Roadha Mihaaru
"ތަރައްގީކުރަންޖެހެނީ ބޮޑެތި ރަށްތައް އެކަންޏެއް ނޫން"

ތަރައްގީކޮށް ދޭންޖެހެނީ ހަމައެކަނި ބޮޑެތި ރަށްތަކާއި ސިޓީތަކެއް ނޫން: ރައީސް

12 އޯގަސްޓް 2023

ކުދި އާބާދީތައް އޮންނަ ރަށްރަށަށް ބޭނުންވާ ކަންކަން ކޮށްދިނުމުގައި ކުރީ ސަރުކާރުތަކުން އިހުމާލުވެފައި އޮތުމަކީ ގައުމު ކުރި ނާރާ އޮތް ސަބަބު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ނާޒިމް ހަސަން ނ. މަނަދޫން ނާޒިމް ހަސަން

ކުދި އާބާދީތައް އޮންނަ ރަށްރަށަށް ބޭނުންވާ ކަންކަން ކޮށްދިނުމުގައި ކުރީ ސަރުކާރުތަކުން އިހުމާލުވެފައި އޮތުމަކީ ގައުމު ކުރި ނާރާ އޮތް ސަބަބު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ދެވަނަ ދައުރަކަށް ކުރައްވާ ރިޔާސީ ކެމްޕެއިންގައި މިރޭ ނ. މަނަދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވަނީ އެމަނިކުފާނާ ވާދަވެރި ކެންޑިޑޭޓުންނަށް ބަހުގެ ހަމަލާތަކެއް ދެއްވާފަ އެވެ. ހާއްސަ ގޮތެއްގައި އެންމެ ވާދަވެރި، ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ރައްދު ދެއްވި އެވެ.

މުއިއްޒު މިއަދު ކުރެއްވި ކެމްޕެއިން ދަތުރުގައި ވާހަކަ ދައްކަވަމުން ވިދާޅުވެފައިވަނީ ބޮޑެތި އާބާދީތައް އޮންނަ ރަށްރަށް ދޫކޮށްލުމަށްފަހު، ކުދި އާބާދީތައް ތަރައްގީކުރުމުން ތަރުތީބު އޮޅޭ ކަމަށެވެ. އެ ވާހަކައަށް ރައީސް މިރޭ ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ. ރައީސްގެ ސިޔާސަތަކީ ކުޑަ ރަށެއް ބޮޑު ރަށެއް ބެލުމެއް ނެތި އަސާސީ ހިދުމަތްތައް ގާއިމްކޮށްދިނުމެވެ.

އެގޮތުން، ގިނަ ރަށްތަކެއްގައި އަސާސީ ހިދުމަތްތަކުގެ މަޝްރޫއުތައް މި ސަރުކާރުން ގެންދަނީ ހިންގަމުންނެވެ.

"އަނެއް ކެންޑިޑޭޓަކު މި ވިދާޅުވަނީ އަމާޒަކީ އާބާދީ ބޮޑު ރަށްރަށަށް ކަންކަން ކޮށްދިނުމޭ. އެއީ ތަފާތަކީ، އަޅުގަނޑުމެން އިސްކަން ދެނީ ވަކިވަކި ފަރުދުންނަށް. ކޮންމެ ތާކު އުޅުނަސް ހައްގުވާ ކަންކަން އެބަ ހުރޭ. އެއީ އާބާދީ ބޮޑު ރަށެއްގައި ނޫނީ ސިޓީއެއްގަ އުޅޭތީ ކޮށްދޭން ޖެހޭ ކަމެއް ނޫން. އެއީ ދިވެއްސަކަށްވީތީ ކޮށްދޭން ޖެހޭނެ ކަންކަން،" ރައީސް ވިދާޅުވި އެވެ.

"...ދަންނަވަންތޯ މި ގައުމު ކުރި ނާރާ މިއޮތީ އެ ސިޔާސަތު ސަރުކާރުތަކުން ގެންގުޅެފައި އޮތުމުން. މިއަދު ވެސް އެ ބޭފުޅުން އެ ހާމަކުރަނީ އެ ސިޔާސަތު. އޭގެ ފަހަތުގައި އޮންނާނީ އަނިޔާވެރިކަމާއި ގަދަބާރުން ވެރިކަން ކުރުން. ދެނެއް އެއެއް ރައްޔިތުން ބޭނުމެއް ނޫން. އެކަމަކު މި ސަރުކާރުގެ ތަފާތު ފެންނާނެ."

ރައީސް ވަނީ އެމަނިކުފާނާ ވާދަކުރާ އެހެން ކެންޑިޑޭޓުންނަށް ވެސް ފާޑުވިދާޅުވެފަ އެވެ. އެގޮތުން، އެ ބޭފުޅުންގެ ހަރުދަނާ ސިޔާސަތެއް ނެތްކަން ފާހަގަކުރެއްވި އެވެ. ރައީސް ވިދާޅުވި ގޮތުގައި އެއް ބަޔަކު ކެމްޕެއިންގައި ކުރާ ހަމައެކަނި ކަމަކީ، ޒާތީވެގެން ވާހަކަ ދެއްކުން ކަމަށެވެ.

ނ. މަނަދޫގައި މިއަދު ބޭއްވި ޖަލްސާގެ ތެރެއިން: ރައީސް ޔަގީން ކުރައްވާ ގޮތުން ނ. އަތޮޅުން ބޮޑު ތާއިދެއް ލިބޭނެ

ނ. މަނަދޫގައި މިއަދު ބޭއްވި ޖަލްސާގެ ތެރެއިން: ރައީސް ޔަގީން ކުރައްވާ ގޮތުން ނ. އަތޮޅުން ބޮޑު ތާއިދެއް ލިބޭނެ

"އެ ބޭފުޅުން ހެނދުނު ކިޔަނީ ވަކި އެއްޗެއް. ހަވީރު ވާއިރު އޭގެ އަނެއްކޮޅަށް ވާހަކަ ހުންނަނީ. ރޭގަނޑު ދައްކަނީ މުޅިން އެހެން ވާހަކައެއް، ދަންނަވަންތޯ؟ ހުވަފެނުގަ ފެންނަ ކަންކަން ހަގީގަތަކަށް ހަދަންޏާ ފުރަތަމަ ޖެހޭނީ ނިދިން ހޭލަން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އަނެއް ބަޔަކު ދައްކަމުންދާ ސިޔާސަތަކީ މިހާރު ވެސް މި ސަރުކާރުން ކޮށްދެމުންދާ ކަންކަން ކަމަށެވެ. އެގޮތުން، އެސްއެމްއީ މެދުވެރިކޮށް ރަހުނެއް ނެތި ލޯނު ދޭނެ ކަމަށް ބުނެ ވާދަވެރި ކެންޑިޑޭޓުން ވެފައިވާ ވައުދު ރައީސް ފާހަގަކުރެއްވި އެވެ. ރައީސް ވިދާޅުވި ގޮތުގައި މިހާރު ވެސް އެސްއެމްއީ ބޭންކުން ރަހުނާ ނުލާ ލޯނު ދަނީ ދޫކުރަމުންނެވެ.

"އަނެއް ބޭފުޅަކު ރަށަކަށް އަރާ މި ބުނަނީ 1200 މީޓަރުގެ އެއާޕޯޓެއް މި ރަށުގައި ހަދާނަމޭ، އޭރު 1600 މީޓަރު އެއާޕޯޓެއް އެ ރަށުގައި މި ދަނީ ހަދަމުންނޭ،" ރައީސް ވިދާޅުވި އެވެ.

ރައީސް ފާހަގަކުރެއްވި އެމަނިކުފާނުގެ ބައެއް ސިޔާސަތުތައް:

- ހައުސިން ލޯނު ހަ ޕަސެންޓްގެ އިންޓްރެސްޓްގައި ދިނުން.

- ސްޓޫޑެންޓް ލޯނު ވަކި އުސޫލަކުން މާފުކުރުން.

- ދަރިމައިވުމުގެ މައްސަލައިގެ ފަރުވާ އާސަންދައިގަ ހިމެނުން.

- ހިލޭ ޑިގްރީ ޕްރޮގްރާމް.

- ނަފްސާނީ ބައްޔަށް ފަސޭހައިން ފަރުވާ ހޯދޭނެ ގޮތް ހެދުން.

- ނުކުޅެދުންތެރިކަމުގެ ތެރަޕީ ރަށްރަށުން ލިބޭނެ ގޮތް ހެދުން.

ރައީސް ވިދާޅުވި ގޮތުގައި މިފަދަ ކަންކަމާ ގުޅޭ ގޮތުން ވާދަވެރި ކެންޑިޑޭޓުންގެ ސިޔާސަތެއް ނޯންނާނެ ކަމަށެވެ. އެފަދަ ވައުދުތަކެއް އެ ބޭފުޅުން ނުވާނެ ކަމަށެވެ.

"ކިހިނެއްތޯ އެކަން އެ ބޭފުޅުން ކުރާނީ. ރައްޔިތުންގެ އަޑުއަހައިގެން ނޫންތޯ އެކަން ކުރެވޭނީ. އަޅުގަނޑުމެން މެނިފެސްޓޯ ހެދީ ކޮންމެ ރަށަކަށް ޒިޔާރަތްކޮށް ކައުންސިލްތަކާއި ރައްޔިތުންނާ ބައްދަލުކޮށްގެން،" ރައީސް ވިދާޅުވި އެވެ.

ނ. މަނަދޫގައި މިއަދު ބޭއްވި ޖަލްސާގެ ތެރެއިން: ރައީސް ޔަގީން ކުރައްވާ ގޮތުން ނ. އަތޮޅުން ބޮޑު ތާއިދެއް ލިބޭނެ

ނ. މަނަދޫގައި މިއަދު ބޭއްވި ޖަލްސާގެ ތެރެއިން: ރައީސް ޔަގީން ކުރައްވާ ގޮތުން ނ. އަތޮޅުން ބޮޑު ތާއިދެއް ލިބޭނެ

އެގޮތުގެ މަތިން މަނަދޫއަށް ބޭނުންވާ ކަންކަން ވެސް ލިސްޓްގައި ހިމަނާފައިވާކަން ރައީސް ފާހަގަކުރެއްވި އެވެ.

މަނަދޫއަށްވީ ވައުދުތައް:

- ހުރިހާ މަގެއް ތަރައްގީ ކުރުން.

- ނަރުދަމާ ނިޒާމްގެ މައްސަލަތައް ހައްލުކުރުން،

- އައިސްޕްލޭންޓެއް ގާއިމް ކުރުން.

- ލޯކަލް މާރުކޭޓް އެޅުން.

- ސްކޭޓްޕާކެއް އެޅުން.

- ބަނދަރުގެ ދެކުނު ފަރާތުގައި ޖެޓީއެއް ހެދުން.

- ފަޅު ތެރެއިން ކުޑަ ޕިކްނިކް އައިލެންޑެއް ހިއްކައި ތަރައްގީކުރުން.

- ރަށް ގިރުން ހައްލުކުރުން.

ރައީސް ވިދާޅުވި ގޮތުގައި މަނަދޫ ހިމެނޭ ގޮތުން ނ. އަތޮޅުން އެމަނިކުފާނަށް ބޮޑު ތާއީދެއް ލިބޭނެކަމާ މެދު ޝައްކެއް ނުކުރައްވަ އެވެ. އެ މަންޒަރު މިއަދު ދަތުރު ކުރެއްވި ފަސް ރަށުން ވެސް ފެނިއްޖެ ކަމަށް ވިދާޅުވި އެވެ.

"އަރާ ކޮންމެ ރަށަކުން ފެންނަނީ އަޅުގަނޑުމެންނާ އެކު އޮތް ތަން. ނ. އަތޮޅުން ބޮޑު އަގުލަބިއްޔަތު އަޅުގަނޑުމެންނަށް ލިބޭ ތަން. އެއްބުރުން މި ނ. އަތޮޅު އަޅުގަނޑުމެންނަށް ކާމިޔާބު ކުރެވޭނެ،" ރައީސް ވިދާޅުވި އެވެ.

"މިއޮތް ހުރިހާ ދުވަހު މި އަތޮޅު ބޭނުން ކުރަމުން އަންނަނީ ހުސް ނޫނެއްގެ ގޮތުގައޭ، އެކަމަކު މިހާރު މިއީ ހުސް ނޫނެއް ނޫން، އެ މަންޒަރު ކޮންމެ ރަށަކުން ވެސް އަޅުގަނޑަށް ފެނިގެން ދިޔައީ."