Roadha Mihaaru
ހަރިޔާނާގައި މުސްލިމުންނާ ދެކޮޅު އަމަލުތައް އިތުރުވަނީ

އިންޑިއާގެ ހަރިޔާނާގައި މުސްލިމުންނާ ދެކޮޅު އަމަލުތައް އިތުރުވަނީ

13 އޯގަސްޓް 2023

ހަރިޔާނާ (އޯގަސްޓް 14) - އިންޑިއާގެ ހަރިޔާނާ ސްޓޭޓްގައި މުސްލިމުންނާ ދެކޮޅަށް ހިންދޫން ހިންގާ ހަރުކަށި އަމަލުތަކާއި ޖެއްސުން ކުރުމުގެ އަމަލުތައް އިތުރުވެ، މުސްލިމުންނަށް އިގްތިސާދީ ގޮތުން ދަތި ކުރުމަށް އެ ސްޓޭޓްގެ ހިންދޫން ގޮވައިލަން ފަށައިފި އެވެ.

ހަރިޔާނާ (އޯގަސްޓް 14) - އިންޑިއާގެ ހަރިޔާނާ ސްޓޭޓްގައި މުސްލިމުންނާ ދެކޮޅަށް ހިންދޫން ހިންގާ ހަރުކަށި އަމަލުތަކާއި ޖެއްސުން ކުރުމުގެ އަމަލުތައް އިތުރުވެ، މުސްލިމުންނަށް އިގްތިސާދީ ގޮތުން ދަތި ކުރުމަށް އެ ސްޓޭޓްގެ ހިންދޫން ގޮވައިލަން ފަށައިފި އެވެ.

އެ ގޮތުން އެގައުމުގެ ދުރު-ކަނާތު ފިޔައިގެ ޖަމިއްޔާތަކުން މިހާރު ގޮވާލަމުން ދަނީ، މުސްލިމުންގެ ވިޔަފާރިތައް ބޮއިކޮޓްކުރުމަށާއި އަވަށްތަކުން މުސްލިމުން ބޭރު ކުރުމަށެވެ. މިއީ ހުސްވި ޖުލައި 31 ވަނަ ދުވަހު ހަރްޔާނާ ސްޓޭޓްގައި ހިންދޫންނާއި މުސްލިމުންނާ ދެމެދު ކުރިމަތިލުންތަކެއް ހިނގި ފަހުން، މުސްލިމުންނަށް ދަތިކުރުމުގެ ގޮތުން މިހާތަނަށް އިއުލާން ކުރި އެންމެ ހަރުކަށި ފިޔަވަޅުތަކެވެ.

ހަރްޔާނާ ސްޓޭޓްގައި ހަމަނުޖެހުން އުފެދުނީ، ހިންދޫންގެ ޖަމިއްޔާއެއް ކަމަށްވާ ވިޝްވާ ހިންދޫ ޕަރިޝާދް އިން އިންތިޒާމުކޮށްގެން ޖުލައި 31 ވަނަ ދުވަހު ބޭއްވި ދީނީ ހިނގާލުމެއްގެ ތެރެއަށް ބަޔަކު ހަމަލާދީ ހަމަނުޖެހުން ހިންގުމާ ގުޅިގެންނެވެ. އެ ހަމަނުޖެހުންތަކުގައި ހަ މީހަކު މަރުވެ އިތުރު އެތައް ބަޔަކު ޒަޚަމްވި އެވެ.

ޖެހިގެން އައި ދުވަހު އެ ސްޓޭޓްގެ އެހެން އަވަށްތަކުގައި ވެސް މުސްލިމުންނާއި ހިންދޫންނާ ދެމެދު ކުރިމަތިލުން ހިންގަން ފެށި އެވެ. އެ ގޮތުން ގުރުގްރަމް އަވަށުގައި ހުރި މިސްކިތެއްގައި ހުޅު ޖަހައި އެ މިސްކިތުގެ ބަދަލު އިމާމަށް ހަމަލާ ދީ މަރައިލި އެވެ.

މި ހަމަނުޖެހުންތައް މައިތިރި ކުރުމުގެ ގޮތުން ހަރްޔާނާ ސްޓޭޓްގެ ފުލުހުން ވަނީ 312 މީހަކު ހައްޔަރުކޮށްފަ އެވެ. އެ ހަމަނުޖެހުންތަކާ ވިދިގެން، ހިންދޫންގެ ގުރޫޕުތަކުން ވަނީ މުސްލިމުންނާ ދެކޮޅަށް އަޑު އުފުލައި މުޒާހަރާ އަށް ނުކުތުމަށް ގޮވާލައިފަ އެވެ.

އެ ގޮތުން، މި މަހުގެ 2 ވަނަ ދުވަހު ހަންސީ ސަހަރުގައި ހިންދޫންގެ ހަރުކަށި ޖަމާއަތަކުން ބޭއްވި އެއްވުމެއްގައި ވަނީ، ހިންދޫންގެ އެއްވެސް ވިޔަފާރިއެއްގައި މުސްލިމަކު ވަޒީފާ އަދާކުރާ ނަމަ، އެ މުސްލިމަކު ވަޒީފާ އިން ވަކި ކުރުމަށް އެންމެ ފަހުގެ އިންޒާރު ދީފަ އެވެ. އަދި މުސްލިމުން ވަޒީފާ އަދާކުރާ ފިހާރަތަކާއި ހޮޓާތަކުން އެއްވެސް ހިންދޫއަކު ޚިދުމަތް ނުހޯދުމަށް ވެސް ވަނީ ގޮވާލައިފަ އެވެ.

"މި ސަރަހައްދުގައި އެއްވެސް ވިޔަފާރިއެއް ހިންގޭނީ ނުވަތަ ވިޔަފާރިއެއްގައި މަސައްކަތް ކުރެވޭނީ ހަމައެކަނި ހިންދޫންނަށް. މިއަދުން ފެށިގެން ދެ ދުވަސް ފަހުން އެއްވެސް މުސްލިމަކު މި ސަރަހައްދުގައި އެއްވެސް އެއްޗެއް ވިއްކަން އުޅެނިކޮށް ފެނިއްޖެ ނަމަ، އެމީހަކަށް ދެން ކުރިމަތިވާ ކަމަކާ ޒިންމާވާނީ އެމީހަކު،" ހިންދޫންގެ ހަރުކަށި ޖަމާއަތެއް ކަމަށްވާ ބަޖްރަންގް ދާލްގެ މެމްބަރެއް ކަމަށްވާ ކްރިޝްނާ ގުރްޖާރް، އެއްވުމެއްގައި މުސްލިމުންނަށް އިންޒާރުދެމުން ބުންޏެވެ.