Roadha Mihaaru
މިލާން ބަލިކޮށް އިންޓައިން ސުޕަ ކަޕް ކާމިޔާބުކޮށްފި

ވާދަވެރި މިލާން ބަލިކޮށް އިންޓަ އިން އިޓާލިއަން ސުޕަ ކަޕް ކާމިޔާބުކޮށްފި

19 ޖެނުއަރީ 2023

ރިޔާދު (ޖެނުއަރީ 19) - ވާދަވެރި އޭސީ މިލާން 3-0 އިން ބަލިކޮށް އިންޓަ މިލާނުން މި އަހަރުގެ އިޓާލިއަން ސުޕަ ކަޕް ކާމިޔާބު ކޮށްފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ރިޔާދު (ޖެނުއަރީ 19) - ވާދަވެރި އޭސީ މިލާން 3-0 އިން ބަލިކޮށް އިންޓަ މިލާނުން މި އަހަރުގެ އިޓާލިއަން ސުޕަ ކަޕް ކާމިޔާބު ކޮށްފި އެވެ.

ސައުދީ އަރަބިއްޔާގެ ކިންގް ފަހަދު އިންޓަނޭޝަނަލް ސްޓޭޑިއަމް ގައި ކުޅުނު މެޗްގެ ފުރަތަމަ ހާފުގައި އިންޓަ އިން ދެ ގޯލު ޖެހި އެވެ. އެންމެ ފުރަތަމަ ލަނޑު 10 ވަނަ މިނިޓުގައި ފެޑެރީކޯ ޑިމާކޯ ޖަހައިދިން އިރު، 21 ވަނަ މިނިޓުގައި ދެ ވަނަ ގޯލު ޖަހައިދިނީ އެޑިން ޒެކޯ އެވެ. އަދި ފަހު ލަނޑު 77 ވަނަ މިނިޓުގައި ޖަހައިދިނީ ލައުޓާރޯ މާޓިނޭޒް އެވެ.

"ހުރިހާ ކުޅުންތެރިން ވެސް ވަރަށް މޮޅަށް ކުޅުނު މެޗުގައި. އަހަރެމެން ސީޒަން ގައި ފުރަތަމަ ޓާގެޓަކަށް ވީ ޗެމްޕިއަންސް ލީގު ނޮކްއައުޓް ބުރުން ޖާގަ ހޯދުން، ދެން މި ޓްރޮފީ. ޓާގެޓްތައް ހާސިލްވާތަން ފެނުމުން ވަރަށް އުފާވޭ،" އިންޓަ ގެ ކޯޗު ސިމިއޯނީ އިންޒާގީ ބުންޏެވެ.

އިންޓަ އިން ލީޑު ނެގުމާ އެކު މިލާނަށް ނަތީޖާ އެއްވަރު ކުރަން ވެސް ފުރުސަތު ލިބުނެވެ. ނަމަވެސް ރަފައެލް ލެއާއޯ ފޮނުވާލި ހަމަލާ ދިފާއު ކުރީ ކީޕަރު އަންޑްރޭ އޮނާނާ އެވެ. ދެ ވަނަ ހާފުގައި ލެއާއޯ އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ހަމަލާ ދިޔައީ ގޯލު މަތިން ބޭރަށެވެ.

މެޗުގެ އިތުރު ވަގުތުގައި މިލާނަށް ސުން ކަނޑުވާލަން އަންޓޭ ރެބިޗް ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.

"އަހަރެން އުންމީދު ކުރި ގޮތެއް ނޫން މިއީ. ޓީމުގެ ކުޅުންތެރިންގެ ފެންވަރު އަހަރެންނަށް އެނގޭ. މިއަށް ވުރެ ރަނގަޅު ކުޅުމެއް ފެންނާނެ ކަމަށް އަހަރެން އުއްމީދު ކުރީ،" މިދިޔަ ސީޒަންގައި މިލާނަށް އިޓާލިއަން ލީގު ކާމިޔާބު ކޮށްދިން ކޯޗު ސްޓެފާނޯ ޕޯލީ ބުންޏެވެ.

މިއީ އިންޓަ އިން ވާދަވެރި ފައިނަލެއްގައި މިލާން ބަލިކުރި ފުރަތަމަ ފަހަރެވެ. މީގެ ކުރިން 1977 ވަނަ އަހަރުގެ އިޓާލިއަން ކަޕާއި 2011 ވަނަ އަހަރުގެ ސުޕަ ކަޕް ގައި މިލާނުން ވަނީ އިންޓަ ބަލި ކޮށްފަ އެވެ.

އިންޓަ ގެ މި މޮޅާ އެކު އެ ޓީމުން ވަނީ މިލާނާ އެއްވަރަށް ހަތް ފަހަރު އިޓާލިއަން ސުޕަ ކަޕް ތަށި އުފުލާލައިފަ އެވެ.