Roadha Mihaaru
މުސްލިމުން މަރަން ގޮވި ހިންދީ ލީޑަރު ހައްޔަރުކޮށްފި

މުސްލިމުން މަރަން ގޮވި ހިންދީ ލީޑަރު ހައްޔަރުކޮށްފި

16 ޖެނުއަރީ 2022

މުސްލިމުން މަރައި ހުސްކުރަން ގޮވާލައި، މުސްލިމުންނާ މެދު އާންމުންގެ ހިތްތަކުގައި ނަފްރަތު އުފެދޭ ވާހަކަތައް ދެއްކެވި ހިންދީންގެ ހަރުކަށި ދީނީ ލީޑަރު ޔާޓީ ނަރްސިންގަނަންދު އިއްޔެ ހައްޔަރުކޮށްފައިވާ ކަމަށް އިންޑިއާ ފުލުހުން ބުނެފި އެވެ.

މުސްލިމުން މަރައި ހުސްކުރަން ގޮވާލައި، މުސްލިމުންނާ މެދު އާންމުންގެ ހިތްތަކުގައި ނަފްރަތު އުފެދޭ ވާހަކަތައް ދެއްކެވި ހިންދީންގެ ހަރުކަށި ދީނީ ލީޑަރު ޔާޓީ ނަރްސިންގަނަންދު އިއްޔެ ހައްޔަރުކޮށްފައިވާ ކަމަށް އިންޑިއާ ފުލުހުން ބުނެފި އެވެ.

މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި އުއްތަރަކަންދު ސްޓޭޓްގެ ހަރިދުވާރު އަވަށުގައި ބޭއްވި ދީނީ އެއްވުމުގައި ވާހަކަ ދެއްކި ބައެއް މީހުން ވަނީ، އިންޑިއާގައި ދިރިއުޅޭ މުސްލިމުން މަރައި ހުސްކުރަން ނުކުތުމަށް ހިންދީންނަށް ގޮވާލައިފަ އެވެ. އެ ބައްދަލުވުމުގައި ދެއްކި ވާހަކަތަކާ ގުޅިގެން، މިހާތަނަށް ދެ މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.

މުސްލިމުންނާ މެދު ނަފްރަތު އުފެދޭ ވާހަކަތައް ދެއްކި މައްސަލައިގައި، ފުރަތަމަ ހައްޔަރުކުރީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ހިންދީ ދީނަށް ބަދަލުވި، ކުރީގެ ޝީއީ މުސްލިމެއްގެ ގޮތުގައި ހުރި ވަސީމް ރިޒްވީ (މިހާރުގެ ނަން؛ ޖީތެންދުރަ ނަރަޔަން ސިންގް ޓިޔާގީ) އެވެ.

ހިންދީންގެ ހަރުކަށި ދީނީ ލީޑަރު ޔާޓީ އާއި ޖީތެންދުރަ ހައްޔަރުކުރީ، މުސްލިމުންނާ މެދު ނަފްރަތު އުފެދޭ ވާހަކަތައް ދެއްކި މައްސަލަ ބަލައި ތަހުގީގުކުރުމަށް، އިންޑިއާގެ ސުޕްރީމް ކޯޓުން، އުއްތަރަކަންދު ސްޓޭޓްގެ ސަރުކާރުގެ މައްޗަށް މި މަހުގެ 12 ވަނަ ދުވަހު އަމުރެއް ނެރުމާ ގުޅިގެންނެވެ.

މުސްލިމުންނާ ދެކޮޅަށް ގަތުލުއާންމު ހިންގުމަށާއި މުސްލިންނާ ދެކޮޅަށް ހަތިޔާރުގެ ބޭނުންކުރުމަށް ގޮވައިލި މައްސަލައާ ގުޅިގެން، 10 މީހަކާ ދެކޮޅަށް ވަނީ ފުލުހުންނަށް މައްސަލަ ހުށަހަޅައިފަ އެވެ. އޭގެ ތެރެއިން މިހާތަނަށް ހައްޔަރުކުރީ ހަރުކަށި ދީނީ ލީޑަރު ޔާޓީ އާއި ޖީތެންދުރަ އެވެ. އޭގެ އިތުރުން ހިންދީންގެ ދީނީ ލީޑަރެއް ކަމަށްވާ ސާދުވީ އަންނަޕުރްނާ ވަނީ ފުލުހުންގެ އިދާރާ އަށް ހާޒިރުކޮށް ސުވާލު ކޮށްފަ އެވެ.

ހަރިދުވާރު އަވަށުގައި މިދިޔަ ޑިސެމްބަރު 17-20 ބޭއްވި ހިންދީންގެ ދީނީ އެއްވުމުގައި، މުސްލިމުންނާ މެދު ނަފްރަތު އުފެދޭ ގޮތަށް، ހިންދީ ދީނުގެ ލީޑަރުން ވާހަކަތައް ދެއްކުމާ ގުޅިގެން، އެ ގައުމުގެ ގިނަ ބަޔަކު ދަނީ އެ މައްސަލަ ބަލައި ތަހުގީގުކޮށް، އެ ވާހަކަތައް ދެއްކި މީހުން ޝަރީއަތަށް ހުށަހެޅުމަށް ގޮވައިލަމުންނެވެ.

އެ މައްސަލަ ތަހުގީގުކުރުމަށް ގޮވައިލާ މީހުންގެ ތެރޭގައި، އިންޑިއާގެ އަސްކަރިއްޔާގެ ކުރީގެ ބައެއް އިސް އޮފިސަރުންނާއި، ރިޓަޔާކޮށްފައިވާ ފަނޑިޔާރުންނާއި ދީނީ މިނިވަންކަމަށާއި އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ޖަމިއްޔާ ޖަމާއަތްތަކާއި، ބައެއް ގާނޫނީ ވަކީލުން ވެސް ހިމެނެ އެވެ.

އާންމުންގެ ފަރާތުން ފިއްތުންތައް ކުރިމަތިވެ ފާޑުކިޔުންތައް ކުރިމަތިވި ނަމަވެސް، އެ ވާހަކަތައް އާންމުވިތާ މަސްދުވަސް ވެގެން ދިޔައިރު ވެސް، ސުޕްރީމް ކޯޓުން އަމުރެއް ނެރުމާ ހަމައަށް އުއްތަރަކަންދު ސްޓޭޓްގެ ސަރުކާރުން އެ ކަމާ މެދު އެއްވެސް ފިޔަވަޅެއް ނާޅަ އެވެ.

އެ ވާހަކަތައް ދެއްކި ހިންދީ ލީޑަރުން ބުނަމުން ދަނީ އެ މީހުން ގޯސް ވާހަކައެއް ނުދައްކާ ކަމަށާއި، ފުލުހުން އައިސް ހައްޔަރުކޮށްފާނެތީ ވެސް ބިރު ނުގަންނަ ކަމަށެވެ. އަދި މުސްލިމުންނާ ދެކޮޅަށް ދެއްކި ވާހަކަތައް އަނބުރާ ނުގެންދާނެ ކަމަށް ވެސް އެ މީހުން ބުނެ އެވެ.