15 ޖެނުއަރީ 2023
ގއ. ވޮޑަމުލާގެ އެއް މިލިއަން ޑޮލަރު ލޯންޑާ ކުރިކަން ސާބިތުވެ، ކުރީގެ ރައީސް އަބްދުﷲ ޔާމީން ފަސް އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމް ކުރީ 28 ނޮވެމްބަރު 2019ގަ އެވެ. އެ ހުކުމް އެމަނިކުފާނުގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފު ކުރަން ނެގީ ދެ ދުވަހެވެ.
ގއ. ވޮޑަމުލާގެ އެއް މިލިއަން ޑޮލަރު ލޯންޑާ ކުރިކަން ސާބިތުވެ، ކުރީގެ ރައީސް އަބްދުﷲ ޔާމީން ފަސް އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމް ކުރީ 28 ނޮވެމްބަރު 2019ގަ އެވެ. އެ ހުކުމް އެމަނިކުފާނުގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފު ކުރަން ނެގީ ދެ ދުވަހެވެ.
ވޮޑަމުލާ މައްސަލައިގެ ހުކުމުން މިނިވަންވި ފަހުން، ވ. އާރަށް ދޫކުރުމަށް ރިޝްވަތު ނަގައި އެ ފައިސާ ލޯންޑާކުރި ކަމަށް ބުނެ ޔާމީނަށް ދައުވާ ކުރި މައްސަލައިގައި އެމަނިކުފާނު 11 އަހަރަށް ޖަލަށް ލާން ހުކުމް ކުރީ މިދިޔަ ޑިސެމްބަރު 25ގަ އެވެ. އެ ހުކުމް ކުރިތާ ދެ ހަފްތާ ވެފައިވާއިރު، އެމަނިކުފާނުގެ ފަރާތުން އަދި އިސްތިއުނާފެއް ނުކުރެވެ އެވެ.
ވެރިކަމުގެ ދައުރުގެ މެދުތެރޭގައި ވޮޑަމުލާގެ މައްސަލައިގައި އިއްވި ހުކުމް އިސްތިއުނާފު ކުރުމަށް ވުރެ އާރަށު މައްސަލަ އިސްތިއުނާފު ކުރުން ޔާމީނަށާއި އެމަނިކުފާނަށް ތާއީދު ކުރާ މީހުންނަށް މާ ބޮޑަށް މުހިންމު ވެ އެވެ. ސަބަބަކީ އެމަނިކުފާނަކީ މި އަހަރު ބާއްވާ ރިޔާސީ އިންތިހާބަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީއިން ނެރޭ ކެންޑިޑޭޓަށް ވުމެވެ.
އެކަމަކު، ގާނޫނުއަސާސީ ބުނާ ގޮތުން އެއް އަހަރަށް ވުރެ ދިގު ހުކުމެއް ކޮށްފައިވާ މީހަކަށް ރައީސް ކަމަށް ކުރިމަތިލެވޭނީ ހުކުމް ތަންފީޒުކޮށް ނިމޭތާ ތިން އަހަރު ފަހުންނެވެ. އެހެންވެ، ޖަލު ހުކުމާ އެކު، މިހާރު ޔާމީނަށް ބަންދުވެފައިވާ އިންތިހާބުގެ ދޮރު ހުޅުވެން އޮތީ ހައި ކޯޓުން މައްސަލަ ނިންމާ ގޮތަކުންނެވެ.
އިދިކޮޅުގެ އަމާޒު ހުރީ ގާނޫނީ މަސައްކަތްތަކެއްގެ ތެރެއިން ޔާމީން މިނިވަންކޮށް އިންތިހާބުގައި ވާދަ ކުރެވޭނެ ގޮތް ހެދުމަށެވެ. މިހާރު ސުވާލަކީ އެކަމަށް ވަގުތު އެބަ އޮތް ތޯ އެވެ؟
އާރަށު މައްސަލައިގައި ޔާމީން މައްޗަށް ހުކުމް އިއްވި އިރު، އެ މަނިކުފާނާއި ތިން ވަކީލުން އަރިހުގައި.
ރިޔާސީ އިންތިހާބު ކައިރިވަމުންދާއިރު، ޕްރައިމަރީއެއް ބާއްވައި އިތުރު ކެންޑިޑޭޓަކު ހޮވުމުގެ ވިސްނުމެއް އޮތް ކަމެއް އިދިކޮޅުން އަދި ހާމައެއް ނުކުރެ އެވެ. އެކަމާ ގުޅިގެން ނޫސްވެރިން ކުރާ ސުވާލުތަކުގެ ޖަވާބަކަށް ތަކުރާރުކޮށް ބުނަނީ އިދިކޮޅުގެ ކެންޑިޑޭޓަކީ ޔާމީން ކަމަށެވެ. އަދި ހުކުމުގެ އިސްތިއުނާފު މައްސަލަ މަތީ މަރުހަލާއިން ކާމިޔާބު ކުރެވޭނެ ކަމަށާއި އިސްތިއުނާފު ކުރަން ވަކީލުން ކެނޑިނޭޅި މަސައްކަތް ކުރާ ކަމަށް ބުނެ އެވެ.
އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވި ގޮތުގައި، އެ ކޮމިޝަނުން ތައްޔާރުވަމުން އަންނަނީ ސެޕްޓެމްބަރު މަހުގެ ކުރީކޮޅު އިންތިހާބު ބާއްވާށެވެ. އެހެންކަމުން، މިހާރު ރިޔާސީ އިންތިހާބަށް އޮތީ ގާތްގަނޑަކަށް ހަތް މަހެވެ.
ހައި ކޯޓަށް ހުށަހަޅަން ތައްޔާރުވަމުންދާ މައްސަލަ، ޔާމީނަށް އިންތިހާބުގައި ވާދަ ކުރަން ފުރުސަތު ލިބިދާނެ މުއްދަތެއްގައި ނިންމޭނެކަން އެނގޭނީ ރިޔާސީ އިންތިހާބަށް ކެންޑިޑެސީ ހުށަހެޅުމުގެ އެންމެ ފަހު ތާރީހު އެނގިގެންނެވެ. އިލެކްޝަންސް ކޮމިޝަނުން އަދި އިއުލާނުކޮށްފައި ނުވާ އެ ތާރީހުގެ ކުރިން ކުށް ސާބިތުނުވާ ކަމަށް ހުކުމްކޮށްފި ނަމަ، ކެންޑިޑެސީ ހުށަހެޅުމުގެ ފުރުސަތު އޮންނާނެ އެވެ.
އިންތިހާބުގެ ކުރިން ކެންޑިޑެސީ ހުށަހަޅަން އާންމުކޮށް ހުޅުވާލަނީ ދެ މަހެއްހާ ދުވަސް ކުރިންނެވެ. ސެޕްޓެމްބަރު 23ގައި ބޭއްވި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ކުރިމަތިލާން ހުޅުވާލީ ޖުލައި، 23 އިން އޮގަސްޓް 4 އަށެވެެ. ހަބީބު ވިދާޅުވި ގޮތުގައި މިފަހަރު ވެސް ކެންޑިޑެސީ ހުށަހެޅުމަށް ދޭނީ، 10 ނުވަތަ 14 ވަރަކަށް ދުވަހެވެ.
މިފަހަރުގެ އިންތިހާބަށް ވެސް ކުރިމަތިލުން ޖުލައި މަހު ހުޅުވާލާ ނަމަ ހުކުމުން ސަލާމަތްވާން ޔާމީނަށް އޮތީ ގާތްގަނޑަކަށް ފަސް މަހެވެ.
ރައީސް ޔާމީނުގެ ވަކީލުންގެ ތެރެއިން ޑރ. މުހައްމަދު ޖަމީލް އަހުމަދާއި އަލީ ޝާހު .-- ފޮޓޯ: ނިޝާން އަލީ \ މިހާރު
އެކަމަކު އާރަށުގެ މައްސަލައިގެ ހުކުމް އިސްތިއުނާފު ކުރުން ފެންނަނީ ވޮޑަމުލާގެ މައްސަލައާ އަޅާބަލާއިރު ލަސްކޮށެވެ. ވޮޑަމުލާ މައްސަލައިގެ އިސްތިއުނާފު އެންމެ ހަފްތާ ބަންދަކުން ތައްޔާރުކޮށް ނިންމާލި އިރު، އާރަށު މައްސަލަ އިސްތިއުނާފު ނުކުރެވި މިހާރު ދެ ހަފްތާ ވެއްޖެ އެވެ.
ހައި ކޯޓުގައި މައްސަލައެއް އިސްތިއުނާފު ކުރަން ހުށަހަޅަން އޮންނަ 60 ދުވަހުގެ މުއްދަތު ހަމަނުވާތީ ވަކީލުން ވިދާޅުވަނީ އަދިވެސް ވަގުތު އެބައޮތް ކަމަށެވެ. ވަކީލުން ވިދާޅުވާ ގޮތުގައި އިސްތިއުނާފު ނުކުރެވި ލަސްވަނީ ކްރިމިނަލް ކޯޓުން މައްސަލައިގެ ޝަރީއަތް ނިމުނު ގޮތުގެ ތަފްސީލީ ރިޕޯޓާއި މަހުލަރު ބަޔާންތައް ނުދޭތީ އެވެ.
ޝަރީއަތް ނިމުނު ގޮތުގެ ތަފްސީލީ ރިޕޯޓު މުހިންމު ވަނީ ހުކުމުގެ ނުކުތާތައް ބަލައި ހުކުމް ތަފްސީލީ ގޮތެއްގައި ދިރާސާކޮށް އިސްތިއުނާފު ތައްޔާރު ކުރުމަށެވެ. އަދި މަހުލަރު ބަޔާންތައް މުހިންމު ވަނީ ކޯޓުގައި ދެ ފަރާތުން ދެއްކި ހުރިހާ ވާހަކަތަކެއް އޭގައި ހިމެނޭނެތީ އެވެ. އެކަމަކު، ހުކުމުގެ ހުލާސާ ރިޕޯޓު އެކަނި ލިބިގެން ވެސް މީގެ ކުރިން މައްސަލަތައް ހައި ކޯޓުގައި އިސްތިއުނާފުކޮށްފައި އެބަ ހުއްޓެވެ. ޔާމީންގެ މައްސަލައަކީ ކޯޓުން ލައިވް ކުރި ޝަރީއަތަކަށްވާއިރު، ދެއްކި ހުރިހާ ވާހަކަތަކެއް ކޯޓުގެ ޔޫޓިއުބް ޗެނަލުން ފެންނަން އެބަ ހުއްޓެވެ.
ރިޔާސީ އިންތިހާބުގައި ވާދަ ކުރުމަކީ ޝަރުތު ހަމަވާ ކޮންމެ މީހަކަށް ގާނޫނުއަސާސީން ލިބޭ ހައްގެކެވެ. ސިޔާސީ ޕާޓީއަކުން ވަކި މީހަކު ނެރެން ނިންމައި އެކަން އިއުލާނުކުރުމަކުން އެކަނި ކެންޑިޑޭޓަކަށް ނުވާނެ އެވެ. ކެންޑިޑޭޓަކަށް ވާނީ ކެންޑިޑެސީ ހުށަހަޅަން އޮންނަ މުއްދަތުގައި ހުށަހަޅާ މީހުންގެ ތެރެއިން ޝަރުތު ހަމަވާ މީހުންނެވެ. އެހެންކަމުން، ކެންޑިޑެސީ ހުށަނާޅާ މީހެއްގެ ޖިނާއީ މައްސަލައެއް ރިޔާސީ އިންތިހާބު އަންނާތީ ހައި ކޯޓުން ވަކި އަވަސް ކުރަން ޖެހޭތޯ ވެސް ސުވާލު އުފެދެ އެވެ.
ހައި ކޯޓުގައި ވަކާލާތު ކުރުމުގެ ތަޖުރިބާ ހުރި ވަކީލަކު ވިދާޅުވީ، އިންތިހާބު ބޯމަތީގައި އޮއްވާ އިންތިހާބުގައި ވާދަ ކުރާނެކަން އިއުލާނުކޮށްފައިވާ ކެންޑިޑޭޓެއްގެ މައްސަލަ ވެގެންދާނީ ވަރަށް ގިނަ ރައްޔިތުންގެ މަސްލަހަތު އެކަމާ ގުޅިފައިވާ ކަމަކަށް ކަމަށެވެ. އެހެންވެ، އަވަސް މައްސަލައެއްގެ ގޮތުގައި ބަލަން ޖެހޭ ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރި ހުކުމްް އިއްވަމުްނ ދިޔަ އިރު ކްރިމިނަލް ކޯޓު ބޭރުގައި ސަޕޯޓަރުން ހުކުމް ލައިވްކޮށް އަޑުއަހަނީ .---ފޮޓޯ: ނިޝާން އަލީ| މިހާރު
"އިންތިހާބުގެ ފަހުން ސާބިތު ނުވާ ކަމަށް ހުކުމް ކޮށްފިއްޔާ، ފާޑަކަށް އެ ދޮރު ބަންދުވެގެން ދަނީ. އެހެންވީމަ އަޅުގަނޑަށް ފެންނަނީ އާޖެންޓް މައްސަލައެއް ގޮތަށް އެ މައްސަލަ ބައްލަވައި ކޮންމެވެސް ގޮތަކަށް ފައިސަލާ ކުރައްވަން ޖެހޭ ކަމަށް،" ވަކީލު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ހައި ކޯޓުގައި ބަލާ މައްސަލައެއް އަވަސް ކުރަން ޖެހޭނީ ހުށަހެޅުމަކުން އެކަމަށް އެދޭށެވެ. އެ ހުށަހެޅުމަކާ ގުޅިގެން ދެ ފަރާތުން ދައްކާ ވާހަކަައަށް ބަލާފައި މައްސަލަ އަވަސް މިނެއްގައި ކުރިއަށް ގެންދެވިދާނެ ކަމަށް ނިންމާނީ ފަނޑިޔާރުންނަށް އެގޮތަށް ފެންނަ ނަމަ އެވެ.
"ޑިމޮކްރަސީއަކީ ރައްޔިތުން ނިންމާ ނިންމުމެއް. އެ ނިންމުމަމަށް ފުރުސަތު ދޭން ވާނެ. ފުރުސަތު ދިނުމުގެ ގޮތުން ވަކި މައްސަލައެއް އަވަސް މައްސަލައެއްގެ ގޮތުގައި، ހާއްސަކޮށް މިކަހަލަ މުނާސަބު ދަނޑިވަޅުތަކުގައި އެބަ ޖެހޭ ކޯޓުތަކުން ވެސް އެ ކަންތައްތަކަށް ބަލަން،" ވަކީލު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ބައެއް ހާލަތްތަކުގައި ހައި ކޯޓުން ބަލާ މައްސަލަތައް އެއް އަހަރަށް ވުރެ ދިގުލައިގެން ދެ އެވެ. އެކަމަކު، އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި، މިހާރު ހައި ކޯޓުން އާންމުކޮށް މައްސަލަތައް ގެންދާ ސްޕީޑުގައި ކުރިއަށް ގެންގޮސްފި ނަމަ ކުރިމަތިލުމުގެ ދޮރު ބަންދުވުމުގެ ކުރިން މައްސަލަ ނިމުމުގެ ފުރުސަތު ބޮޑެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރި ހުކުމްް އިއްވަމުން ދިޔަ އިރު ކްރިމިނަލް ކޯޓު ބޭރުގައި ސަޕޯޓަރުން ހުކުމް ލައިވްކޮށް އަޑުއަހަނީ .---ފޮޓޯ: ނިޝާން އަލީ| މިހާރު
ވަކީލު ވިދާޅުވީ ހައި ކޯޓުގައި މިހާރު ތިއްބެވި ހުރިހާ ފަނޑިޔާރުންނަކީ ވެސް ގާބިލު، ޝަރުއީ ދާއިރާއަށް ފަަރިތަ ބޭފުޅުން ކަމަށެވެ. އެހެންވެ، ކިތަންމެ ގާނޫނީ ނުކުތާއެއް ހުށަހެޅިޔަސް މައްސަލަ އަވަހަށް ނިންމުމުގެ ގާބިލުކަން ހައި ކޯޓުގައި ހުންނާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޔާމީންގެ ވޮޑަމުލާ މައްސަލަ ހައި ކޯޓުން ނިންމީ ހުށަހެޅިތާ އަހަރަކަށް ވުރެ ގިނަ ދުވަސް ފަހުން ޖެނުއަރީ 21، 2021ގަ އެވެ. އޭރު ކޮވިޑްއާ ހެދި ދިމާވި ދަތިތަކާ ހެދި އަޑުއެހުމެއް ނުބާއްވައި ވެސް ގިނަ ދުވަސްތަކެއް ވި އެވެ. ވަކީލުންނާ ބައްދަލުނުވާތީ ޔާމީންގެ ފަރާތުން އެދިގެން ވެސް އަޑުއެހުންތައް ލަސް ކުރި އެވެ. އެހެންނަމަވެސް، މިހާރު އެފަދަ އެއްވެސް ހުރަހެއް ނެތެވެެ.
ޔާމީންގެ މައްސަލަ ސުޕްރީމް ކޯޓުން ބަލައެއް ނުގަތް
އިންތިހާބަށް ވަގުތު އޮއްވާ ޔާމީން މިނިވަންވާނެ:ވަކީލުން
ޔާމީންގެ ހުކުމް ފަސްކުރުމާ މެދު ގޮތެއް ނިންމަނީ
ޔާމީންގެ ޖަލު ހުކުމް ފަސްކުރެވޭނެ ހަމައެއް ނެތް: ޕީޖީ
ޔާމީންގެ ފަރާތުން ސުޕްރީމް ކޯޓަށް އިތުރު މައްސަލައެއް
ޔާމީންގެ އިންތިހާބީ ހައްގު ކަށަވަރުކުރަން ސުޕްރީމްކޯޓަށް
ދަށު ކޯޓާ ގުޅުވައި، އިސްތިއުނާފު ލަސްކުރާ ޝަކުވާ!
ޔާމީންގެ ޖަލު ހުކުމުގެ އިސްތިއުނާފް ބުދަ ދުވަހު ފަށަނީ
ފުއްގިރި ދައުވާ: ސުޕްރީމް ކޯޓުން ޔާމީނަށް ނާކާމިޔާބު
ޔާމީނަށްޓަކައި މުޅި ޕާޓީ ގުރުބާން ވާން ޖެހޭ