Roadha Mihaaru
ރައީސްގެ ސުވާލަކީ އަނިޔާވެރިކަން ނޫނީ ސުލްހަތޯ

ރައީސްގެ ސުވާލަކީ އަލުން އަނިޔާވެރިކަމަށް ދާނީތޯ ނުވަތަ ތިބޭނީ ސުލްހަވެރިކަމުގައިތޯ؟

07 ޖެނުއަރީ 2023

މި އަހަރުގެ ރިޔާސީ އިންތިހާބަށް ރައްޔިތުންގެ ކުރިމަތީގައި އޮތީ އެނބުރި އަނިޔާވެރިކަމަށް ދިއުން ތޯ ނުވަތަ ސުލްހަވެރިކަމުގައި ދެމި ތިބުމުގެ ސުވާލު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

މި އަހަރުގެ ރިޔާސީ އިންތިހާބަށް ރައްޔިތުންގެ ކުރިމަތީގައި އޮތީ އެނބުރި އަނިޔާވެރިކަމަށް ދިއުން ތޯ ނުވަތަ ސުލްހަވެރިކަމުގައި ދެމި ތިބުމުގެ ސުވާލު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނު އެހެން ވިދާޅުވީ، މި މަހުގެ 28 ގައި ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް ނ. މަނަދޫގައި އެ ޕާޓީގެ މެމްބަރުންނާ ވާހަކަފުޅު ދައްކަވަމުންނެވެ.

އެމްޑީޕީގެ އިސް ލީޑަރުގެ މަގާމު ވެސް ފުރުއްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެދިވަޑައިގަތީ، އެ ޕާޓީގެ ފުރަތަމަ ސަރުކާރު ނިމުނު ގޮތާއި އޭގެ ފަހުން 2013 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާ ހަމައަށް އެމްޑީޕީ އޮންނަން ޖެހުނު ގޮތާ މެދު ފުންކޮށް ވިސްނުމަށެވެ.

އެ މަނިކުފާނު ވިދާޅުވީ އެހާ ގިނަ މީހުންގެ ތާއީދު އޮތް ޕާޓީ އެ ދުވަސްވަރު އޮންނަން ޖެހުނީ މަގުމަތީގައި ކަމަށެވެ.

ރައީސް ވިދާޅުވިގޮތުގައި އޭރުގެ އަނިޔާވެރިކަމާއި ބިރުވެރިކަން އޮތީ ހައްދުފަހަނައަޅައިފަ އެވެ. އަދި އޭރު އޮތް ސަރުކާރާ ދިމާލަށް ނުރުހުމުގެ ބަހެއް ބުނަލާ ކޮންމެ މީހަކު ހައްޔަރު ކޮށްގެން ޒަމާންތަކެއް ވަންދެން ބަންދުކޮށްގެން ގެންގުޅުނު ކަމަށް ވިދާޅުވި އެވެ. ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނާއި ސިޔާސީ އެހެން މީހުންގެ އިތުރުން ޝަރުއީ ދާއިރާގެ މީހުންނާ މެދު ވެސް ކަންތައް ކުރީ އެގޮތަށް ކަމަށް ވިދާޅުވި އެވެ.

ކެމްޕެއިނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ހަވީރު ނ. މަނަދުއަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ކިޔަނީ --

ކެމްޕެއިނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ހަވީރު ނ. މަނަދުއަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ކިޔަނީ --

"ރައްޔިތުން އިންތިހާބުކޮށްފައި އޮތް ޑިމޮކްރެޓިކް ސަރުކާރެއްގެ އެއްވެސް ސިފައެއް އެ ސަރުކާރަކު ނެތް. ހުދުމުހުތާރުކަމާއި އަނިޔާވެރިކަމާއި ބިރުވެރިކަން ރައްޔިތުން އިހުސާސް ކުރަމުން ރައްޔިތުން ގެންދިޔައީ،" ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމަށް އިޝާރާތް ކުރައްވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ، މި އަހަރުގެ އިންތިހާބުގައި ނިންމަންވީ އެނބުރި އެ އަނިޔާވެރިކަމަށް ދާނީ ތޯ ނުވަތަ ސުލްހަވެރިކަމުގައި ތިބޭނީ ތޯ ކަމަށެވެ.

"މި އަހަރު މި ބޭއްވޭ އިންތިހާބުގައި އަޅުގަނޑުމެން ނިންމަންވީ އެނބުރި އެ ދުވަހަށް ދާންވީތޯ ނޫނިއްޔާ މި ސުލްހަވެރިކަމާއި ހަމަޖެހުމުގައި އަޅުގަނޑުމެން ތިބޭނީ ތޯ އޮތް ސުވާލެއް އަޅުގަނޑުމެން ކުރިމަތީގައި،" ރައީސް ވިދާޅުވި އެވެ.

އެމްޑީޕީގެ ޕްރައިމަރީ އިންތިހާބުގެ ކެމްޕެއިނުގެ ތެރެއިން މަނަދޫގައި މިއަދު ރައީސް އެމްޑީޕީގެ މެމްބަރުންނާ ވާހަކަ ދައްކަވަނީ

އެމްޑީޕީގެ ޕްރައިމަރީ އިންތިހާބުގެ ކެމްޕެއިނުގެ ތެރެއިން މަނަދޫގައި މިއަދު ރައީސް އެމްޑީޕީގެ މެމްބަރުންނާ ވާހަކަ ދައްކަވަނީ

އެ މަނިކުފާނު މިއަދު ފާހަގަކުރެއްވި އެއް ކަމަކީ އެމްޑީޕީން ރިޔާސީ އިންތިހާބު ކާމިޔާބު ކުރި ހުރިހާ ފަހަރެއްގައި އެކަން ކޮށްފައި ވާނީ އެހެން ޕާޓީތަކާ ގުޅިގެން ކަމެވެ.

އެންމެ ބޮޑު ޕާޓީއަކީ އަދި އެންމެ ގިނަ މީހުންގެ ތާއީދު އޮތް ޕާޓީއަކީ އެމްޑީޕީ ކަމަށް ވިޔަސް ރާއްޖޭގެ ސިޔާސީ މަސްރަހު އޮތް ގޮތާއި ރައްޔިތުންގެ ނިންމުންތައް ހުރި ގޮތުން އެނގެނީ ރައްޔިތުން އަދިވެސް ހިޔާރުކުރަނީ ގިނަ ޕާޓީ އެކުލެވޭ ސަރުކާރެއްކަން ކަމަށް ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.

"ހަގީގަތުގައި ޑިމޮކްރަސީއެއް ފައްކާވަމުން އަންނަ އިރު، އެއީ އެންމެ ރަނގަޅު ގޮތް. ކަންތައްތައް ހަމަޖެހި ތަރުތީބު ވަންދެން ގިނަ ފިކުރުތައް އެއް ތަނެއްގައި ތިބެ މަޝްވަރާ ކޮށްގެން ކަންކަން ނިންމުމަކީ ގައުމަށް އެންމެ ފައިދާ ހުރި ގޮތް ކަން އަޅުގަނޑު ގަބޫލުކުރަން،" ރައީސް ވިދާޅުވި އެވެ.

ކެމްޕެއިނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ހަވީރު ނ. މަނަދުއަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ކިޔަނީ --

ކެމްޕެއިނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ހަވީރު ނ. މަނަދުއަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ކިޔަނީ --

ރައްޔިތުންގެ ވިސްނުން އެހެން ހުރުމާއެކު، ސާފުކޮށް ފެންނަން އޮތް ހަގީގަތަކީ، ރިޔާސީ އިންތިހާބެއް ކާމިޔާބު ކުރެވޭނެ ކެންޑިޑޭޓަކަށް އެމްޑީޕީގައި ހުރީ އެ މަނިކުފާނުކަން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އެކަމަކު، ޕްރައިމަރީގެ ނަތީޖާ ނުކުންނަ ގޮތަކުން އަނެއްކާ ވެސް އެމްޑީޕީ މަގުމަތިވެފައި އޮންނަން ޖެހިދާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަނަދޫގައި ވެސް ތަކުރާރުކުރެއްވީ އެ މަނިކުފާނަށް ޕްރައިމަރީ އަދި ރިޔާސީ އިންތިހާބު ބޮޑު ތަނުން ކާމިޔާބު ކުރެއްވޭނެ ކަމުގެ ޔަގީންކަން އޮތް ކަމެވެ. އަދި ޕްރައިމަރީން ކާމިޔާބު ހޯދަން ބޭނުންފުޅު ވަނީ ހުރިހާ ދާއިރާއެއްގެ އަޣުލަބިއްޔަތާއެކު ކަމަށް ވިދާޅުވި އެވެ.