Roadha Mihaaru
ސެމީގައި މިލާން ޑާބީ، ދެ ލެގު ވެސް އެއް ދަނޑެއްގައި

ޗެމްޕިއަންސް ލީގު ސެމީގައި މިލާން ޑާބީ، ދެ ލެގު ވެސް އެއް ދަނޑެއްގައި

09 މެއި 2023

މިލާން (މެއި 9) - މިލާނުގެ އެންމެ ވާދަވެރި ދެ ޓީމު ކަމަށްވާ އޭސީ މިލާނާއި އިންޓަ މިލާން، ސެން ސީރޯ ސްޓޭޑިއަމްގައި ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލް ކުޅެން ތައްޔާރު ވެއްޖެ އެވެ.

މިލާން (މެއި 9) - މިލާނުގެ އެންމެ ވާދަވެރި ދެ ޓީމު ކަމަށްވާ އޭސީ މިލާނާއި އިންޓަ މިލާން، ސެން ސީރޯ ސްޓޭޑިއަމްގައި ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލް ކުޅެން ތައްޔާރު ވެއްޖެ އެވެ.

ސެމީގެ ދެ ލެގު ވެސް ކުޅޭނީ ސެން ސީރޯ ސްޓޭޑިއަމްގަ އެވެ. ފުރަތަމަ ލެގު މެޗު ހޯސްޓު ކުރާނީ މިލާނެވެ. މިލާނަކީ ހަތް ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފައިވާ ޓީމެކެވެ. އިންޓަ ވަނީ ތިން ފަހަރު މުބާރާތް ކާމިޔާބު ކޮށްފަ އެވެ. ޑޮމެސްޓިކް ފުޓްބޯޅައިގައި އިޓަލީގެ އެންމެ ވާދަވެރިކަން ބޮޑު ދެ ޓީމަކީ މިލާނާއި އިންޓަ އެވެ.

އިޓާލިއަން ލީގުގެ ޗެމްޕިއަންކަން މިދިޔަ ސީޒަންގައި މިލާން ހޯދީ 11 އަހަރަށް ފަހު އެވެ. މި ސީޒަންގެ ލީގު ތާވަލްގައި އެޓީމު އަދި އޮތީ ފަސްވަނައިގަ އެވެ. އިންޓަ އޮތީ ދެ ޕޮއިންޓުގެ ލީޑަކާއެކު ހަތަރުވަނައިގަ އެވެ. ދެ ޓީމުން ވެސް އަންނަނީ އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގުން ޖާގަ ހޯދަން ވެސް އުނދަގޫ ދަތުރެއް ކުރަމުންނެވެ.

ޗެމްޕިއަންސް ލީގުގައި މި ދެޓީމް ވަނީ މީގެ ކުރިން ޗެމްިއަންސް ލީގުގައި ހަތަރު ފަހަރު ވާދަ ކޮށްފަ އެވެ. އެންމެ ފުރަތަމަ 2003 ވަނަ އަހަރު ވާދަ ކުރީ ވެސް ސެމީ ފައިނަލްގަ އެވެ. އެ ފަހަރު އެގްރިގޭޓް 1-1 އިން އެއްވަރުވެ، އަވޭ ގޯލު އުސޫލުން ކުރި ލިބުނީ މިލާނަށެވެ. އަދި 2005 ގައި މިލާނުން ވަނީ 5-0 ގެ އެގްރިގޭޓް ނަތީޖާއަކުން ކުއާޓާ ފައިނަލް ކާމިޔާބު ކޮށްފަ އެވެ.

މިލާނުގެ ކޯޗު ސްޓެފަނޯ ޕޯލީ ބުނީ ސެމީގެ ޕްރެޝަރަށް ވުރެ ބޮޑަށް މުބާރާތުގައި މިލާނުން ހޯދާފައިވާ ކާމިޔާބީތަކުން ޓީމަށް ލިބެނީ އިތުރު ހިތްވަރެއް ކަމަށެވެ.

"ކުލަބުގެ ތާރީހުން އަހަރެމެންނަށް އިތުރު ހިތްވަރަކާއި ޔަގީންކަމެއް ލިބެނީ. މިއީ ކްލަބުގެ ޑީއެންއޭގައި ހިމެނޭ ކަމެއް، މިފަދަ ޖަޒުބާތީ ދަނޑިވަޅުތަކަކީ ކްލަބަށް އާ ކަމެއް ނޫން. މި ކްލަބަށް އެނގޭނެ ލީޑު ކުރަން،" މިދިޔަ ސީޒަނުގައި މިލާނަށް ލީގު ކާމިޔާބު ކޮށްދިން ކޯޗު ބުންޏެވެ.

"މިދިޔަ އަހަރު ލީގު ނެގި ޓީމަކީ ތާރީހުގައި ވެސް ލީގު ނެގި އެންމެ ޒުވާން ޓީމު. ކުލަބެއްގެ ވިއްޔާ ޕްރޮޖެކްޓެއް އޮންނަން ވާނެ. އަހަރެމެންގެ ޕްރޮޖެކްތް ވަރަށް ސާފު. އެއީ ޒުވާން ހުނަރުވެރި ކުޅުންތެރިންނަށް އިންވެސްޓު ކޮށްގެން އެކުދިންނާއެކު ކުރިއަށް ދިޔުން."

އޭސީ މިލާނާއި އިންޓަ މިލާން ބައްދަލުކުރާ ސެމީ ފައިނަލްގެ ފުރަތަމަ ލެގު ފަށާނީ ރާއްޖެ ގަޑިން މާދަމާރޭ 12 ޖަހާ އިރު އެވެ.