Roadha Mihaaru
ބީބީސީގެ ޑޮކިއުމެންޓްރީ އިންޑިއާގައި މަނާކޮށްފި

މޯޑީއަށް ތުހުމަތުކުރި، ބީބީސީގެ ޑޮކިއުމެންޓްރީ އިންޑިއާގައި މަނާކޮށްފި

24 ޖެނުއަރީ 2023

އިންޑިއާގެ ގުޖުރާތުގައި 2002 ވަނަ އަހަރު މުސްލިމުންނާ ދެކޮޅަށް ހިންގި ގަތުލު އާންމުގައި، އިންޑިއާގެ މިހާރުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ބައިވެރިވުން އޮތް ކަމަށް ބުނެ، ބީބީސީން ތައްޔާރުކޮށްފައިވާ ޑޮކިއުމެންޓްރީ އެ ގައުމުގައި ދެއްކުން އިންޑިއާ ސަރުކާރުން މަނާކޮށްފި އެވެ.

އިންޑިއާގެ ގުޖުރާތުގައި 2002 ވަނަ އަހަރު މުސްލިމުންނާ ދެކޮޅަށް ހިންގި ގަތުލު އާންމުގައި، އިންޑިއާގެ މިހާރުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ބައިވެރިވުން އޮތް ކަމަށް ބުނެ، ބީބީސީން ތައްޔާރުކޮށްފައިވާ ޑޮކިއުމެންޓްރީ އެ ގައުމުގައި ދެއްކުން އިންޑިއާ ސަރުކާރުން މަނާކޮށްފި އެވެ.

މުސްލިމުންނާ ދެކޮޅަށް ހަރުކަށި ސިޔާސަތެއް ގެންގުޅޭ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ)ގެ ސަރުކާރުން، ބީބީސީގެ ޑޮކިއުމެންޓްރީއާ ދެކޮޅަށް ފިޔަވަޅު މި އެޅީ، އެ ޑޮކިއުމެންޓްރީ ހިއްސާ ކުރާ ލިންކުތަކަށް ނުވަދެވޭ ގޮތް ހެދުމަށް، އިންޑިއާ ސަރުކާރުން، ޔޫޓިއުބް އާއި ޓްވިޓާ އަށް އެންގުމަށް ފަހު އެވެ. އިންޑިއާގެ އިންފޮމޭޝަން މިނިސްޓްރީން ބުނި ގޮތުގައި ބީބީސީގެ ޑޮކިއުމެންޓްރީ ދެއްކުން މަނާކުރީ، އިންޑިއާގެ އިންފޮމޭޝަން އާއި ޓެކްނޮލޮޖީއާ ބެހޭ ގަވާއިދުގެ ދަށުން ސަރުކާރަށް ލިބިދޭ ޚާއްސަ ބާރުގެ ދަށުންނެވެ.

"އިންޑިއާއާ ދެކޮޅަށް ބީބީސީން ފަތުރާ އަދާވާތްތެރިކަމުގެ ޕްރޮޕަގެންޑާތަކާއި، އިންޑިއާއާ ދެކޮޅު ކުނިތައް، ޑޮކިއުމެންޓްރީއެއް ކަމަށް ހަދައިގެން ޔޫޓިއުބްގެ ޒަރީއާއިން ދެއްކުމާއި، ބީބީސީގެ އެ ބުނާ ޑޮކިއުމެންޓްރީގެ ލިންކުތައް ހިއްސާކުރީ ޓުވީޓްތައް މިހާރުވާނީ، އިންޑިއާގެ ސިޔާދަތީ ގާނޫނުތަކާއި ގަވާއިދުތަކުގެ ދަށުން މަނާކޮށްފައި،" އިންޑިއާގެ އިންފޮމޭޝަން މިނިސްޓްރީގެ އިސް މުޝީރު ކަންޗަން ގުޕްތާ މިދިޔަ ހޮނިހިރު ދުވަހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އިންޑިއާ ސަރުކާރުގެ އެ އެންގުމާ އެއްގޮތަށް، ޔޫޓިއުބް އާއި ޓުވިޓާއިން ވެސް ވަނީ އަމަލުކޮށްފަ އެވެ. ޑިމޮކްރެސީގެ ހައްގުގައި ވަކާލާތުކުރާ ބައެއް ފަރާތްތަކުން ބުނި ގޮތުގައި އިންޑިއާ ސަރުކާރުގެ މި ނިންމުމަކީ، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ހައްގަށް ދިން ހަމަލާއެކެވެ.

ދެ އެޕިސޯޑްގެ މައްޗަށް ބިނާކޮށް ބީބީސީން ތައްޔާރުކުރި ޑޮކިއުމެޓްރީގެ ފުރަތަމަ އެޕިސޯޑް، މިމަހުގެ 17 ވަނަ ދުވަހު ވަނީ އާންމުކޮށް ދައްކައިފަ އެވެ. އެ ޑޮކިއުމެންޓްރީގައި ބުނެފައިވާ ގޮތުން، 2002 ވަނަ އަހަރު ގުޖުރާތުގައި ހިންދޫންނާއި މުސްލިމުންނާ ދެމެދު ހިނގި، ލޭއޮހޮރުވުން ބޮޑު ކުރިމަތިލުންތައް ހުއްޓުވުމަށް ފުލުހުން ކުރި މަސައްކަތް ހުއްޓުވުމުގައި މޯދީ ވަނީ ވަރަށް ނުފޫޒު ގަދަ ދައުރެއް އަދާކުރައްވައިފަ އެވެ.

އެ ހާދިސާ ހިނގި ދުވަސްވަރު ގުޖުރާތުގެ ޗީފް މިނިސްޓަރުގެ މަގާމުގައި ހުންނެވީ މޯދީ އެވެ. އެ ކުރިމަތިލުންތައް ފެށުނީ، އަޔޯދިޔާގެ ފައްޅިއެއްގައި އޮތް ހިންދޫންގެ އަޅުކަމެއްގައި ބައިވެރިވުމަށް ފަހު އެނބުރި އައި ބަޔަކު ދަތުރުކުރި ރޭލެއްގައި އަލިފާން ރޯވެ، އެއިން ދަތުރުކުރި މީހުންގެ ތެރެއިން 59 މީހަކު މަރުވުމާ ގުޅިގެންނެވެ.

ރޭލުގައި ހުޅުޖެހީ މުސްލިމުން ކަމަށް ތުހުމަތުކޮށް، މުސްލިމުންނާ ދެކޮޅަށް ހަތިޔާރު ހިފައިގެން ހިންދޫން ނުކުމެ، އަނިޔާވެރި އަމަލުތަކެއް ހިންގަން ފެށުމުން، މުސްލިމުން ވެސް ރައްދުގައި ހަމަލާ ދިނެވެ. ދެ ފަރާތުގެ މެދުގައި ހިނގި ކުރިމަތިލުންތަކުގައި 1044 މީހުން މަރުވިކަން ޔަގީންވާ އިރު، އިތުރު 223 މީހަކު ވަނީ ވީނުވީއެއް ނޭނގި ގެއްލިފަ އެވެ. މަރުވި މީހުންގެ ތެރޭގައި ހިމެނެނީ 790 މުސްލިމުންނާއި 254 ހިންދޫންނެވެ.

މުސްލިމުންނާ ދެކޮޅަށް ހިންދޫން ހިންގި ލާއިންސާނީ އަމަލުތަކުގެ ތެރޭގައި، މުސްލިމު އަންހެނުން ހިފައި ހައްޔަރުކޮށް، އާއިލާގެ އެހެން މެމްބަރުންގެ ކުރިމަތީގައި ރޭޕްކުރުމާއި ރޭޕް ކުރުމަށް ފަހު މަރައިލުން ހިމެނެ އެވެ. އޭގެ އިތުރުން، މުސްލިމުންގެ މުދަލާއި ގަހަނާތައް ފޭރުމަށް ފަހު، މުސްލިމުންގެ ގޮދޮރުގައި ހުޅުޖެހުން ހިމެނެ އެވެ.

ގުޖުރާތުގައި ހިނގި ހަމަނުޖެހުމާ ބެހޭ ގޮތުން ހޯދި މައުލޫމާތުތަކަށް ފަހު، އިނގިރޭސި ސަރުކާރުން އެކުލަވާލައި އަދި މިހާތަނަށް އާންމުނުކޮށް އޮތް ރިޕޯޓް ވެސް، ބީބީސީގެ ޑޮކިމެންޓްރީގައި ހިމަނާފައިވެ އެވެ. އެ ރިޕޯޓްގައި ތުހުމަތުކޮށްފައިވާ ގޮތުގައި، ގުރުޖުރާތުގައި މުސްލިމުންނާ ދެކޮޅަށް ހިންދޫން ހިންގި އަމަލުތަކަކީ، މުސްލިމުންގެ ނަސްލު ނައްތައިލުމަށް ހިންގި އަމަލުތަކެކެވެ.

އެ ދުވަސްވަރު އިނގިރޭސި ޚާރިޖީ ވަޒީރުގެ މަގާމުގައި ހުންނެވި ޖެކް ސްޓްރޯ، މި ޑޮކިއުމެންޓްރީގައި ވިދާޅުވެފައިވާ ގޮތުގައި މުސްލިމުންނާ ދެކޮޅަށް ތެދުވި، ހައްދުފަހަނައަޅާފައިވާ ހިންދޫން ހުއްޓުވުމަށް ނުކުތް ފުލުހުން ފަހަތަށް ޖެއްސުމަށް، އޭރުގެ ޗީފް މިނިސްޓަރު މޯދީ މުހިންމު ދައުރެއް އަދާކުރެއްވި އެވެ. އަދި މުސްލިމުންނާ ދެކޮޅަށް ނުކުތް ހަރުކަށި ހިންދޫންނަށް ހިތްވަރު ދެއްވުމުގައި ވެސް މޯދީ ވަނީ ވަރަށް އިސް ދައުރެއް އަދާކުރައްވައިފަ އެވެ.

އެ ރިޕޯޓްގައި ބުނެފައިވާ ގޮތުން، ގުޖުރާތުގައި މުސްލިމުންނާ ދެކޮޅަށް ހިންގި އަމަލުތަކަކީ، ހަމައެކަނި ރޭލުގައި ހިނގި އަލިފާނުގެ ހާދިސާއަށް ބަދަލު ހިފުމަށް ހިންގި އަމަލުތަކެއް ނޫނެވެ. އެ އަމަލުތަކުގެ ހަގީގީ ލަނޑުދަނޑިއަކީ، ވެރިކަން ކުރާ ބާރަތިޔާ ޖަނާތާ ޕާޓީގެ ވަތަނީ އެޖެންޑާގެ ދަށުން، ހިންދޫން ދިރިއުޅޭ ސަރަހައްދުތަކުން މުސްލިމުން ފައްސައި ބޭރުކުރުމަށް ކަނޑައަޅާފައިވާ ސިޔާސަތުގައިވާ ގޮތުގެ މަތިން ހިންގި އަމަލުތަކެކެވެ.