް
ހަރިޔާނާގައި މުސްލިމުންނާ ދެކޮޅު އަމަލުތައް އިތުރުވަނީ
އިންޑިއާގައި ބީބީސީ މަނައެއް ނުކުރެވޭނެ: ސުޕްރީމް ކޯޓް
ބީބީސީން މޯދީއަށް ތުހުމަތު ކުރުމުން އިންޑިއާ ނުރުހިއްޖެ
ތާޖް މަހަލްގެ ކޮޓަރިތައް ހުޅުވަން ހުއްދަ ނުދިން