05 ޖެނުއަރީ 2025
ސައޫދީ އަރަބިއްޔާގައި މިހާރު ކުރިއަށްދާ އިޓާލިއަން ސުޕަ ކަޕުގެ ފައިނަލުގައި މާދަމާރޭ ފެންނާނީ އެ ގައުމުގެ އެންމެ ވާދަވެރި ދެ ޓީމު ކަމަށްވާ އިންޓަ މިލާނާއި އޭސީ މިލާނުގެ ކުރިމަތިލުމެކެވެ.
ސައޫދީ އަރަބިއްޔާގައި މިހާރު ކުރިއަށްދާ އިޓާލިއަން ސުޕަ ކަޕުގެ ފައިނަލުގައި މާދަމާރޭ ފެންނާނީ އެ ގައުމުގެ އެންމެ ވާދަވެރި ދެ ޓީމު ކަމަށްވާ އިންޓަ މިލާނާއި އޭސީ މިލާނުގެ ކުރިމަތިލުމެކެވެ.
މުބާރާތުގެ ފައިނަލުން އިންޓަ ޖާގަ ހޯދީ ބުރާސްފަތި ދުވަހުގެރޭ ކުޅުނު ފުރަތަމަ ސެމީ ފައިނަލް މެޗުން އެޓަލާންޓާ އަތުން 2-0 އިން މޮޅުވެގެންނެވެ. މި މެޗުގައި އިންޓަގެ ދެ ގޯލު ވެސް ޖެހީ ނެދަލެންޑްސްގެ ފުލްބެކް ޑެންޒެލް ޑުމްފްރިސް އެވެ.
އިޓާލިއަން ލީގަށް ބޮޑަށް ސަމާލުކަން ދިނުމުގެ ގޮތުން އެޓަލާންޓާގެ ކޯޗު ޖިއަމްޕިއޭރޯ ގަސްޕެރީނީ މި މެޗުގެ ފުރަތަމަ އެގާރައިން މުހިއްމު ބައެއް ކުޅުންތެރިންނަށް ފުރުސަތެއް ނުދެ އެވެ. ފަހުން އެ ކުޅުންތެރިން އެރުވި ނަމަވެސް ނަތީޖާ އަނބުރާލެވޭ ގޮތެއް ނުވި އެވެ.
ފައިނަލުގެ ފަހު ޖާގަ މިލާން ހޯދީ ހުކުރު ދުވަހުގެރޭ ކުޅުނު ސެމީ ފައިނަލުން ޔުވެންޓަސް އަތުން 2-1 އިން މޮޅުވެގެންނެވެ. މިއީ މިލާނުގެ އާ ކޯޗު ސާޖިއޯ ކޮންސިސާއޯގެ އިރުޝާދުގެ ދަށުން އެ ޓީމު ކުޅުނު ފުރަތަމަ މެޗެވެ. މި މެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ ޔުވެންޓަސް އިން ކެނަން ޔިލްޑިޒްގެ ލަނޑުން ލީޑު ނެގި އެވެ. މިލާނުގެ އެޓޭކް ދަށްކޮށް ފެނުނު މި މެޗުގައި އެ ޓީމަށް އުއްމީދެއް ލިބުނީ ޕެނަލްޓީއަކުން ކްރިސްޓިއަން ޕުލިސިކް ޖެހި ގޯލުންނެވެ. އެ ޓީމު މޮޅުވީ ޔޫނުސް މޫސާ ނެގި ހުރަހެއް ޔުވެންޓަސްގެ ފެޑެރިކޯ ގަޓީ އަތުން ބައިކޮޅަށް ވަން ގޯލުންނެވެ.
ފައިނަލް މެޗު އޮންނާނީ މާދަމާރޭ ރާއްޖެ ގަޑިން 12 ޖަހާއިރު ސައޫދީގެ ވެރިރަށް ރިޔާދުގެ އައް-އައްވަލް ޕާކް ސްޓޭޑިއަމުގަ އެވެ. މިއީ މި ސީޒަނުގައި ފެންނާނެ ދެ ވަނަ މިލާން ޑާބީ އެވެ. މި ދެ ޓީމު ލީގުގައި ކުޅުނު މެޗު 2-1 އިން ކާމިޔާބުކުރީ މިލާނެވެ.
ކުރިން އިޓާލިއަން ލީގުގެ ޗެމްޕިއަނުންނާއި، އިޓާލިއަން ކަޕުގެ ޗެމްޕިއަނުންގެ މެދުގައި އެއް މެޗުގެ ފޯމެޓަށް ކުޅެމުން އައި ސުޕަ ކަޕް ހަތަރު ޓީމުގެ ފޯމެޓަށް ބަދަލުކުރީ މިދިޔަ އަހަރު އެވެ. ސުޕަ ކަޕް ފަހަކަށް އައިސް ބާއްވަނީ އިޓަލީން ބޭރުގަ އެވެ. އެގޮތުން މީގެ ކުރިން ވަނީ އެމެރިކާ، ލީބިޔާ، ޗައިނާ، އަދި ގަތަރުގައި ވެސް ބާއްވައިފަ އެވެ.
އިންޓަ ބަލިކޮށް މިލާން ސުޕަ ކަޕް ކާމިޔާބުކޮށްފި
މިލާން އަތުން ފިއޮރެންޓީނާ މޮޅުކޮށްދިނީ ޑެހެއާ
ހަ މެޗަށް ފަހު އިންޓަގެ މައްޗަށް މިލާން ކުރި ހޯދައިފި
އިޓާލިއަން ސުޕަ ކަޕް މިއަހަރުވެސް ސައުދީގައި
އިންޓަ އަތުން ވިދިވިދިގެން ފަސް މެޗުން މިލާން ބަލި
ކުއާޓާގައި ރެއާލް-ޗެލްސީ އަދި ބަޔާން-ސިޓީ
މިލާން ބަލިކޮށް އިންޓައިން ސުޕަ ކަޕް ކާމިޔާބުކޮށްފި
ފަހު ވަގުތު މޮޅުވެ އިންޓައިން ސުޕަ ކަޕް ކާމިޔާބުކޮށްފި
އިންޒާރަށް ބެލުމެއް ނެތި ސުޕަ ލީގު އިއުލާންކޮށްފި
އެއް ވަނައިގައި އޮވެ މިލާން ފިނި މޫސުމުގެ ޗުއްޓީ އަށް