Roadha Mihaaru
ނަޝީދުގެ ޓެކްސީ ސިޔާސަތާ ރައީސް ދެކޮޅު

ނަޝީދުގެ ޓެކްސީ ސިޔާސަތާ ރައީސް ދެކޮޅު، ވިދާޅުވީ ސަރުކާރުން ޓެކްސީ ދޭނެ ކަމަށް

09 ޖެނުއަރީ 2023

އަމިއްލަ މީސްމީހުންގެ ޓެކްސީތައް ސަރުކާރަށް ނަގައި ޑްރައިވަރުންނަށް އެހެން ވަޒީފާތައް ދިނުމަކީ ކަމުދާ ގޮތެއް ނޫން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އެ ސިޔާސަތަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ރައްދުދެއްވައިފި އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

އަމިއްލަ މީސްމީހުންގެ ޓެކްސީތައް ސަރުކާރަށް ނަގައި ޑްރައިވަރުންނަށް އެހެން ވަޒީފާތައް ދިނުމަކީ ކަމުދާ ގޮތެއް ނޫން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އެ ސިޔާސަތަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ރައްދުދެއްވައިފި އެވެ.

ރިޔާސީ އިންތިހާބަށް އެމްޑީޕީން ބާއްވާ ޕްރައިމަރީގެ ކެމްޕެއިނުގެ ތެރެއިން މިދިޔަ ބުރާސްފަތި ދުވަހު ނަޝީދު ވަނީ ޓެކްސީ ޑްރައިވަރުންނާ ބައްދަލުކުރައްވައި، މާލޭގެ ތޮއްޖެހުމުގެ މައްސަލަ ހައްލުކުރަން ޓެކްސީތައް ސަރުކާރަށް ނެގުމުގެ ވިސްނުން ގެންގުޅުއްވާކަން ހާމަކުރައްވައިފަ އެވެ.

ކެމްޕެއިނުގައި މިއަދު ބ. އޭދަފުއްޓަށް ވަޑައިގެން އެ ރަށުގައި ބޭއްވި ޖަލްސާގައި ނަޝީދުގެ ސިޔާސަތަށް ރައްދު ދެއްވަމުން ރައީސް ވިދާޅުވީ ވާދަވެރިން ބައެއް ފަހަރު ދައްކާ ވާހަކަތަކާ މެދު ވިސްނާލަންޖެހޭ ކަމަށެވެ.

ރައީސް ވިދާޅުވީ އަމިއްލަ ވިޔަފާރިތަކުގެ ތެރެއަށް ސަރުކާރުން ވަނުމަކީ ކުރަން ހެޔޮވާވަރު ކަމެއް ނޫން ކަމަށާއި އެކަމަކު މާލޭގެ ޓެކްސީ ޑްރައިވަރުންނާ ބައްދަލުކޮށްފައި ޓެކްސީތައް ސަރުކާރަށް ނަގާ ވާހަކަ ވެސް އެބަ ދައްކާ ކަމަށެވެ.

އެމްޑީޕީގެ ޕްރައިމަރީގެ ކެމްޕެއިނަށް މިއަދު ބ. އޭދުފުއްޓަށް ވަޑައިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެ ރަށުގެ އެމްޑީޕީ މެމްބަރުންނާ ވާހަކަ ދައްކަވަނީ.

އެމްޑީޕީގެ ޕްރައިމަރީގެ ކެމްޕެއިނަށް މިއަދު ބ. އޭދުފުއްޓަށް ވަޑައިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެ ރަށުގެ އެމްޑީޕީ މެމްބަރުންނާ ވާހަކަ ދައްކަވަނީ.

"މިވާހަކަ މިހެން ދައްކަވަމުން ދެން މި ވިދާޅުވަނީ މާލޭގެ ޓެކްސީ ޑްރައިވަރުންނާ ބައްދަލުކޮށް، ސަރުކާރަށް ތިމަންނަމެން ޓެކްސީތައް ނަގާނަމޭ،" ރައީސް ވިދާޅުވި އެވެ.

ޓެކްސީ ދުއްވާނީ ސަރުކާރުން ކަމަށާއި ޑްރައިވަރުންނަށް ދޭނީ ވަޒީފާ ކަމަށް ނަޝީދުގެ ބައްދަލުވުމަށް އިޝާރާތްކުރައްވައި ރައީސް ފާހަގަކުރެއްވި އެވެ. އެ މަނިކުފާނު ވިދާޅުވީ ވަކިވަކި ފަރުދުންގެ ޓެކްސީތައް ސަރުކާރަށް ނެގުމަކީ ކަމުދާ ގޮތެއް ނޫން ކަމަށެވެ.

"އެއީއެއް ނޫން އެކަން ކުރަން ޖެހޭނެ ގޮތަކީ. ކަމަކު ނުދޭ އެގޮތެއް،"

އެމްޑީޕީގެ ޕްރައިމަރީގެ ކެމްޕެއިނަށް މިއަދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބ. އޭދުފުށީގައި ބޭއްވި ޖަލްސާގެ ބައެއް ބައިވެރިން

އެމްޑީޕީގެ ޕްރައިމަރީގެ ކެމްޕެއިނަށް މިއަދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބ. އޭދުފުށީގައި ބޭއްވި ޖަލްސާގެ ބައެއް ބައިވެރިން

ރައީސް ވިދާޅުވީ، ސަރުކާރުން ކުރަން ޖެހޭ ކަމަކީ ޑްރައިވަރުންނަށް އާ ޓެކްސީ ހޯދައި ދިގު މުއްދަތަށް ފައިސާ ދެއްކޭ ގޮތަށް އާ ކާރު ހަވާލުކުރުން ކަމަށެވެ.

"އަޅުގަނޑުމެން ކުރަން ޖެހޭ ކަމަކީ، އާ ޓެކްސީ ހޯދައި ޓެކްސީ ޑްރައިވަރުންނަށް ދިގު މުއްދަތުގައި ފައިސާ ދެއްކޭ ގޮތަށް އާ ކާރު ހަވާލުކުރުން. އިރާދަކުރެއްވިއްޔާ އެއީ އަޅުގަނޑުމެންގެ ޕްލޭނުގައި ވެސް އޮތް ކަމެއް."

މި އަހަރުގެ ތެރޭގައި، ދިގު މުއްދަތަކަށް ފައިސާ ދައްކާ ގޮތަށް ސަރުކާރުން ޓެކްސީ ޑްރައިވަރުންނަށް ދޫކުރާނެ ކާރުތަކެއް ގެނެސް ހަވާލުކުރާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

އެމްޑީޕީގެ ޕްރައިމަރީގެ ކެމްޕެއިނަށް މިއަދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބ. އޭދުފުއްޓަށް ވަޑައިގަތުމުން އެ ރަށުގައި ބޭއްވި ޖަލްސާގައި ސަޕޯޓަރުން ބައިވެރިވަނީ.

އެމްޑީޕީގެ ޕްރައިމަރީގެ ކެމްޕެއިނަށް މިއަދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބ. އޭދުފުއްޓަށް ވަޑައިގަތުމުން އެ ރަށުގައި ބޭއްވި ޖަލްސާގައި ސަޕޯޓަރުން ބައިވެރިވަނީ.

މިދިޔަ ބުރާސްފަތި ދުވަހު ޓެކްސީ ޑްރައިވަރުންނާ އެކު ބޭއްވި ބައްދަލުވުމުގައި ނަޝީދު ވިދާޅުވެފައި ވަނީ މާލޭގައި 1500 އެއްހާ ޓެކްސީ ދުއްވާ ކަމަށާއި މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލަ ހައްލު ކުރަން ޓެކްސީގެ އަދަދު އިތުރުވިޔަނުދީ ވަކި ވަރެއްގައި ހިފަހައްޓަން ޖެހޭ ކަމަށެވެ.

އެމަނިކުފާނު ހުށަހަޅާ ސިޔާސަތަކީ ދުއްވޭނެ ޓެކްސީތަކަށް އަދަދެއް ކަނޑައަޅާފައި އެއަށް ވުރެ އިތުރުވާ ޓެކްސީތައް ސަރުކާރުން ގަތުން ކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި ޑްރައިވަރުންނަށް އެހެން ހުނަރުތައް ދަސްކޮށްދިނުމާއި ބަސް ދުއްވުން ފަދަ ވަޒީފާތައް ދިނުމުގެ ވިސްނުން ގެންގުޅުއްވާކަން ވެސް އެ ދުވަހު ނަޝީދު ވިދާޅުވި އެވެ.