Roadha Mihaaru
މިލާން ބަލިކޮށް އިންޓަ ފައިނަލުގެ ފުރުސަތު ބޮޑުކޮށްފި

ޗެމްޕިއަންސް ލީގުގައި ފުރަތަމަ ފަހަރަށް މިލާން ބަލިކޮށް އިންޓަ ފައިނަލުގެ ފުރުސަތު ބޮޑުކޮށްފި

11 މެއި 2023

މިލާން (މެއި 11) - ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގްގައި ރޭ ވާދަވެރި އޭސީ މިލާން 2-0 އިން ބަލިކޮށް އިންޓަ މިލާން ފައިނަލުގެ ޖާގައަކާ ގާތަށް ޖެހިލައިފި އެވެ.

މިލާން (މެއި 11) - ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގްގައި ރޭ ވާދަވެރި އޭސީ މިލާން 2-0 އިން ބަލިކޮށް އިންޓަ މިލާން ފައިނަލުގެ ޖާގައަކާ ގާތަށް ޖެހިލައިފި އެވެ.

އިޓަލީގެ މިލާން ސިޓީ އަށް ނިސްބަތްވާ މި ދެޓީމުގެ މެޗު ސެން ސީރޯ ސްޓޭޑިއަމްގައި ރޭ ކުޅުނީ މިލާންގެ ހޯމް މެޗުގެ ގޮތުގަ އެވެ. ހަމަ އެ ސްޓޭޑިއަމްގައި ދެ ވަނަ ލެގްގެ މެޗު އޮންނާނީ އަންނަ އަންގާރަ ދުވަހު އެވެ. އެއީ އިންޓަ މިލާންގެ ހޯމް މެޗެވެ. ރޭގެ މެޗު ބެލުމަށް 80،000 ސަޕޯޓަރުން ދަނޑަށް ވަދެފައި ވެއެވެ.

މިއީ ޔޫރަޕްގެ މުބާރާތެއްގައި އިންޓަ މިލާނުން އޭސީ މިލާންގެ މައްޗަށް ކުރި ހޯދި ފުރަތަމަ ފަހަރެވެ. މީގެ ކުރިން 2002/2003 ޗެމްޕިއަންސް ލީގު ސެމީ ފައިނަލްގައި ކުޅުނު ދެ ލެގު ވެސް އެއްވަރުވެގެން އަވޭ ގޯލު އުސޫލުން ކުރި ހޯދީ އޭސީ މިލާނެވެ. އަދި 2004/2005 ގެ ޗެމްޕިއަންސް ލީގު ކުއާޓާ ފައިނަލްގެ ދެ ލެގު ވެސް އޭސީ މިލާނުން ކާމިޔާބު ކުރި އެވެ.

މެޗަށް ނުކުތްއިރު މިލާނަށް ކުރިމަތިވި މައްސަލައަކީ އަނިޔާގެ ސަބަބުން ފޯވާޑް ރަފައެލް ލިއާއޯ އަށް ނުކުޅެވުނެވެ. އިންޓަ އިން މެޗު ފެށީ ރޮމެލޫ ލުކާކޫގެ ބަދަލުގައި 37 އަހަރުގެ އެޑިން ޒެކޯ ފުރަތަމަ އެގާރައިގައި ހިމަނައިގެންނެވެ. މެޗު ފަށައިގެން އަށް ވަނަ މިނެޓުގައި ޒެކޯ ވަނީ އިންޓަ އަށް ލީޑު ނަގައިދީފަ އެވެ. އޭގެ ތިން މިނެޓު ފަހުން އިންޓަ އިން ވަނީ ހެންރިކް މިކިތާރްޔަންގެ ގޯލުން ލީޑު ފުޅާކޮށްފަ އެވެ.

ދެ ގޯލު ފަހަތުގައި އޮތުމުން މިލާނުން ދެ ވަނަ ހާފުގައި ވަނީ ކުޅުން ރަނގަޅުކޮށްފަ އެވެ. އެކަމަކު މުޅި މެޗުގައި ވެސް އިންޓަގެ ގޯލާ އަމާޒުކޮށް އެޓީމަށް ފުރަތަމަ ހަމަލާ ފޮނުވާލެވުނީ 81 ވަނަ މިނެޓުގަ އެވެ. އެ ހާފުގައި މިލާންގެ ސަންޑްރޯ ޓޮނާލީ ފޮނުވާލި ހަމަލާއެއް ގޯލުގެ ދަނޑީގައި ޖެހުނުއިރު، ޖޫނިއާ މެސިއަސް ފޮނުވާލި ހަމަލާ އިންޓަގެ ކުޅުންތެރިއެއްގެ ގައިގައި ޖެހިފައި މިސްރާބު ބަދަލުވީ އެވެ.

ދެ ވަނަ ހާފުގައި އިންޓަގެ ލައުޓާރޯ މާޓިނޭޒަށް ފައުލްކުރި ކަމަށް ބަލައި ރެފްރީ ޕެނަލްޓީއެއް ދިނެވެ. އެކަމަކު ވީޑިއޯ ރީޕްލޭ ބެލުމަށް ފަހު މާޓިނޭޒް ޑައިވްކުރީ ކަމަށް ބަލައި ރެފްރީ ނިންމުން ބަދަލުކުރި އެވެ.

އިންޓަ މިލާން ފައިނަލުގެ ފުރުސަތު ބޮޑުކުރިއިރު އެޓީމު އެންމެ ފަހުން ޗެމްޕިއަންސް ލީގު ފައިނަލުގައި ވާދަކުރީ މީގެ 13 އަހަރު ކުރިންނެވެ. ހޯޒޭ މޮރީނިއޯގެ ކޯޗުކަމުގައި 2010 ވަނަ އަހަރު ފައިނަލަށް ދަތުރުކޮށް އިންޓަ އިން ތިން ވަނަ ފަހަރަށް ޗެމްޕިއަންސް ލީގު ކާމިޔާބުކުރި އެވެ.

މި ސީޒަނުގެ ޗެމްޕިއަންސް ލީގު ސެމީ އަށް މިލާން ކުރި ދަތުރުގައި ވަނީ ޓޮޓެންހަމް ހޮޓްސްޕާ އާއި އިޓަލީގެ ޗެމްޕިއަން ނަޕޯލީ ބަލިކޮށްފަ އެވެ. އިންޓަ އަތުން ބަލިވުމާ އެކު 2007 ވަނަ އަހަރުގެ ފަހުން ފައިނަލުގެ ޖާގައެއް ހޯދުމަށް މިލާން ކުރަންޖެހޭ މަސައްކަތް ވަނީ އިތުރުވެފަ އެވެ.