Roadha Mihaaru
މޯދީގެ ބަސްމަގު ބަދަލުވެ، މުސްލިމުންނަށް އިތުރު ބިރެއް

މޯދީގެ ބަސްމަގު ހަރުކަށިވެ، މުސްލިމުންނާ މެދު ދެކޮޅުވެރިކަން އިތުރުވެދާނެ ކަމުގެ ބިރު

06 މެއި 2024

އިންޑިއާގައި މިހާރު ކުރިއަށް ގެންދާ އިންތިހާބުގެ ކެމްޕޭނުގައި ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ބަސްމަގު ބަދަލުވެފައިވާ ގޮތުން، އެ ގައުމުގެ މުސްލިމުންނާ މެދު އޮތް ދެކޮޅުވެރިކަން އިތުރުވެދާނެ ކަމުގެ ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.

އިންޑިއާގައި މިހާރު ކުރިއަށް ގެންދާ އިންތިހާބުގެ ކެމްޕޭނުގައި ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ބަސްމަގު ބަދަލުވެފައިވާ ގޮތުން، އެ ގައުމުގެ މުސްލިމުންނާ މެދު އޮތް ދެކޮޅުވެރިކަން އިތުރުވެދާނެ ކަމުގެ ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.

އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ 543 މެމްބަރުން އިންތިހާބު ކުރަން މީގެ ހަފުތާއެއް ކުރިން އިންތިހާބު ފަށާފައިވާއިރު، ވޯޓުލުން ޖޫން 1 އާ ހަމައަށް ކުރިއަށް ގެންދަނީ ހަތް ފިޔަވައްސަކަށް ބަހާލައިގެންނެވެ.

އެކަމަކު އިންތިހާބުގެ ދެ ފިޔަވަހި ނިމުނު އިރު، ވޯޓުލާން ނުކުންނަ މީހުން މަދުކަމުން، ހިންދޫ މެޖޯރިޓީ މީހުން ވޯޓުލާން ނެރެން ބާރު އެޅުމަށް ބީޖޭޕީގެ ކެމްޕޭނުގެ މިސްރާބު ވެސް ވަނީ ބަދަލުކުރަން މަޖުބޫރު ވެފަ އެވެ.

ބީޖޭޕީން 2014 އަދި 2019 ވަނަ އަހަރު ވެސް ބޮޑު ތަފާތަކުން އިންތިހާބު ކާމިޔާބު ކޮށްފައިވާއިރު މިއީ އެހެން ދީންތަކުގެ މީހުންގެ ހައްގުތަކަށް ނުބަލައި ހިންދޫން ރުއްސައިގެން ކާމިޔާބުކުރި އިންތިހާބުތަކުގެ ގޮތުގައި ފެންނަން އެބަ އޮތެވެ.

މި ފަހަރު އިންތިހާބުގެ ކެމްޕެއިން ފެށީ ވެސް ހަރުކަށި ހިންދޫންގެ އަނިޔާވެރި އަމަލުތަކާ އެކު، ތަޅައި ސުންނާފަތި ކޮށްލި އާސާރީ ބާބްރީ މިސްކިތް ހުރި ބިމުގައި އެޅި ހިންދޫންގެ ބޮޑު ފައްޅިއެއް ހުޅުވުމުގެ ރަސްމިއްޔާތަކުންނެވެ.

މޯދީ ނިސްބަތްވެވަޑައިގަންނަވާ ގުޖުރާތު ސްޓޭޓުގައި މިދިޔަ ހަފުތާގައި ހިންދޫންގެ ގިނަ ބަޔަކު އެއްވެ ތިބި ކެމްޕޭނު ހަރަކާތެއްގައި ވާހަކަ ދައްކަވަމުން މޯދީ ވަނީ އިދިކޮޅު ފަރާތްތަކުން މުސްލިމުންނާ ގުޅިގެން އިންޑިއާ ފަތަހަ ކުރަން އުޅޭ ކަމުގެ މޭރުމަކުން ތުހުމަތުތަކެއް ކުރައްވައިފަ އެވެ.

"އިދިކޮޅު އިއްތިހާދުން މި ބާރު އަޅަނީ 'ވޯޓު ޖިހާދު' ކުރަން. މިއީ އާ ކަމެއް. ސަބަބަކީ މީގެކުރިން އަޅުގަނޑުމެން އަޑުއަހަމުން އައީ 'ލަވް ޖިހާދު' އަދި 'ލޭންޑް ޖިހާދު'ގެ ވާހަކަ،" މޯދީ ތުހުމަތު ކުރެއްވި އެވެ.

މޯދީ އިޝާރާތް ކުރެއްވީ މުސްލިމް ފިރިހެނުން ހިންދޫ އަންހެންކުދިން ވާވައްދައިގެން ކައިވެނިކޮށް، ދީން ބަދަލުކުރުވާ ކަމަށް ކުރަމުންދާ ތުހުމަތަށާއި މުސްލިމުން އިންޑިއާގެ ބިންތައް ގަނެ ހިސޯރުކުރަމުންދާ ކަމުގެ ތުހުމަތަށެވެ.

"އަޅުގަނޑު އުއްމީދުކުރަނީ ތިޔަ ބޭފުޅުންނަށް ޖިހާދުގެ މާނަ އާއި ޖިހާދު ކުރަނީ ކޮން ބަޔަކާ ދެކޮޅަށް ކަން އެނގޭނެ ކަމަށް،" އިންޑިއާގެ މެޖޯރިޓީ ހިންދޫން މި ކަންކަމަށް ސަމާލުވެ، ބިރުގަންނަންޖެހޭ ކަމުގެ އިންޒާރާ އެކު މޯދީ ވިދާޅުވި އެވެ.

ހިންދޫންނަށް ވުރެ ގިނައިން މުސްލިމުން ދަރިން ހޯދައި، މުސްލިމް އާބާދީ އިތުރުކުރަން މަސައްކަތް ކުރާ ކަމާއި އިދިކޮޅު ފަރާތްތަކާ ގުޅިގެން ހިންދޫންގެ މުދާތައް ފޭރިގަންނަން މުސްލިމުން އުޅޭ ކަމަށް ވެސް މޯދީ ވަނީ މި ފަހުން ތުހުމަތު ކުރައްވައިފަ އެވެ.

މިއީ އިންޑިއާގެ 200 މިލިއަނެއްހާ މުސްލިމުންނަށް ކުރިމަތިވެދާނެ އިތުރު ބިރެއްގެ ގޮތުގައި ތަޖުރިބާކާރުން ގަބޫލުކުރެ އެވެ. އަދި ހިންދޫންގެ ފަރާތުން މުސްލިމުންނަށް ހަމަލާދިނުން އިތުރުވުމުގެ ފުރުސަތު ބޮޑު ކަމުގެ ކަންބޮޑުވުންވެސް ދަނީ ފާޅުކުރަމުންނެވެ.

އިންތިހާބުގެ ކުރިން މޯދީ ވަނީ މި ފަހަރު 400 ގޮނޑި ހޯދުމަށް އަމާޒު ހިއްޕަވައިފަ އެވެ. މިދިޔަ ފަހަރު ބީޖޭޕީން ވަނީ 303 ގޮނޑި ކާމިޔާބު ކޮށްފަ އެވެ.

އެކަމަކު ވޯޓުލާން ތިބި މީހުން ޝައުގު ކުޑަކަމުން، ބީޖޭޕީން ބޭނުންވާ އަދަދަށް ގޮނޑި ނުލިބިދާނެ ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން އަންނަނީ ލަފާކުރަމުންނެވެ.