07 ޖެނުއަރީ 2025
ފަހަތުން އަރައި 3-2 އިން އިންޓަ މިލާން ބަލިކޮށް ވާދަވެރި އޭސީ މިލާނުން ރޭ އިޓާލިއަން ސުޕަ ކަޕް ކާމިޔާބުކޮށްފި އެވެ.
ފަހަތުން އަރައި 3-2 އިން އިންޓަ މިލާން ބަލިކޮށް ވާދަވެރި އޭސީ މިލާނުން ރޭ އިޓާލިއަން ސުޕަ ކަޕް ކާމިޔާބުކޮށްފި އެވެ.
ސައޫދީ އަރަބިއްޔާގެ ރިޔާދުގައި ކުޅުނު މި މެޗުގައި ހޯދި ކާމިޔާބާ އެކު މިލާނުގެ އާ ކޯޗު ޕޯޗުގަލްގެ ސާޖިއޯ ކޮންސިސާއޯ މި ވަނީ ހަވާލުވިތާ ހަފުތާއެއްގެ ތެރޭ އެ ޓީމަށް ފުރަތަމަ ތަށި ހޯދައިދީފަ އެވެ. ޕޯޗުގަލްގެ އެހެން ކޯޗެއް ކަމަށްވާ ޕައޮލޯ ފޮންސެކާއާ އެކު މިލާނުގެ ނަތީޖާ ދަށްވުމުން އޭނާ ވަކިކޮށް ހަވާލުކުރި ކޮންސިސާއޯ، ގެ ފުރަތަމަ މެޗުގައި މުބާރާތުގެ ފުރަތަމަ ސެމީ ފައިނަލުން ޔުވެންޓަސް ބަލިކުރީ ވެސް ފަހަތުން އަރައި 2-1 އިންނެވެ.
މިދިޔަ ތިން އަހަރު ވެސް މި މުބާރާތް ކާމިޔާބުކުރި އިންޓަ އަށް ރޭގެ މެޗުގައި އެންމެ ބޮޑު މައްސަލައަކަށް ދިމާވީ ފޯވާޑް މާކަސް ތުރާމަށް އަނިޔާވެގެން ނުކުޅެވުމެވެ. އަނެއްކޮޅުން މުހިއްމު މިޑްފީލްޑަރު ހަކާން ޗަނައޮގްލޫ އަށް އަނިޔާވެގެން ފުރަތަމަ ހާފުގައި ބާލަން ޖެހުނެވެ.
ދާދި ހަމަހަމަކޮށް ދިޔަ ފުރަތަމަ ހާފު އެއްވަރުވެގެން ނިމޭނެ ކަމަށް ބަލައިގެން ތިއްބާ އިންޓަ އިން ލީޑު ނެގީ ހާފުގެ ފަހު މިނެޓުގައި ކައުންޓާ އެޓޭކެއްގައި ކެޕްޓަން ލައުޓާރޯ މާޓިނޭޒް ޖެހި ގޯލުންނެވެ. އަދި ދެ ވަނަ ހާފު ފަށައިގެން މިލާނަށް ހަމަޖެހިނުލެވެނީސް އީރާން ފޯވާޑް މަހުދީ ޓެރާމީ އެ ޓީމަށް ލީޑު ފުޅާކޮށްދިނެވެ.
މިލާނަށް އުއްމީދެއް ލިބުނީ އަނިޔާ އިން ސަލާމަތްވެ ދެ ވަނަ ހާފުގައި ކުޅެން ނުކުތް ރަފައެލް ލިއާއޯ ހޯދައިދިން ހިލޭ ޖެހުމަކުން ތެއޯ ހެނާންޑޭޒް 52 ވަނަ މިނެޓުގައި ޖެހި ގޯލާ އެކު އެވެ. މި ލަނޑާ އެކު ލިބުނު ހިތްވަރުގައި މިލާނުގެ އެޓޭކް ވަރުގަދަކޮށް ހަމަލާތައް އިތުރުކުރި އެވެ. އޭގެ ތެރެއިން ފުރުސަތެއްގައި މިލާނަށް އެއްވަރުކޮށްދިނީ 80 ވަނަ މިނެޓުގައި އެމެރިކާ ފޯވާޑް ކްރިސްޓިއަން ޕުލިސިކް އެވެ. އެ ހިސާބުން ނަތީޖާ ނެރެން ޕެނަލްޓީ ޖަހަން ޖެހޭނެ ކަމަށް ބަލައިގެން ތިއްބާ މިލާން މޮޅުވީ އިތުރު ވަގުތުގެ ތިން ވަނަ މިނެޓުގައި ލިއާއޯ ދިން ބޯޅައަކުން އިނގިރޭސި ފޯވާޑް ޓެމީ އަބްރަހަމް ޖެހި ގޯލުންނެވެ.
އިޓާލިއަން ސުޕަ ކަޕަކީ، ލީގުގެ ގަދަ ދެ ޓީމާއި، ކަޕުގެ ފައިނަލަށް ހޮވޭ ދެ ޓީމުގެ މެދުގައި ކުޅޭ ހާއްސަ މުބާރާތެކެވެ. އާއްމުކޮށް އިޓަލީގައި ކުޅުނު ނަމަވެސް މި މުބާރާތް މީގެ ކުރިން ވެސް ވަނީ އެމެރިކާ، ލީބިޔާ، ޗައިނާ، އަދި ގަތަރުގައި ބާއްވައިފަ އެވެ. ރޭގެ މޮޅާ އެކު މިލާން މިވަނީ މި މުބާރާތް އިންޓައާ އެއް އަދަދަކަށް 8 ފަހަރު ކާމިޔާބުކޮށްފަ އެވެ. އެންމެ ކާމިޔާބު ޓީމަކީ ނުވަ ފަހަރު ތަށި ނެގި ޔުވެންޓަސް އެވެ.
ސުޕަ ކަޕުގެ ފައިނަލުގައި މިލާން ޑާބީއެއް
މިލާން އަތުން ފިއޮރެންޓީނާ މޮޅުކޮށްދިނީ ޑެހެއާ
ހަ މެޗަށް ފަހު އިންޓަގެ މައްޗަށް މިލާން ކުރި ހޯދައިފި
އިޓާލިއަން ސުޕަ ކަޕް މިއަހަރުވެސް ސައުދީގައި
އިންޓަ އަތުން ވިދިވިދިގެން ފަސް މެޗުން މިލާން ބަލި
ކުއާޓާގައި ރެއާލް-ޗެލްސީ އަދި ބަޔާން-ސިޓީ
މިލާން ބަލިކޮށް އިންޓައިން ސުޕަ ކަޕް ކާމިޔާބުކޮށްފި
ފަހު ވަގުތު މޮޅުވެ އިންޓައިން ސުޕަ ކަޕް ކާމިޔާބުކޮށްފި
އިންޒާރަށް ބެލުމެއް ނެތި ސުޕަ ލީގު އިއުލާންކޮށްފި
އެއް ވަނައިގައި އޮވެ މިލާން ފިނި މޫސުމުގެ ޗުއްޓީ އަށް