Roadha Mihaaru
އިންޑިއާގައި މުސްލިމުންގެ ގެތައް ތަޅަނީ ކީއްވެ؟

އިންޑިއާގެ ސްޓޭޓެއްގައި މުސްލިމުންގެ ގެތައް ސުންނާފަތި ކުރަނީ ކީއްވެ؟

17 އެޕްރީލް 2022

މަދްޔަ ޕްރަދޭޝް (އެޕްރީލް 17) - އުމުރުން 72 އަހަރުގެ ޝައިޚް މުހައްމަދު ރާފިގަކީ އިންޑިއާގެ މަދްޔަ ޕްރަދޭޝްގައި ދިރިއުޅޭ މުސްލިމެކެވެ. ލުއި ބުއިންތައް ވިއްކާ ރާފިގުގެ އާއިލާ އަށް ރޯދަ މަހު މަސައްކަތް ބުރަ އެވެ. އެ މީހުންގެ ވިޔަފާރި ނިންމާލަނީ ރޭގަނޑުގެ ލަސްގަޑިތަކުގަ އެވެ.

ހަސަން އާމިރު ހަސަން އާމިރު

މަދްޔަ ޕްރަދޭޝް (އެޕްރީލް 17) - އުމުރުން 72 އަހަރުގެ ޝައިޚް މުހައްމަދު ރާފިގަކީ އިންޑިއާގެ މަދްޔަ ޕްރަދޭޝްގައި ދިރިއުޅޭ މުސްލިމެކެވެ. ލުއި ބުއިންތައް ވިއްކާ ރާފިގުގެ އާއިލާ އަށް ރޯދަ މަހު މަސައްކަތް ބުރަ އެވެ. އެ މީހުންގެ ވިޔަފާރި ނިންމާލަނީ ރޭގަނޑުގެ ލަސްގަޑިތަކުގަ އެވެ.

މިދިޔަ ހޯމަ ދުވަހު ހެނދުނު ފުލުހުން އެ ގޭދޮށަށް ދިޔައިރު އެ އާއިލާގެ މީހުން ތިބީ ނިދައިފަ އެވެ.

"އެކަމަކު ބާރު އަޑުފައްގަނޑެއް އިވުމާ އެކު އަހަރެމެންނަށް އެނގިއްޖެ ކޮންމެވެސް މީހަކު ބޭރު ގޭޓް ހަލާކުކޮށްލީކަން،" ރާފިގު ބުންޏެވެ.

ގޭގެ ބޭރަށް ނުކުތް އިރު، ކަރްގޯން ސިޓީގައި މުސްލިމުން ދިރިއުޅޭ ސަރަހައްދެއްގައި ހުރި އެ ގެ ވަށާލާފައި ވަނީ ބުލްޑޯޒަރުތަކުންނެވެ. އެ މީހުންނަށް ކުރެވޭނެ ކަމެއް ނެތެވެ. މުޅި ގެ ތަޅާ ސުންނާފަތި ކޮށްލައިފި އެވެ.

މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން މަދްޔަ ޕްރަދޭޝްގައި ހިނގަން ފެށި ހަމަނުޖެހުންތަކުގައި މުސްލިމުންގެ އެތައް ގެއަކާއި ފިހާރަތަކެއް ތަޅާލައިފި އެވެ. އެ ހަމަނުޖެހުންތައް ހިންގަން ފެށީ ހިންދޫ ފެސްޓިވަލެއް ކަމަށްވާ ރާމް ނަވާމީ ބޭއްވި ދުވަހު އެވެ.

މަދްޔަ ޕްރަދޭޝްގައި މުސްލިމުންގެ ގެތައް ތަޅާ މަންޒަރުގެ ފޮޓޯތައް ސޯޝަލް މީޑިއާގައި އާއްމުވުމާ އެކު އެތައް ބައެއްގެ ފާޑުކިޔުންތައް އަމާޒުވި އެވެ. އެއް ބަޔަކު ބުނާ ގޮތުގައި މިއީ އިންޑިއާގެ 200 މިލިއަން މުސްލިމުން އެކަހެރި ކުރުމަށް ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ހިންދޫ ނޭޝަނަލިސްޓް ސަރުކާރުން ކުރާ ކަމެކެވެ. މަދްޔަ ޕްރަދޭޝްގެ ވެރިކަމުގައި ވެސް އޮތީ ވެރިކަންކުރާ ބީޖޭޕީގެ ސަރުކާރެކެވެ.

މަދްޔަ ޕްރަދޭޝްގައި މުސްލިމުންގެ ގެތައް ތަޅަނީ. --ފޮޓޯ: މަދްޔަ ޕްރަދޭޝް ޕޮލިސް

މަދްޔަ ޕްރަދޭޝްގައި މުސްލިމުންގެ ގެތައް ތަޅަނީ. --ފޮޓޯ: މަދްޔަ ޕްރަދޭޝް ޕޮލިސް

މަދްޔަ ޕްރަދޭޝްގެ ވަކީލަކު ބުނީ މުސްލިމުގެ ގެތައް ތަޅައި ސުންނާފަތި ކުރަނީ އެއްވެސް ހަމައަކުން ނޫން ކަމަށެވެ. އަދި އެއީ ވަރަށް ނުރައްކާ ކަމެއް ކަމަށް އޭނާ ބުންޏެވެ.

ހަމަނުޖެހުންތައް ފެށުނީ މުސްލިމުންގެ އަވަށްތަކާއި މިސްކިތްތަކެއް ހުރަސްކޮށް ހިންދޫންގެ ހިނގާލުމެއް ބޭއްވުމުގެ ތެރޭގަ އެވެ. އަޣުލަބިއްޔަތު ނެތް ކޮމިއުނިޓީތަކާ ދެކޮޅަށް ހަމަނުޖެހުން ހިންގަން އެ ހިނގާލުމުގައި ގޮވާލާފައިވާ ކަމަށް ބުނެ މުސްލިމުންނާއި ހިންދޫންނާ ދެމެދު ކުރިމަތިލުންތައް ހިންގާފައިވެ އެވެ. ގިނަ މުސްލިމުން ތުހުމަތު ކުރަނީ ހިންދޫން ހަމަނުޖެހުން ހިންގަން ފުލުހުން ފުރުސަތު ދީފައިވާ ކަމަށެވެ.

ޝަހުބާޒް ޚާން، 28، ބުނި ގޮތުގައި ގޭގައި ހުރި އެއްޗެއް ނެރެން ވަގުތު ކޮޅެއް ދޭން ފުލުހުންގެ ކައިރީ އާދޭސްކުރި ނަމަވެސް އެ އަޑު ނޭހި ކަމަށެވެ. ގެ ތަޅައި ސުންނާފަތި ކޮށްލީ އެވެ. އޭނާ މިހާރު ހިޔާވަހިކަން ހޯދާފައި ވަނީ މިސްކިތަކުންނެވެ. އޭނާ ބުނި ގޮތުގައި ޕޮލިސް ސްޓޭޝަނަށް ދިޔަ ނަމަވެސް އެ މީހުން އަނބުރާ ފޮނުވާލަނީ އެވެ.

އެއް ބަޔަކު ބުނާ ގޮތުގައި، ތަޅައި ސުންނާފަތިކޮށްލާފައި ވަނީ ހަމަނުޖެހުމުގައި ހިންދޫންނަށް ގާ އުކި މީހުންގެ ގެތަކެވެ. އަނެއް ބަޔަކު ބުނަނީ ތަޅާލީ ގަވާއިދާޚިލާފަށް އިމާރާތްކޮށްފައި ހުރި ގެތަކެއް ކަމަށެވެ. ވަކީލުން ބުނަނީ ގަވާއިދާޚިލާފަށް އިމާރާތްކޮށްފައި ހުރި ނަމަވެސް އެންމެ ފުރަތަމަ ކަމަކަށް ގެތައް ތަޅާނުލެވޭނެ ކަމަށެވެ. ފުރަތަމަ ދޭން ޖެހޭނީ ނޯޓިސް އެވެ. އޭގެ ފަހުން ޖޫރިމަނާއެކެވެ.